އަލްޖަޒާއިރުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 34 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނު ސަހަރާ ސަރަޙައްދުގައި ކަމަށާއި އެކްސިޑެންޓު ހިނގާފައި ވަނީ ފަސިންޖަރުން އުފުލާ ބަހެއް އެހެން އުޅަނދެއްގައި ޖެހިގެން ކަމަށް ޚަބަރު ލިބެއެވެ.
މިއީ، އަލްޖަޒާއިރުގައި މިހާތަނަށް ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށާއި، މި ހާދިސާގައި އިތުރު 12 މީހަކު ޒަޚަމުވެފައިވާ ކަމުގައި އެ ޤައުމުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާއިރު، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ވަރަށް ބޮޑަށް ފިހި، އަނިޔާވެފައިވާ ކަމަށް ވެސް އެ އެޖެންސީ ހާމަކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެ ޤައުމުގެ ސިވިލް ޑިފެންސް އޭޖެންސީން ތަހުޤީޤު ވަނީ ފަށާފައެވެ.
ހާދިސާ ހިނގާފައި ވަނީ އަލްޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތަބޫން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވައިގެން އުޅުއްވަނިކޮށެވެ.
އަލްޖަޒާއިރަކީ މި ފަދަ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ޤައުމެކެވެ. 2022 ވަނަ އަހަރު އެ ޤައުމުގައި 23,000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާއިރު، އެކްސިޑެންޓުތަކުގައި 3,409 މީހުން މަރުވެ، އިތުރު 30,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހިނގި މި ފަދަ ނުރައްކާތެރި ހާދިސާއެއްގައި 20 މީހުން މަރުވެ އިތުރު 11 މީހަކު ޒަޚަމުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.