ރާއްޖެ މިއޮތީ އިންޑިޔާއިން ދަރަނި ނަގަމުން ގޮސް އިންޑިޔާގެ ދަންތުރައިގައި ޖެހިފައި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިޔަށްދާ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ މުއައްސަސާތަކުން ކެޕޭސިޓީ އިތުރުކުރުމަށް ޓްރެއިނިންއަށްވެސް ފޮނުވަނީ އިންޑިޔާއަށް ކަމަށާއި، ނަމަވެސް ޓްރެއިނިންގެ ނަމުގައި އިންޑިޔާއިން ހިންގަނީ ސިޔާސީ ހަރަކާތެއް ކަމަށެވެ.
"މިނިވަންކަން ގެއްލިފައި އޮތީ ރާއްޖޭގެ ކަންކަމުގެ ތެރެޔަށް އިންޑިޔާ ވަންނާތީ، ޓްރެއިނިންއަށޭ ކިޔާފައި އިންޑިޔާއަށް ދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އިންޑިޔާ އުފެދިފައިވާ ގޮތާއި ރާއްޖެ އުފެދިފައިވާ ގޮތާއި އުޑާ ބިމާހާވެސް ތަފާތު، އެހެންނަމަވެސް ރާއްޖޭގެ ކައުންސިލްތަކުންވެސް ޓްރެއިނިންއަށް މިފޮނުވަނީ އިންޑިޔާއަށް. އަޅުގަނޑުމެން މިތިބީ އިންޑިޔާގެ ދަންތުރައިގައި ޖެހި ހުސްވެފައި.".
ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ރާއްޖެ ދަރުވައިފި ކަމަށާއި، ބޮޑެތި ދަރަނިތައް އިންޑިޔާއިން ނަގާފައިވާކަމަށެވެ.
"މިއަދުގެ ސަރުކާރުން މިހާތަނަށް ނެގި ދަރަނީގެ އަދަދަކީ 2.8 ބިލިޔަން ޑޮލަރު. ދިވެހި ދައުލަތު ދަރުވައިފިޔޭ އިންޑިޔާއަށް. ތަނެއް ދޮރެއް ނުބަލާ ދަރަނި ނަގަނީ އަނެއްކާ އެދަރަނިން ކުރާ ކަމެއްވެސް ނުފެނޭ."
ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެއަކީ ބޮޑު އާމްދަނީއެއް ލިބޭ ޤައުމެއް ކަމަށް ވިދާޅުވެ، ޤައުމުގެ ތަރައްޤީއަށް ލޯނުވެސް ނަގަން ޖެހޭ ކަމަށާއި، ރައީސް ޞާލިހު ނަގާ ދަރަނިން ކުރާ އެއްވެސް ކަމެއް ފެންނަން ނެތަސް ރައީސް ޔާމީން ނެގި ލޯނުތަކުން ރާއްޖެއަށް ގެނައި ތަރައްޤީ ރައްޔިތުންނަށް ފެންނަ އެބަހުރި ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.