3 ނޮވެންބަރު 2024

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލި ނަމަވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މަހުގެ 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ބޭފުޅުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅާނީ އިންތިހާބާބެހޭ މަރުކަޒު، ދަރުބާރުގެއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ

  • ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  • އުމުރުން 35 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  • ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.
  • އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އިދާރީ ފީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދައްކަންޖެހެއެވެ.

މީގެއިތުރުން، ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅުން އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1،500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހާމަކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމު އިބްރާހީމް އާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނެއެވެ.

އަދި ދަ ޑިމޮކްރެޓްސްއިން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވަނީ އިއުލާނުކުރައްވާފައެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ މަތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބަކު ވާދަކުރެއްވުމުގެ ފުުރުޞަތެއް ނޯންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު