ބާސްމަތީ ހަނޑޫ ފިޔަވައި އެހެން ބާވަތްތަކުގެ ހަނޑޫ އެކްސްޕޯޓްކުރުން އިންޑިއާއިން މަޑުޖައްސާލައިފިއެވެ.އިންޑިއާއިން ހަނޑޫ އެކްސްޕޯޓްކުރުން މަޑުޖައްސާލީ އެ ޤައުމުގައި ހަނޑުލުގެ އަގު ތިން އިންސައްތައަށް އުފުލިގެންދިއުމުންކަމަށް ޚަބަރު ލިބެއެވެ.
ހަނޑުލުގެ އަގު އުފުލުމާއި ގުޅިގެން އިންޑިއާގެ ސަރުކާރުން ވަނީ ބާސް މަތީ ހުދު ހަނޑު ފިޔަވައި ހަނޑުލުގެ އެންމެ ބާވަތްތައް އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ކަމަށާއި، ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ހަނޑުލުގެ އަގު އުފުލިފައިވަނިކޮށް، އިންޑިއާއިން އެޅި ފިޔަވަޅާއި ގުޅިގެން އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގު އުފުލިގެންދާނެކަމަށް އިންޑިޔާގެ ޚަބަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އާދައިގެ ހަނޑޫ ނުވަތަ ހަރު ހަނޑު އެކްސްޕޯޓްކުރުން އިންޑިއާއިން މަނާކުރިއިރު، މިއީ އެ ޤައުމުން ކޮންމެ އަހަރަކު އެކްސްޕޯޓްކުރާ 22 މިލިއަން ޓަނުގެ ހަނޑުލުގެ ތެރެއިން ދެބައި ކުޅަ އެއްބައެވެ. ހަނޑޫ އެކްސްޕޯޓްކުރުން އިންޑިއާއިން މަނާކޮށްފައި މިވަނީ އޭގެކުރިން ހަނޑޫ އެކްސްޕޯޓްކުރުން މަދުކޮށްފައި އޮތުމަށްފަހުއެވެ.
ކާޑުގެ އެހެން ބާވަތްތައްވެސް އިންޑިއާއިން އެކްސްޕޯޓްކުރުން މިގެ ދުވަސްތަކެއް ކުރިން ވަނީ ކޮންޓްރޯލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ގޮދަން އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އަދި މިއަހަރު ވަނީ ހަކުރު އެކްސްޕޯޓްކުރާ މިންވަރުވެސް މަދުކޮށްފައެވެ.
މޫސުން ގޯސްވެގެން އޭޝިޔާގެ ބައެއް ޤައުމުތަކުގެ ދަނޑު ބިންތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ހަނޑުލުގެ އަގު މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ވަނީ މިދިޔަ 11 އަހަރު ތެރޭގައި މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.ދުނިޔޭގައިވެސް އެންމެ ގިނައިން ހަނޑޫ އުފައްދާ އިންޑިއާއަކީ ދުނިޔޭގެ ބާޒާރަށް ބޭނުންވާ ހަނޑުލުގެ 40 އިންސައްތަ އެކްސްޕޯޓްކުރާ ޤައުމެވެ. އެ ޤައުމުގައި ހަނޑުލުގެ އަގު އުފުލިގެންދިޔައީ އެންމެފަހުން ކުރިމަތިވި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެނެވެ.