އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެއެވެ.
އޭނާގެ ސަޕޯޓަރުންނާއެކު ޕާޓީ ޖަގަހައިގައި ބޭއްވި ހަރަކާތެއްގައި، އިލްޔާސް ވިދާޅުވީ، ނަޝީދުގެ މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ޓީޗަރަކީ، އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު. އެބޭފުޅާގެ ފަހަތުގައި އަޅުގަނޑު ކުރިއަށްދަނީ އަދި ދެންވެސް ދާން އޮތީ އެ ބޭފުޅާގެ ފަހަތުގައި. އަޅުގަނޑަށް އެބޭފުޅާގެ މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ،"
ލަބީބް ވިދާޅުވިއެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަން ކުރައްވާ މިހިސާބަށް ގެންދެވި ބޭފުޅަކީ ރައީސް ނަޝީދޭ. އެއީ އަޅުގަނޑުމެންގެ ސިޔާސީ މުފައްކިރު،"
ލަބީބް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ، ރައީސް ޞާލިހުއާ ނަޝީދާ މެދުގައި އޮތްފަދަ ގާތް ގުޅުމެއް ނެތް ކަމަށާއި، ނަމަވެސް ރައީސް ޞާލިހު އަމަލުކުރެއްވި ފަދައިން ނަޝީދަށް ނަހައްދަވާނެ ކަމަށެވެ.
މިރޭ ޑިމޮކްރޭޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކީ އެޕާޓީގެ ޕްރައިމަރީ ކެނޑިޑޭޓާއެކު ވަގުތު ހޭދަކޮށްލައި، ސުވާލުކޮށް ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ،
ސެޕްޓެމްބަރު 9، ގައި ބޭއްވޭ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް ޞާލިހުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރ މުހައްމަދު ނާޒިމް ކުރިމަތިލައްވައެވެ.
އިދިކޮޅު ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މާފުށީ ޖަލުގައި ހުންނެވި ޔާމީންގެ އިންތިޚާބީ ޙައްޤުތައް ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ވަކީލުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މީހެއްގެ ފަހަތަށް ވަންނަންތަ ދިވެހިރާއްޖޭގެ ރައީސްކަމށް ކުރިމަތި ލަނީ. ޢެއްވެސް އަމިއްލަ ތަސައްވުރެއް ނެތް މީހަކީ ޕަޕެޓެއް ދޯ. މިހާހިސާބުން ނޫނެކޭ ބުނެލަން. ވ ސަލާމް