29 އެޕްރީލް 2025

ވާހަކަ: ހަހަރުވެތި ކަމަނާ (ދެވަނަ ބައި)

ހިޔަލަ އޭނާގެ އެކުވެރިންނާއެކު މަންމައަށް ރާ އަކިރި ހޮވައިދޭން ގޮސްއުޅޭއިރު ޒުބޭރުވެސް ބައެއްފަހަރު އެމީހުންގެ ފަސްފަހަތުން ދެއެވެ. މިގޮތަށް ރީތި ހުދު ދޮންވެލިގަނޑު މަތީ ހިނގަމުން ހުދު އަކިރި ފޮތީގައި ކުޑަކޮށް ފެހިކުލައިގެ ތިކި ބުރާފައި ހުންނަ އަކިރި ފާހަގަކޮށްގެން ހޮވަމުން ދާއިރު އެނބޫ ގަސްތަކާ އަރާ ހަމަވުމުން އެނބޫ ނުބިނދެވިގެން ހިޔަލަމެން އުޅޭ މަންޒަރު ބަލަން ޒުބޭރު ހުންނަނީ އެފުރުސަތުގެ އިންތިޒާރުގައެވެ. އެގޮތުން އެނބުލާއި ދޮންމޫސަ އަދި ކަށަވައް ބިނދެދީގެން ހިޔަލަގެ ހިތަހަމަޖައްސައިދެވިއްޖެ ނަމަ ޒުބޭރަށް އެދުވަހަކު ނުހަނު ބޮޑު އުފަލެއް ލިބެއެވެ. ނަމަވެސް މުދިންބެއަށް ރަށުގެ މީހުން ކުރާ ޤަދަރާ ހިޔަލަގެ ރީތި ކަމުގެ ކުރިމަތީގައި ޒުބޭރަކީ ކާކުހެއްޔެވެ؟ ރަށުގެ އެއްވެސް ފިރިހެން ކުއްޖަކަށް ހިޔަލަ ކުރިކަނޑާލަންވެސް ނުކެރޭކަން ޒުބޭރަށް އެނގެއެވެ. ހިޔަލައަކީ އަދި އެންމެ ފަނަރަ ސޯޅަ އަހަރުގެ ޅަދޮޅު އަންހެން ކުއްޖެއް ނަމަވެސް ބުނަންނޭގޭ ފަދަ އިހުސާސް ތަކެއް ޒުބޭރު ފެނުމުން ހިޔަލައަށްވެސް ކުރެވެއެވެ. ޒުބޭރު ނުފެނިއްޖެނަމަ ފަސް އެނބުރި ހޯދާ ބެލެއެވެ. ގަހަކުން ފަތެއް ހެލިލިޔަސް ޒުބޭރު އަންނަހެން ހީވެއެވެ. ދުވަސްވާވަރަކަށް ޒުބޭރުގެ ގައިގެ ރަތްދޮންކުލަ ފާޅުވަމުން ހަމުގެ އޮމާންކަން އިޢާދަވަމުން ދެއެވެ. ބާމަތިފުޅާ ބިޔަ ހަށިގަނޑާއި ބުރުސޫރަ ރީތި މޫނުގެ ޖާދޫ ހިޔަލައަށް ވަނީ ކިތަންމެ ރަނގަޅަކަށްވެސް ޖެހިފައެވެ.

ރާވެރިން ރުއްތަކުން ފައިބާ ހެނދުނުގެ ނާސްތާ ވަޤުތު ނިމި އެއްބަންނަން ގެންގުޅޭ ފަތްކޮޅު ކަފާލަން ހޮޅުއައްޓަށް ދާން ހެލިފެލިވެގަތް ވަގުތެވެ. ބޮނބިފާލަށް ދިޔަ އަންހެންވެރިންވެސް ބޮނބިތައް ތަޅާ ނަރު މުޅޯށި ބޮލަށް ލައިގެން ގެތަކާ ދިމާލަށް މިސްރާބު ޖަހަމުން ދެއެވެ. މިއެންމެންގެ ފިޔަވަޅުތަކަށް ހަލުއިކަން ގެނުވީ މިސްކިތް ދޮށުން ފުންމާލި ސަންގުގެ އަޑުންނެވެ. ރަށުގެ ކުދިބޮޑު އެންމެން އެމީހަކު ކުރަން ހުރިކަމެއް ބަހައްޓާފައި ގުންފައިޖަހަމުން މިސްކިތާ ދިމާލަށް ދުއްވައި ގަތެވެ. ޒުބޭރުވެސް ރަށުގެމީހުން ދާދިމާލަށް މިސްރާބު ޖެހިއެވެ. ރައްޔިތުން އެއްވުމުން އެއްވެ ތިބިމީހުންނާ މުޚާތަބުކޮށް ވާހަކަ ދެއްކީ ކަތީބެވެ. މިހާރު އިރުވައި މާމަސް ލައިގަންނަނީއެވެ. އަހަރެމެން މިތާ ދިރި އުޅޭތާ މިހާރު ދެތިންއަހަރުވީއެވެ. ކޮންމެ އަހަރަކުވެސް ފޭރޭމީހުން އެދަނީ އަހަރެމެންގެ މުދާކޮޅު އެކަށް ދަވާލައިގެންނެވެ. އެހެންވީމާ އެމީހުންނަށް އަހަރެމެން ނުފެންނާނެ އެހެން ދިމާލަކަށް ގެތަށް ބަދަލުކުރަން އަހަރެންނަށް ފެނެއެވެ. މިކަމާ ރަށުގެ ހުރިހާ ރައްޔިތުން ވެސް އެއްއަޑުން އާނބަސް ބުންޏެވެ. ޒުބޭރަށް އެނގިގެންދިޔައީ އުތުރުކަރައިގެ މަލަބާރުން އަންނަ ފޭރޭޒާތު ޗޯރީންގެ އުނދަގޫ މިރަށްތަކުގެ އަހުލުވެރިންނަށްވެސް ފޯރާފައިވާ މިންވަރެވެ. މިއީ ޒުބޭރުވެސް އޭނާގެ ދަތުރުތަކުގައި އެތައް ފަހަރަކު ކޮށްފައިވާ ތަޖުރިބާއެކެވެ.

ރަށުގެ ގިނަ ރައްޔިތުންގެ މަޝްވަރާގެ މަތިން ރަށުގެ ފުއްޓަރު ފަރާތު މައިވަލުތެރެއިން ފެންތިލަތާ ކޮޅޭ ކިޔުނު ތާނގައި އަލުން އާބާދުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ފަށައިގަންފިއެވެ. ގަސްބޯ ޖަންގަލިތެރެ ކޮށާ ސާފުކުރަމުން ދިޔައިރު ޒުބޭރު ވެގެން ދިޔައީ ފިސާރި މުރާލި ،ހީވާގި މީހަކަށެވެ. ޒުވާނުންގެ ތެރެއިން ނަގާކިޔަން ޒުބޭރު ހުރެގެން ފޯރިއާއި ޖޯޝުގައި މަސައްކަތް ކުރަމުން ދިޔައިރު ހިޔަލައާއި އޭނާގެ އެކުވެރިން މުދިންބެގެ ފަރާތުން ރަލާއި ފުއްސައި ފަދަ މީރު ބުއިންތައް ހަދިޔާ ކުރަމުން ދިޔައެވެ. ނުހަނު ލޯތްބާ އެކު ހިޔަލަ ޒުބޭރަށް ރާތަށި ދިއްކޮށްލާއިރު ޒުބޭރު ރާތަށީގައި ހިފަނީ ހިޔަލައާ ހަތަރު ކަޅި ހަމަކުރަމުންނެވެ. މިފަދަ ވަގުތު ތަކުގައި ދެހަށިގަނޑުތެރޭގައި ވެސް ބުނަންނޭނގޭ ޖަޒުބާތުގެ އޮއިވަރެއް ހިނގައިގަނިގެންދެއެވެ.

ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން ދިޔަ ބުރަމަސައްކަތުން އިރުވައި މާމަސް ލައިގަންނަންވާއިރަށް ބިންސާފުކޮށް ނިންމާލައިފިއެވެ. އަދި އަލުން އާބާދުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އިހު ހުރިގެތައް ރޫޅާ ދަނޑިތަކާއި މުޑިތައް އުފުލާ އާގެތަކެއް ބިނާކުރިއިރު ޒުބޭރުވެސް އޭނާ ދިރިއުޅޭވަރުގެ ޖިފުޓިއެއް ބިނާކުރިއެވެ. ހިފާގެންގުޅޭ ތަކެއްޗާއި އެނދު އަށި މިގޮތަށް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ ބޮޑު ތަކުލީފަކަށް ވީނަމަވެސް ފޭރޭ މީހުންގެ އުނދަގުލާހެދި މިކަންކުރަން މިބައިމީހުންނަށް މަޖުބޫރެވެ. އެމީހުންގެ ކާބަފައިންވެސް ރާޅުބޮޑު ގާމަތި ރަށްރަށް ދިރިއުޅެން އިޚުތިޔާރުކުރީ ފޭރޭ މީހުންނަށް އެއްގަމަށް އަރަން އުނދަގޫ ރަށެއްގައި ދިރިއުޅުމުގެ ބޭނުމުގައެވެ.

ފޭރޭމީހުން އަންނަންވާއިރަށް ޅޮހީރައްޔިތުންތިބީ ވާންހުރި ހުރިހާ ތައްޔާރެއް ވެ ނިމިގެންނެވެ. ދެލިބެހުރާގައި ހުރި އެންމެ ދިގުރުކުގެ ކުރީގައި ދެލިބެ އިންނައިރު މާފަރާދިމާ މާސިންގާ ކަނޑުތެރެއިން ކަނިލަމުން އަންނަ ފޭރޭމީހުންގެ އުޅަނދު ދެލިބެގެ ލޮލުގައި އަޅައިގަތެވެ. އަވަސް އަވަހަށް ރުކުންފައިބާ ރަށާދިމާލަށް ދުއްވައިގަތެވެ. ފޭރޭމީހުން މިސަރަހައްދުގައި އުޅޭކަމުގެ ބިރުވެރި ޚަބަރު ރަށުގެ ރައްޔިތުންނަށް ދެލިބެ ދިނެވެ. މިއާއެކު ރަށުގެ ކުދި ބޮޑު އެންމެން އެއުޅެގަތް ގޮތަކުން ޒުބޭރު އަޖައިބުވެ އަންތަރީސް ވިއެވެ. މިރަށުގެ މީހުންނަށް ފޭރޭމީހުންގެ ބިރު އޮތްމިންވަރު އިހުސާސްވެ ދެރަވެސް ވިއެވެ. އެމީހަކާ އެމީހަކު ގޭގައި ހުރިއްޔާ ހުރި ހިފާގެންގުޅޭ އެއްޗެއްވިއްޔާ ހިފައިގެން ޖެހުނު ދިމާލަކުން ވަލުތެރެއަށް ވަނެވެ. އަވަސް އަރައިގެންފައިވާ ވަރުން މިތަކެތި ވަޅުލުމުގައި އެއްވެސް ފާހަގައެއްވެސް ނުލައެވެ. ޒުބޭރު މީސްމީހުންގެ ގާތު ފާހަގަވާކަހަލަ ތަންތާ އެއްޗެހި ވަޅުލުމަށް އިރުޝާދު ދެމުން ދިޔައެވެ.

