ސައުދީޢަރަބިއްޔާގެ ރިޔާޒުގައި ހުންނަ ގެއެއްގައި ނޯކަރަކަށް ގެންގުޅުނު އަންހެނަކު، އޭނާގެ ވެރިމީހާއަށާއި އޭނާގެ ޢާއިލާއަށް ސިޙުރު ހަދާކަން ފަޅާއަރައިފިއެވެ.
"ލައިފް އިން ސައުދީއަރަބިއްޔާ" މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި، އެއަންހެން މީހާއަކީ އިންޑޮނޭޝިޔާގެ އަންހެނެއް ކަމަށާއި، ސިޙުރު ހެދުމަށްްފަހު އޭނާ ފިލާފައިވާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ސައުދީގެ ފުލުހުން ފަށާފައިިވާއިރު، އޭނާ ހޯދަން ވަނީ އާންމުކޮށް އިޢުލާނުވެސް ކޮށްފައެވެ.
އޭނާ ސިޙުރު ހަދަން މަސައްކަތްކޮށްފައިވަނީ، ސައުދީ މީހާގެ މުޅި ޢާއިލާއަށެވެ. އަދި ސިޙުރު ހެދުމަށް ބޭނުންކޮށްފައިވާ ތަކެތިވެސް މިހާރު ވަނީ ޢާންމުކޮށްފައެވެ.
ސިޙުރު ހެދުމަށް ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި، އިސްތައްޓާއި، ލެޔާއި، ބޮނޑާއި، ކުދިކުދި ކަރުދާސްކޮޅުކޮޅު ހިމެނެއެވެ. އަދި އެއްޗެހީގައި އެ ޢާއިލާގެ އެންމެންގެ ނަން ޖަހާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއެއްޗެހި ބަހައްޓާފައިވަނީ ގޭތެރޭގެ އެކި ތަންތަނުގައެވެ.

ސިޙުރުގެ ސަބަބުން ޢާއިލާގެ މެންބަރުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ވާކަމަށާއި، ކުއްލިއަކަށް ވެއްޓުމާއި، މަސްގަނޑުގައި އެއްޗެހި ދުވުން އިޙްސާސްކުރެވުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަން ދިމާވެފައިވާކަމަށް ހާމަކުރެއެވެ.
ސިޙުރަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވާއިރު، މިކަމަށް ސައުދީގައި ވަނީ ހަރުކަށި އަދަބު ކަނޑައެޅިފައެވެ.