25 ޖަނަވަރީ 2025

ހަށިވިއްކުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކުރައްވައެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކް ޑިޕާޓްމަންޓާއި އިންޓެލިޖެންސްއާއި އަދި އިމިގްރޭޝަންއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ބިދޭސީ ތިން އަންހެނުންނާއި ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެތެރޭގައި ހިމެނެނީ، އުމުރުން 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަންކުޑަކޮށް ތިއްބަ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ތިން އަންހެނުންގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ. އުމުރުން 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު