އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭނެ އެއް ތަނަކީ މާ ބަގީޗާއެވެ. ތަފާތު ކުލަކުލައިގެ މީރުވަސް ދުވާ މާމެލާމެއްޔާއި، މާބުރާ ކޮކާލާއި ބަޅިނދު އުދުހިލާ ތަން ފެނުމުން، ހިތުގައި ޖަހާނީ އުފާވެރި ކަމުގެ ވިންދެވެ. ލެވޭނީ ހިތްހަމަޖެހުމުގެ ނޭވާއެވެ. މަޑުމަޑު ވައިރޯޅިއައިސް ބީހިލާ ކޮންމެ ހިނދަކުން، ލިއްބައިދޭނީ ޤުދުރަތުގެ ހަދިޔާގެ ފިރުމުންތަކުގެ އިޙްސާސެވެ.
މާ ބަގީޗާއެއް ހަދާން ޝަޢުޤުވެރިކަން ހުންނަނަމަ، އެންމެ ރަނގަޅު ފަރުމާއެއް ކުރެވޭނެ ގޮތްތަކާމެދު ޚިޔާލު ކުރާންޖެހެއެވެ. އެންމެ ފުރިހަަމަ ގޮތަކަށް އެކަން ކުރުމަށްޓަކައި ދުރާލާ ޕްލޭންކުރުމަކީ މުހިއްމު ކަމެކެވެ. ކޮންމެހެން މާ ބޮޑެތި ޚަރަދުތަކެއް ކުރާކަށް ނުޖެހެއެވެ. އެތަނަކާ ގުޅޭ އެންމެ ރީތި ގޮތްތަކެއް ހިމަނައިގެން، ފަރުމާކޮށްލީމަ އެނިމުނީއެވެ.
ނަމަވެސް މާ ބަގީޗާއަކަށް އިތުރު ފުރިހަމަކަން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު ޚިޔާލުތަކެއް ޙިއްސާކޮށްލަން ބޭނުމެވެ.
ފުރަތަމަ ކަމަކަށް، ބަގީޗާއަށް ފުރިހަމަކަން ގެނައުމަށްޓަކައި މާމެލާމެލީގެ އިތުރުން، ތިރީގައިމިވާ ގޮތަށް ފެން އޮހޮރޭ ކަންވާރެއް ބެހެއްޓިދާނެއެވެ. ކޮންމެހެން މި ބައްޓަމަށް ނޫނަސް ރަނގަޅުވާނެއެވެ.
ދެވަނަ ކަމަކަށް ރީތި ޑިޒައިނެއްގެ މޭޒެއް ބަހައްޓައި، އެއާއި ގުޅޭ ގޮނޑިތައް ބެހެއްޓިދާނެއެވެ. މޭޒު ބަހައްޓާ ތަނާ ދިމާލުގައި ސިމެންތި ނުޖަހާ ހުންނަ ފާރެއް ރޭނިދާނެއެވެ. ނުވަތަ ފަން ބޭނުންކޮށްގެންވެސް ބެކްޑްރޮޕެއް ހެދިދާނެއެވެ.
ތިންވަނަ ކަމަކަށް، ފެންގަނޑެއް ތައްޔާރުކުރެވިދާނެއެވެ. ފެންގަނޑު ތެރެއަށް މަސްލުމުން އެފެންގަނޑަށް އިތުރު ފުރިހަމަކަން އަންނާނެެއެވެ. ފެންގަނޑުގެ ބައްޓަން ބޭނުން ގޮތަކަށް ފަރުމާކުރުން އެންމެ ރަނގަޅުވާނެއެވެ.
ހަތަރުވަނަ ކަމަކަށް، ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ތަފާތު ބައްޓަމުގެ އެއްޗެހި ބެހެއްޓިދާނެއެވެ. ވަށްބޯޅައެއްހެން ހުންނަ އެއްޗެއް ބެހެއްޓިއްޖެނަމަ، ތަނުގެ ފަރުމާއަށް އިތުރު ފުރިހަމަ ކަމެއް އަންނާނެއެވެ. އަދި ފޮޓޯއަށްވެސް މަންޒަރު ރީތިވާނެވެ. ޒިންކް ނުވަތަ މެޓަލްއިން ހަދާފައި ހުންނަ ބައްޓަންތައް ބޭނުންކޮށްލެވިއްޖެނަމަ މާ ނަލަވާނެއެވެ.
ފަސްވަނަ ކަމަކަށް، "ވޭވް" ބައްޓަމަށް ހަދާފައި ހުންނަ އެއްޗެއް ބަހައްޓާލުމަކީ ފެންނަ ފެނުމަށް ބަގީޗާގެ ރީތިކަން ގެނުވާނެ ކަމެކެވެ. އަދި އައުޓްޑޯގައި ބެހެއްޓޭ ކަހަލަ، ގޮނޑި ސޯފާ ފަދަ، ތަކެތި ބަހައްޓާލުމުންވެސް އިތުރު ފުރިހަމަަކަން އަންނާނެއެވެ. ކޮންމެހެން އަގުބޮޑެތި އެއްޗިއްސަށް ވާކަށް ނުޖެހެއެވެ. ރަށުން ލިބެން ހުންނަ ލަކުޑި ބޭނުންކޮށްލައިގެންވެސް ގޮނޑިފަދަ ތަކެތި، ޖޯލި، އުނދޯލި ފަދަ ތަކެތި ހަދާލެވިދާނެއެވެ.
ހަވަނަ ކަމަކަށް، ސިމެންތި ނުވަތަ ލަކުޑިން ހަދާފައި ހުންނަ އެކި ބައްޓަމުގެ ސްޓޭންޑް ބެހެއްޓިދާނެއެވެ. އަދި އޭގެ ބައްޓަމާ ގުޅޭގޮތަށް ގަސްތައް އިންދުން މުހިއްމެވެ.
ހަތްވަނަ ކަމަކަށް، މާ ގަސްޖެހުމަށްޓަކައި، އެކި ބައްޓަންތަކުގެ އާލަތް ބޭނުންކުރެވިދާނެއެވެ. ރުނބާ ޖާޑި ވަޅުބުރިފަދަ އެއްޗެހި ބޭނުންކުރެވިދާނެއެވެ.
އަށްވަނަ ކަމަކަށް، މާގަސްޖެހޭ ގޮތަށް ސްޓޭންޑް ހަދާފައި ބެހެއްޓުމުން މާ ބަގީޗާއަށް ހިތްގައިމުކަން އަންނާނެއެވެ. ތަނުގެ މަންޒަރު ރީތިވާނެއެވެ.
ހިތްފަސޭހަ އަމާން މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް މާބަގީޗާއެއް ފަރުމާކޮށް، ރީތިވާނެ ކަންކަން ހިމަނައިގެން ބަގީޗާ ފުރިހަމަކޮށްލަން ވަގުތުކޮޅެއް ހޭދަކޮށްލަމާތޯއެވެ. ގޯތިތެރޭގައި ޖާގަ އޮތްނަމަ މިއީ ނުކޮށް ދޫކޮށްލާވަރުކަމެއް ނޫނެވެ. ކޮންމެހެން ހުރިހާ ކަމެއް ފުރިހަމަ ވާކަށް ނުޖެހެއެވެ. ތަނަށް އެކަށޭނެ ކަންތައްތަކެއް ހިމަނައިގެން ބަގީޗާ ރީތިކޮށްލީމަ އެ ނިމުނީއެވެ. ތިމާއާއި ޢާއިލާއާއި ރަޙްމަތްތެރިންގެ ހިތްހަމަޖެހުމަށްޓަކައި، ފަސޭހަ ގޮތަކެއް އިޚްތިޔާރުކޮށްގެން މާ ބަގީޗާއަށް ފުރިހަމަކަމެއް ގެންނަމާ ހިނގާށެވެ.