އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ފަހަރުވެސް ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.
ފައިސަލް ވިދާޅުވީ، ރައީސް ޞާލިޙް އެމަނިކުފާނާ ހަވާލުކޮށްފައި އޮތީ ސޯޝަލް ސެކްޓަރުގެ ކަންތައްތައް މީހުން ބިނާކުރުމާއި، ޒުވާނުން މުޖުތަމައަށް ނެރުމާއި، އެމީހުންނަކީ މުޖުތަމައަށް ބޭނުންވާ ކަހަލަ ބައެއް ކަމަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
މީގެއިތުރުން، ސްކޫލު ދައުރުން ފެށިގެން ކުދިން މަސައްކަތްތައް އަހުލުވެރިކުރުމާއި، ޓޫރިޒަމް ދާއިރާ އެކި މަގާމުތަކަށް އިތުރަށް މީހުން ތައްޔާރުކުރުމާއި އެހެން ބައިވަރު ކަންތައްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިޖްތިމާއީ މަސައްކަތްތަކުގައި މިއުޅެނީ ގައުމާއި ޝައުގުވެރިކަމާއި ރައްޔިތުންނާއި މިގައުމަށް އޮތް ލޯބި އެދޭ މިންވަރާއި، މިގައުމަށް ރަނގަޅު ގޮތް އެދޭ މިންވަރާއި ރަށްރަށުގެ ކުރިއެރުމާއި ތައުލީމީ ސިއްހީ އެހެނިހެން ކަންތައްތައް އެނގޭތޯ. ޓޫރިޒަމްގެ ދައިރާގެ ނަފާ. އިގްތިސާދު ފުޅާ ކޮށްލެވޭނެ. އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް އެބަހުރި ކޮންޓިނިއުކުރެވޭނެ.".
ފައިސަލް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާ އިރު ރައީސް ސޯލިހު ދާދި ފަހުން ވިދާޅުވީ ސިކުނޑިފުޅުގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަނިންމޭޓަކު ނެގުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަ ދައްކަވަމުންދާ ކަމަށެވެ.
ނާއިބު ރައީސް ފައިސަލްގެ ބައޮގްރަފީ ނެރެފައިވާއިރު، އެރޭ ރައީސް ޞާލިހު ވިދާޅުވީ، ފައިސަލް ނަސީމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށެވެ.