ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލީ ކުއާން ޔޫ ކަމަށް ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ސިފަކުރައްވައިފިއެވެ.
ޒުވާނުންނަށް ޚާއްސަކޮށްގެން "35-18″ ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިވެންޓުގައި އަމީން ވިދާޅުވީ ދިވެހި ވިޔަފާރިވެރިންގެ އިޤްތިސާދީ މައި ތަނބަކީ ގާސިމް ކަމަށާއި، ފަތުރުވެރިކަމަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނައީ ޤާސިމް ކަމަށެވެ.
"އެމަނިކުފާނު ފަތުރުވެރިކަމުގެ ތެރެއަށް ނުކުންނެވި ދުވަސްވަރަކީ މިއަދު އޭގެ ތިރީހަކަށް، ސާޅީހަކަށް އަހަރު ފަސް އޭރުގެ މީހުންގެ ދުރުމީތަކުން ފެނުނު ޒަމާނެއް ނޫން. ނަމަވެސް ގާސިމްގެ ދުރުމީއަކީ ތީރީސް، ސާޅީސް، ފަންސާސް އަހަރުގެ ދުރު ފެންނަ ދުރުމީއެއް ކަން އެނގުނީ މީގެ ތިރީހަކަށް އަހަރު ކުރިން އެމަނިކުފާނު ކުރެއްވި އިންވެސްޓްމަންޓުތަކާއި ގެންގުޅުއްވި ވިސްނުންފުޅުތަކަކީ އޭގެ ތިރީސް، ސާޅީސް އަހަރު ފަހަށް ފެތޭ ވިސްނުންތަކާއި އިންވެސްޓްމަންޓުތަކާއި ފިކުރުތަކަށްވީމަ،"
އަމީން ވިދާޅުވިއެވެ.
"އެހެންވީމަ ފަތުރުވެރިކަމުގެ ލީ ކުއާން ޔޫ، ދިވެހި ގައުމުގެ ލީ ކުއާން ޔޫ އަށް ހެދުމުގެ ފުރުސަތު އޮތީ ކޮން ބައެއްގެ އަތްމަތީގައިތޯ؟ ޒުވާނުންގެ އަތް މަތީގައި،"
މިހެން ވިދާޅުވެ، ޒުވާނުން ޤާސިމުގެ ކެމްޕެއިންގައި ބައިވެރިވެ، އަމަލީ ގޮތުން މަސައްކަތްކޮށްދިނުމަށް އަމީން އެދިވަޑައިގަތެވެ.
އަމީން ވިދާޅުވީ ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، ސިޔާސީ ހަރަކާތްތަކާއި ވިޔަފާރިތައް އިތުރުވެ، ޕާޓީތައް އުފެދި، ބްރިޖުތަކާއި އުސް އިމާރާތްތަކެއް އެޅުނު ނަމަވެސް ހާސް ކަން ފިލައިގެން ގޮސްފައި ނުވާ ކަމަށާއި، މި ހާސްކަން ފިލާނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި ހާސްކަން ފިލާނީ ރައްޔިތުންނަށް އޯގާތެރި، އިހްލާސްތެރި، އިހްސާސްތައް ދަންނަ ރައްޔިތުންނަށް ކުރިއަށް އޮތް 50 އަހަރަށް ތަރައްގީގެ ދުރު ވިސްނުމެއް ގެނެސްދޭނެ މީހެއް ވެރިކަމެއް ގެނެސްގެން ކަމަށެވެ.
ސިންގަޕޫރަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައިވާ ގައުމަކަށް ބަދަލުކޮށްލީ ލީ ކުއާން ޔޫ އެވެ. އެއީ އެގައުމުގެ ކުރީގެ ބޮޑުވަޒީރެވެ. ނިއުމޯނިއާގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު މާރިޗު 2015 ގައި، އުމުރުން 91 އަހަރުގައި ލީ ކުއާން ޔޫ އަވަހާރަވި އިރު، އޭނާއަކީ ސިންގަޕޫރު މިހާރު މި ދެކޭ ތަރައްގީގެ ބާނީއެވެ.