މިތަކެތި ވަޅުލާ ނިމުމުން ކަތީބު ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭފަދަ ހާލަތް ތަކުގައިނޫނީ ބޭރަށް ނިކުމެ ނޫޅުމަށް އިރުޝާދުދީ ހެދިއެވެ. ޚާއްސަކޮށް އެއްވެސް ދިމާލަކުން ގޮނޑުދޮށަށް ނުނިކުތުމުގެ އަމުރު ނެރުނެވެ. އަދި ކަނޑުމައްޗަށް އެރުމަށް ބޭނުންކުރާ އުޅަނދުތައް އެއްގަންކޮށް ފޮރުވިއެވެ. އެއާއެކު ހީވީ މުޅިރަށް އެކީ އެކައްޗަކަށް ނިދިހެން ނެވެ. ގޭގޭގެ ފުޅަލިތައް ލައްޕާ އެތެރެއިން ތަންޑު އަޅައިފިއެވެ.

ފޭރޭމީހުންގެ ނާ އައިސް ޅޮހީ ބޭރަށް ރިޔާތައް ދޫކޮއްލިއެވެ. ނަވުން ދިހަވަރަކަށް މީހުންފައިބާ ރަށުތެރެ ބެލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން މީހުން ދިރި އުޅޭތަން ބަދަލު ކޮށްފިކަން މިމީހުންނަށް އެނގިއްޖެއެވެ. އިތުރު މަޝްވަރާ ތަކަކަށްފަހު ނިންމީ މީހުން ދިރިއުޅޭ ދިމާ ހޯދުމަށް ރަށުތެރެ ބަލާ ފާސް ކުރުމަށެވެ. މިމީހުންގެ ކުޅަދާނަކަމާ ވަލުތެރެއަށް ފަރިތަކަމާއެކު މުޅިވަލުތެރޭގައި އަތްފުނާ އަޅައިގެން މީހުން ދިރިއުޅޭ ދިމާ ހޯދައިފިއެވެ. ފަހަރަކު ގެއަކަށް ވަންނަމުން އަތުޖެހުނު އެއްޗެއްވިއްޔާ ގެންދަމުން ދިޔައިރު ނިކަމެތި ޟަޢީފް ރައްޔިތުން މޭގައި އަތް އަޅައިގެން ބިރުން ވިރިވިރި ތިއްބެވެ. ފަހަރަކުގެއެއް ލޫޓުވަމުން ފޭރެމުން ގޮސް ފޭރޭމީހުން ގެ އަމާޒަކަށް މުދިންބެގެ ވެއްޖެއެވެ. ފުޅަލީގައި ހިފާ ކުއްލިއެއް ޖެހުމަށްފަހު ފުޅަލިގަނޑު ލުއްސާލިއެވެ. އަދި ފޭރޭމީހުންގެ ބައިގަނޑު ގޭތެރެއަށް ވަދެގަތެވެ. ބިރުން ފިލާ ތިބި މުދިންބެގެ ޢާއިލާއަށް ހިމޭނުން ނުތިމަށް މަޖުބޫރުވީ މުދިންބެ އުތުރު އެނދު ތަންދޮށުގައި ވަޅުލާފައި ހުރި ކުޑަވަރެއްގެ ލަކުޑި ފޮއްޓެއް ފޭރޭ މީހަކު ނެގުމުންނެވެ. އެއީ މީގެ އެތައް އަހަރެއް ކުރީއްސުރެ މުދިންބެ ހިޔަލައަށް ޓަކައި ފޮރުވާފައި ހުރި ގަހަނާ ކޮޅެކެވެ. ދުވަހަކުވެސް މިރަށުގެމީހަކު ފޭރޭ މީހުންނާ ދިމާލަށް ޗުއްޕުވެސް ނުބުނެއެވެ. ނަމަވެސް މިއަދަކު މުދިންބެ އަކަށް ކެތެއް ނުކުރެވުނެވެ. ތިޔަ ނުގެންދާށޭ ކިޔާ ހަޅޭއް ލަވައިގަތެވެ. އެއާއެކު ފޭރޭމީހަކު މުދިންބެގެ މޭގައި އަތްއަޅާ ކޮއްޕާލި ވަގުތު މުދިންބެގޮސް ޖެހުނީ މާދުރަށެވެ. މިމަންޒަރުފެނި ބައްޕަގެ އެދުމަށް ފޭރޭމީހުންނަށް ނުފެނި ފިލާއޮތް ހިޔަލަގެ ކެތްތެރިކަން ކޮޅުންލިއެވެ.

ކުއްލިއަކަށް ފޭރޭމީހުންގެ ކުރިމައްޗަށް އަރާ ހަޅޭއް ލަވައިގަތެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް ފޭރޭމީހުންގެ ގުރޫޕު ފިނިވެ މައިތިރި ވެއްޖެއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާ ވާހަކަތަކެއް ދައްކަން ފަށައިފިއެވެ. އަދި އަތުގެ އިޝާރާތުން ހިޔަލައަށް އެމީހުންނާ އެކު ދިއުމަށް އެންގިއެވެ. ނަމަވެސް ހިޔަލަގޮސް އޭނާގެ މުސްކުޅި ބައްޕަގެ ގައިގައި ބައްދާލިއެވެ. ދެންކަންތައް ވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މުދިންބެ ގައިން ހިޔަލަވަކިކޮށް ގަދަކަމުން ގެންދަން ފަށައިފިއެވެ. ހިމޭންކޮށް އޮތް މާހައުލު ބަދަލުވެ ރުއިމާ ގިސްލުމުގެ އޮއިވަރެއް ހިނގައި ގެންފިއެވެ. މިއަޑަށް ގޭގެއިން މީހުން ނިކުމެ ބައެއްމީހުން ގައިހުރިބާރަށް ރޮއިހޭރިގަނެއެވެ. އަނެއްބަޔަކު އެބައިމީހުންގެ އަންހެން ދަރިން އަތުގައި ހިފައިގެން ފުޅަށް ފުޅަފާ ނިވާވެއެވެ. ގޭގައި އެކަނިމާ އެކަނިއޮތް ޒުބޭރަށް ރަށުތެރެއިން ރޯއަޑާ ހޭރޭ އަޑު އިވިގެން ނިކުމެ ވާނުވާ ބަލައިލިއެވެ. ފުރަތަމަ ދިމާވި މީހާގާތު މިވަނީކީއްތޯ އަހާލުމުން ފޭރޭމީހުން ހިޔަލަ ގެންދަނީއޭ ބުނުމާއެކު ޒުބޭރުގެ ޒުވާންލޭ ބޮކިޖަހާފައި ކެކެން ފެށިއެވެ. ބަލާކަށްނުހުރެ އަތަށް ހެޔޮވަރު ލަޓިބުރިއެއް ނަގައިގެން ދުއްވައިގެންފިއެވެ. ޒުބޭރު ވަނީ ހަމައިން ނެއްޓިފައެވެ. ހިޔަލަގެ އަތުގައިހިފާ ދަމަމުން ގެންދިޔަ ފޭރޭމީހާއަށް ވާނުވާވެސް އެނގުނީ ކަންފަތް މައްޗަށް އެރި ހޫނު އެތިފަހަރަކާއެކު މާދުރަށް ވިއްސައިގެން ގޮސް ޖެހުނީމައެވެ.

އިރުކޮޅެއް ނުވެ ދެންތިބި އެންމެން ޒުބޭރުވަށާލިއެވެ. ނަމަވެސް ޒުބޭރުގެ މުލައްދަނޑީގެ ބާރުގެ ކުރިމަތީގައި ފޭރޭބައިގަނޑު ބިންމައްޗަށް ތިރިކުރިއެވެ. އޭރު މުދިންބެގެ ދެމަފިރިން ހިޔަލަ ގައިގައި އޮޅުލައޮޅުލާފައި ރޮމުންދެއެވެ. ހިޔަލަވެސް ބިރުން ގޮސް ރޯމަހެއް ތެޅޭހެން ތެޅެއެވެ. ރަށުގެ ރައްޔިތުން ތިބީ ޒުބޭރުގެ ބިރުކުޑަކަމާއި ޖެހިލުން ކުޑަކަން ދެކެ އަޖައިބު ވެފައެވެ. އެމީހުން ޒުބޭރަށް ކޮއްފާނެކަމަކާ ދޭތެރޭ ބިރުން ވިރިވިރިއެވެ. ބިންމަތީ ފުރުޅި ފުރުޅިތިބި ފޭރޭމީހުން ކުކުރަމުން ތެދުވިއެވެ. އޭގެ ތެރެއިން އެކަކު އޭނާގެ ފަހުބަސް ބުނެފިއެވެ. އަހަރެމެން ރަށަށްގޮސް އަހަރެމެންގެ ބޮޑުންނާއެކު ވަރަށް އަވަހަށް ތިޔަ ސާހިބާ ބަލައި އެބައަންނަމެވެ. ތިޔަހާ ރީތި އަންހެން ސާހިބަކު މިކަހަލަ ފުށި ރަށްގަނޑެއްގައި އުޅެގެން ނުވާނެއެވެ. ތިޔަސާހިބާ އަހަރެމެންގެ ވެރިޔާއަށް ވެދުމަށް އަރުވަން ގެންދާނަމެވެ. އުރުދޫ ބަހުން ފޭރޭމީހާ ދެއްކި ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ޒުބޭރުގެ ލޭ ހޫނުވިއެވެ. ކަންނަންނޫރުން އައި ހޮޅިން ވާހަކަދެއްކީ އުރުދޫބަހަކީ ޒުބޭރުގެވެސް މާދަރީބަހެވެ. އޭނާގެ ހިތުތެރޭގައި ރައްކާ ކޮށްފައިވާ ޖަޒުބާތުތަކާ ކުޅެލި މީހާގެ ކަރުގައި ފިސާރިބާރަށް ހިފިއެވެ. އަދި އޭނާގެ ހަށީ ފުރާނަ ހުރިހާ ހިނދަކު ތިޔަކަން ކާމިޔާބުވިޔަކަ ނުދޭނަމޭ ބުނެ އަތުގައި ހުރިބާރަށް ފޭރޭމީހާ ކޮއްޕާ ގަޅުވާލިއެވެ. ޒުބޭރު ނުދަންނަ ބަހަކުން ފޭރޭ މީހުންނާ ވާހަކަދެއްކި މަންޒަރުފެނި ރަށުގެމީހުން އިތުރަށް ބިރުގަތެވެ. ދެލިބެ ކުރިޔަށްޖެހި އެމީހުން އެކީ އެއްޗަކާބެހޭގޮތުން ޒުބޭރާ ސުވާލުކުރިއެވެ. ޒުބޭރު ކިޔައިދިންވާހަކަތަކުން ރަށުގެމީހުން ބިރުން ފިއްކެނޑިއްޖެއެވެ. މުދިންބެ ހިތް ކުދިކުދިވާފަދަ ބެލުމަކުން އޭނާގެ ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އަދި އެދަރިފުޅު އޭނާގެ ގަޔާލާ ބޮނޑިކޮށްލީ ދުވަހަކުވެސް ވަކިނުކުރެވޭނޭ ބުނާފަދަ ގޮތަކަށެވެ. ހިޔަލަގެ ހިތް އިތުރަށް ކުދިކުދި ވެއްޖެއެވެ. އިހުނަށްވުރެ ބިރުވެރި ޚަބަރަކާއެކު ފޭރޭ މީހުންގެ ނާ ފުރައިގެން ގޮސްފިއެވެ.

(ނުނިމޭ، 3 ވަނަ ބައި އަންނަ ހުކުރު ދުވަހު ޝާއިޢުކުރެވޭނެ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު