ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ޔާމީންގެ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕީޕީއެމުން ބުނެފިއެވެ
ސެޕްޓެމްބަރު 9 ގައި ބާއވާ އިންތިހާބަށް މާދަމާއިން ފެށިގެން ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފައިވާއިރު، ދިގު ޖަލު ހުކުމެއްގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ކުރިންސުރެ އިއުލާނު ކުރައްވާފައެވެ.
ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން ދަނީ ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށާއި އެ މަނިކުފާނު އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މީޑީއާތަކަށް މެސެޖެއް ފޮނުވައި ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ފޯމް ފުރުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން މިހާރު ކުރިޔަށްދާ ކަމަށާއި އިލެކްޝަނަށް ފޯމް ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގާނެ ކަމަށެވެ.
ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްްގައި ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތު ވެގެންނެވެ. ކްރިމިނަލް ކޯޓުން އެ ހުކުން ޖެހީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ ޝަރީއަތް އޮތީ ހުއްޓުމަކަށް އައިސްފައެވެ.