އަމަލުކުރުން ހުއްޓައިލާފައިވާ ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓުކުރުމާ ގުޅޭ އެއްބަސްވުމަށް ރަޝިޔާއިން އަލުން އައުކުރާނީ ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠުތައް ފުރިހަމަވުމުން ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ތެރޭގައި ހަމަވެފައިވާއިރު، ރަޝިޔާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ދެކޮޅު ހަދާފައިވާއިރު، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މި އެއްބަސްވުން ހަދާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ހުރަސްއެޅުމުންނެވެ. މި އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވަނީ ތުރުކީވިލާތާއި އ.ދ އިންނެވެ.
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމެއްނަމަވެސް، އެ ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ސްޓޮކް ހުސްވާން ފަށައި، ގޮވާމާއި އެހެނިހެން ކާބޯތަކެތީގެ އަގުތައް އުފުލެން ފެށުމުން، ގިނަ ޤައުމުތަކެއްގައި އެތައް ބަޔަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސްތަކެއް ކުރިމަތިވިއެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދައި، އެކަމާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ އެއްބަސްވުމުގެ އެއްވެސް މާނައެއް މިހާރު ނެތް ކަމަށާއި، އެއްބަސްވުމަށް އަލުން ރުޖޫއަވާން އެއްބަސްވާނީ، ރަޝިޔާއިން ހުށަހަޅާ ޝަރުޠުތަކަށް ހުރިހާ ފަރާތަކުން އިޙުތިރާމުކުރަން އެއްބަސްވުމުން ކަމަށެވެ.
"އެއްބަސްވުން އަލުން ރުޖޫއަކުރަން ރަޝިޔާއިން ވެސް ބޭނުން. ނަމަވެސް، އެ ކަން ކުރެވޭނީ ޝަރުޠުތަކަކާ އެކު. ރަޝިޔާއިން ހުށަހަޅާ ޝަރުޠުތަކަށް އެއްބަސްވެ، އެ ކަންކަން ފުރިހަމަވުމުން މެނުވީ އެއްބަސްވުމަށް ރުޖޫއަވެވޭކަށް ނެތް،" ޕުޓިން ވިދާޅުވިއެވެ.
ރަޝިޔާއިން ހުށަހަޅާފައިވާ މައިގަނޑު ޝަރުޠަކީ، އެ ޤައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެއްޗާއި ގަސްކާނާގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި، އެ ކަންކަމާ ގުޅޭ ގޮތުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމެވެ. އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގައި އުފައްދާ ގޮވާމާއި ގަސްކާނާ އެކްސްޕޯޓު ކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބިދީފައި ނުވާ ކަމަށް ރަޝިޔާއިން ބުނެއެވެ.