ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް، އެ ޕާޓީގެ ދޮރުން ދޮރަށް ހިނގުމުގެ ކެމްޕޭން ހަރަކާތް މިއަދު ފަށައިފިއެވެ.
މި ހަރަކާތް ފަށާފައިވަނީ، މ. ކުނޫޒުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށްފަހުއެވެ.
ޖޭޕީން މިއަދު ދޮރުންދޮރަށް ހިނގަން ފެށީ މާލޭ ގައި ކުރިއަށްދާއިރު، މިއަދު މިހަރަކާތް ކުރިއަށް ދާނީ މާލޭގެ އެއް ބްލޮކްގައެވެ. މާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ 55 ބަޔަކަށް ބަހާލައިގެންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރު ބަދަލު ކުރަން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށާއި އޭގެފަހުގައި ދިވެހިން ބޭނުންވަނީ ގާސިމްގެ ވެރިކަމެއް ކަމަށްވެސް ޖޭޕީގެ އިސް ބޭފުޅުން ފާހަގަކުރެއްވިއެވެ.
ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް، ގާސިމް އިބްރާހީމަށް ރަސްމީކޮށް ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.
ގާސިމްގެ ކެމްޕޭން ޝިއާރަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" ކަމަށްވާއިރު، ރިޔާސީ އިންތިހާބަށް ގާސިމް ގެންގުޅުއްވަނީ މައިގަނޑު 21 ވައުދެކެވެ.
ޖޭޕީގެ ދޮރުންދޮރަށް ހަރަކާތް މިއަދު ރަސްމީކޮށް ފެށި ނަމަވެސް ޖޭޕީގެ ޓީމުތައް އަތޮޅު ތެރޭގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.