ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިއަދު އެންމެ އަޑުބާރު އެއް ބަހުސްއަކީ ސަރުކާރާއި ވާދަވެރި ފަރާތްތަކުން 1 ކެނޑިޑޭޓެއް ދެއްކުމުގެ ބަހުސްއެވެ. މިބަހުސްގައި އެންމެ މުހިންމީ އެ ކެންޑިޑޭޓަކަށް ވާނީ ކޮންބޭފުޅެއްތޯ އުފެދޭ ސުވާލެވެ. ކޮންމެ ލީޑަރަކީ ވެސް އެ އުންމީދުގައި ހުންނެވި ބޭފުޅެކެވެ. ފަހަތަށް ޖެހިވަޑައިގެންވެސް، ބަދަލު މުހިންމު ކަމަށް ފާޅުގައި ވިދާޅުވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމުގައިވިޔަސް، ހުރިހާ ބޭފުޅުންވެސް ގުޅިގެން ނުކުންނަ ކެނޑިޑޭޓުގެ ބަހުސްގައި ވާދަވެރިއެވެ. މި ކަމުގައި "ޕޮޓެންޝަލް" ކެނޑިޑޭޓުންނަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާނަމެވެ.
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
ޕްރޮގްރެސިވް ޕާޓީ ނުވަތަ ޕީޕީއެމް ގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީނެވެ. އެ މަނިކުފާނަކީ އިކޮނޮމިކްސް ގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާ، ބޭބޭފުޅު ރައީސް މައުމޫންގެ ޒަޢާމަތުގައި ޓްރޭޑް މިނިސްޓްރީ ފަދަ ވުޒާރާ ތަކުގައާއި ސްޓެލްކޯ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ހިންގެވުމުގެ އިތުރުން މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި 5 އަހަރުގެ ފުރިހަމަ ދައުރެއް އޮތުމާއި އެކު މި ބަހުސްގައި ސުވާލެއް ނެތި މިވަގުތު ލިސްޓުގައި ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން މީ ސާބިތު ނަތީޖާއެއް އެންމެ ފުޅާ އެއް ކެނޑިޑޭޓެވެ. 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ވަޑައިގެންނެވި އިރު މާލެ ހުޅުމާލެ ގުޅާލުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ޤަޢުމުގައި އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުއެއް ހިންގަވާ މަރުކަޒީ ތަސައްވުރެއްގައި ކާމިޔާބު ލީޑަރެކެވެ. ބޭބޭފުޅު ރައީސް މަޢުމޫންގެ 2020 ގެ ތަސައްވުރު ހަޤީގަތަކަށް ހެއްދެވުމުގައި ފަސް ބެލުމެއް ނެތި އިހަވަންދިއްޕޮޅު ("އައި ހޭވަން") ކުރައްސަވާ، ޓުއަރިޒަމް ފުޅާކުރެއްވިއެވެ.
ނަމަވެސް، 2018ގައި ރައީސް ޔާމީންގެ ނާކާމިޔާބީއަކަށް ވެގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ ކުރިމަގެއް އެމަނިކުފާނަށް ބިނާކޮށްދެއްވި ބޭބޭފުޅު ރައީސް މައުމޫން ހިމެނޭހެން ދިވެހިރާއްޖޭގެ ނަގާކިޔާ ހުރިހާ ސިޔާސީ ލީޑަރުންނާއި، އެބޭބޭފުޅުންގެ އަރިހުގައި ތިއްބެވި އަރަމުން އައި ޒުވާން ލީޑަރުންވެސް ޖަލަށްލެއްވުމެވެެ. މީގެ އިތުރުން ކޮރަޕްޝަންގެ ބިރުވެރިކަން ފުޅާވެގެން އިންތިހާއަށް ދިޔުމެވެ. ނާއިބު ރައީސް އަކަށް އަޙުމަދު އަދީބު އިސްކުރެއްވުމަށް ޓަކައި ކުރެއްވި މަސައްކަތްޕުޅާއި، ރައީސް މައުމޫންގެ ލަފާ ފުޅަށް ސީދާ ގޮންޖައްސަވާ، އަދީބަށް ގިނަ ބާރުތަކެއް ދެއްވާ ހިންގެވި ކަންތައްތަކުގެ ނަތީޖާ ހިތިވެގެން ދިޔައީ އެންމެ ފަހުން ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލާ ރައީސް ޔާމީންގެ ފުރާނަފުޅަށް ނުރައްކާވާ ދަރަޖަ އެއްގައެވެ. މިދެންނެވި ކަންތައްތައް ހިނގަމުން ދިޔައިރު ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގުގައިވެސް ކޮރަޕްޝަން އެއީ ލުއި ކަމެއްގެ ގޮތުގައި ސިފަކުރައްވާ، 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވުމަކީވެސް ރައްޔިތުން ސުވާލު އުފައްދާ ކަމެކެވެ. އެމްއެމްޕީއާރްސީ ގެ ބޮޑު ވައްކަން ހިނގާ ދިޔައީ އެމަނިކުފާނު މަގުފަހިކޮށްދެއްވައިގެން ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އެތައް ކަމެއް މިހާރު މިވަނީ ފެންމަތިވެފައެވެ. އަދި މިފަދަ މައްސަލައެއްގައި މިވަގުތުވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައި ކަމުން އެމަނިކުފާނުގެ ނަންފުޅު ވޯޓް ކަރުދާހުގައި އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމް އޮތް ގޮތަށް ބަލާއިރު އެ މަނިކުފާނު ޖަލުން ނުކުންނަވާ ނަންފުޅު އޮވެއްޖެ ނަމަ ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އެމަނިކުފާނަކީ އަދަށްވުރެ ފަހި މާދަމާއެއް ކަށަވަރުކޮށްދޭނޭ ކެނޑިޑޭޓެކެވެ. ނަމަވެސް ސިޔާސީ ލީޑަރުންގެ ރުހުން ރައީސް ޔާމީނަށް ދިނުމަކީ އެ ލީޑަރުން ބިރުގަންނަ ކަމެކެވެ.
އެމަނިކުފާނުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަންއިން ބަލައިނުގެންފި ނަމަ ދެން އެހެން ގޮތެއް ނުވަތަ "ޕްލޭން ބީ" އެއް ޕީ.ޕީ.އެމް. އިން ގެންގުޅޭ މަންޒަރެއް ނުފެނެއެވެ. ނަމަވެސް މާލޭ ސިޓީގެ މޭޔަރު ޑރ މުޢިއްޒުގެ ނަން ޕްރޮމޯޓް ކުރުމުގައި ކޮންމެވެސް ވަރަކަށް ޕީޕީއެމް ގެ ސެނެޓްގެ ތެރޭގައި މަސައްކަތްތަކެއް ހިނގާ މަންޒަރު ދަނީ ފެންނަމުންނެވެ. ޣައްސާން މައުމޫންގެ ނަމާއި ރައީސް ޑރ ވަޙީދުގެ ނަމަކީ ވެސް ކޮންމެވެސް ވަރަކަށް ފްލޯޓް ކުރެވޭ ނަންނަމެވެ. ނަމަވެސް ރައީސް ޔާމީންއަށް ޕާޓީގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރާއެކު، އެ ޕާޓީގެ އެހެން ކެނޑިޑޭޓަކަށް އެމަނިކުފާނުގެ ރުހުން ލިބުމަކީ ދުރުކަމެއްކަމުގައި ފެނެއެވެ. އަދި ރައީސް ޔާމީން ފިޔަވާ މުޅި ޕްރޮގްރެސިވް ކޯލިޝަން އެއްތަން ކުރެވިދާނޭ ނަމެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އިތުރު ކޮންމެ ކެނޑިޑޭޓެއް ދެއްކިކަމުގައިވިޔަސް ޕާޓީ ކަފިކަފިވެ ޖުމްހޫރީ ޕާޓީ، ނެޝަނަލް ޕާޓީ އަދި އެމްއާރްއެމް އާ ދިމާލަށް ޕާޓީގެ ވަކިވަކި މެންބަރުން މިސްރާބު ޖެހުމަކީ ދުރުކަމެއް ނޫނެވެ.
- ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމްއަށް ޓިކެޓް ދީފައިވާއިރު އެމަނިކުފާނަކީ އަބަދުވެސް ޤައުމުގެ ރިޔާސަތު ކަނޑައަޅާ ލީޑަރު ކަމުގައި ރައްޔިތުން ލޭބްލް ކުރާ "ކިންގް މޭކަރ" އެވެ. ވިޔަފާރީގެ ތަޖުރިބާއާއި ތަޢުލީމީ ޚިދުމަތުގައި "އޮނަރަރީ ޕީއެޗްޑީ" އަކާއިއެކު އެމަނިކުފާނަކީ ވިޔަފާރީގައި ވަރުގަދަ ޝަޚްސިއްޔަތެކެވެ. އެމަނިކުފާނަށް ދެނެވަޑައިގަންނަވާ ނުވަތަ ދެނެވަޑައިނުގަންނަވާ ދާއިރާއެއް ބެލުމެއްނެތި ވިޔަފާރި ކާމިޔާބު ކަމާއިއެކު އަބަދުވެސް ކުރިޔަށްދާ އެންމެ ބޮޑު ސިއްރަކީ އެމަނިކުފާނުގެ ވިޔަފާރީގައި ގެންގުޅުއްވާ ކަމުވޮށިގެންވާ އެ ދާއިރާއެއްގެ ޤާބިލް ބޭފުޅުންގެ ޓީމެވެ. ޤައުމުގެ ހުންގާނު ހަވާލު ކުރެވުނަސް އެމަނިކުފާނު މިކަން މިމަގުން ހާސިލް ކޮށްފާނެކަމާމެދު މާ ބޮޑު ސުވާލުތަކެއް ނެތެވެ. މީގެ އިތުރުން ޤައުމީ ޒިންމާއެއްގެ ގޮތުގައި އަދާ ކުރައްވަން ޖެހިވަޑައިގެން ނަމަވެސް، ޤާސިމް އިބްރާހިމް އަކީ އާސަންދައިގެ ކުރިން ދިވެހިންގެ އާސަންދައެވެ. ފްރީ ޑިގްރީއާއި ސްކޮލަރޝިޕްގެ ކުރިން ދިވެހިންގެ ސްކޮލަރޝިޕް ހައުސް އެވެ. އެހެން ކަމުން މި ހިޔާވަހި ކަމުގައި ތަޢުލީމީ އެތައް ދަރިންނެއް ބިނާ ކުރެވި، ޖުމްލަކޮށް ދިވެހި ގިނަ ރައްޔިތުންނަށް ސިއްޚީ އެތައް ޚަރަދެއް ލުއި ވެގެން ދިޔައެވެ.
މިކަންކަން މިހެން ހުރި ނަމަވެސް، ވިޔަފާރި ވެރިއަކަށް ދިވެހި ޤައުމުގެ ހުންގާނު ދިނުމާއި ދޭތެރޭ ދިވެހިން މިއަދު ފަސްޖެހޭކަމީ ޔަޤީންވާ ކަމެކެވެ. ބިންތަކާއި، ފަޅުތަކާއި ރަށްތައް ނަގާ އެމަނިކުފާނުގެ ފުޅާ ވިޔަފާރިއަކީ މާދަމާ މުޅި ޤައުމު ކޮންޓްރޯލް ކުރެވޭފަދަ ވިޔަފާރިއަކަށް ހައްދަވަން މަސައްކަތް ކޮއްފާނޭ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ މެދުގައި އެބަ އޮތެވެ. މީގެ އިތުރުން ޤާސިމްގެ މުޢާމަލާތު ކުރެއްވުމުގެ ޤާބިލްކަމާމެދު ރައްޔިތުން ސުވާލު އުފައްދައެވެ. މިހެން ދެންނެވި ކަމުގައިވިޔަސް، ރޭހުގައި ބައިވެރި ކުރައްވާ ރަނިންގެމޭޓަކާއި، އެކުލަވާލައްވާ ޤާބިލް ޓީމެއްގެ ސަބަބުން މިކަންކަން ފޫބެއްދިދާނޭ ކަން އަމިއްލަފުޅު ވިޔަފާރީގައި ދަނީ ސާބިތުކޮށްދެއްވަމުންނެވެ.
ނަމަވެސް، ކޮމަން ކެނޑިޑޭޓެއްގެ ބަހުސްގައި ޤާސިމްއަކީ އެތައް ފަހަރެއްގެ މަތިން ރައީސް ނަޝީދަށް އިނގިލި ދިއްކުރައްވާ، ބައިޢަތު ހިފާ ދިވެހި ވެރިކަން ދޭން "ހެޔޮނުވާ ވަރު" ގެ ބޭފުޅެއް ގޮތުގައި ސިފަ ކުރައްވާފައިވާތީ، ރައީސް ނަޝީދު ޤާސިމް އަތުގައި ހިއްޕެވިޔަސް ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ފަރާތްތަކުން ޤާސިމްގެ ކެނޑިޑެންސީއަށް އެއްބަސްވުން އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އަދި ކާނަލް ނާޒިމް، ޖޭޕީ އާ ދުރަށް ޖެހިވަޑައިގަތީ ކޮންމެ ސަބަބަކާ ހުރެ ކަމުގައިވިޔަސް، ޔަޤީނުންވެސް އެ ޢަމަލުން ދޭހަވަނީ ޤާސިމްގެ ލީޑަރޝިޕްގެ ފަހަތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ މިންވަރެވެ.
- މޯލްޑިވްސް ރިފޯރމް މޫވްމަންޓް
މޯލްޑިވްސް ރިފޯރމް މޫވްމަންޓް، އޮތީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ކަމުގައި ވީ ނަމަވެސް ޕާޓީގެ މެންބަރުންނާއި، ޕާޓީގެ ޒައީމް، ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްގެ ލަފާ ފުޅާއެކު ނިކަން ޒުވާން ޓީމެއް ރުކުރުވާލެވިފައި ވަނީ މިރޭހުގައި ތަފާތު ހަނގުރާމައަކަށް އެ ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫން ނުކުންނަވާ ގޮތަށްކަމަށް ފެނެއެވެ. އެހެންކަމުން ކޮމަން ކެނޑިޑޭޓަކަށް އެޕާޓީއިން ހުށައަޅާނޭ ނަމެއްކަމަށް ބެލެވެނީ ފާރިސް ގެ ނަންފުޅެވެ. ފާރިސްއަކީ ސޯޝަލް ސައެންސް ގެ ދާއިރާއިންނާއި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ނެތިގެން ގޮސްފައިވާ އިޖުތިމާޢީ އަޚްލާޤް އިއާދަ ކުރުމާއި، ޢަދުލް އިންސާފް ޤާއިމް ކުރުމުގައި އިންސާނީ އުސޫލްތަކެއްގެ ތެރެއިން އެކަން ޙާސިލް ކުރުމުގައި އެމަނިކުފާނުގެ ތަޖުރިބާއާއިއެކު ދިވެހިން އެދޭ މަންޒިލަށް ވާސިލްކޮށްދެއްވުމަކީ މާ އުނދަގޫ ކަމެއް ކަމަކަށް ނުފެނެއެވެ. އަދި މިއަދު ދިވެހި ޤަޢުމުގެ "އެޑްމިނިސްޓްރޭޝަން" އަށް އެންމެ ބޭނުން ޖެހިފައި ވަނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް (ނުވަތަ ބެލެންސްޑް ފޮރީން ޕޮލިސީއެއް) ގެންގުޅެވޭނޭ ލީޑަރެއް ކަމީ ގިނަ ބަޔަކު އެއްބަސްވާ ހަޤީގަތެކެވެ. ފާރިސް ތަޚައްސުސްވެ (ސްޕެޝަލައިޒްވެ) ވަޑައިގެން އެހުންނެވީ އެދާއިރާއިންނެވެ، އެއްވެސް ރައްޔިތަކު ދެބަސްނުވާ މިންވަރަށް ދިވެހި ތާރީޚުގައި އެންމެ ފުރިހަމަ ޚާރިޖީ ސިޔާސަތެއް ތަންފީޒު ކުރައްވާފައިވަނީ ބައްޕާފުޅު ރައީސް މައުމޫނެވެ. ހިންގަވަން ތައްޔާރަށް އެހުންނެވީ ލިބިހުރި ޢިލްމަކާއި، ރައީސް މައުމޫންގެ މުދައްރިބުކަމާއިއެކު ލިބިހުރި ފިލާވަޅުތަކުންނެވެ.
2008 ގައި އެމެރިކާ އަދި ފަރަންސޭސި އާކިޓެކްޓުންގެ އެހީއާއި އެކު ދިވެހިރާއްޖޭގައި ފުރަތަމަ ތަސައްވުރު ކުރެވުނު ބްރިޖްއާއި މޫންބޭ މެރީނާގެ ކޮންސެޕްޓާއި، ފްލޯޓިންގް ސިޓީގެ ކޮންސެޕްޓަކީ ފާރިސްގެ އިސް ރޯލެއް އޮތް ތަސައްވުރުތަކެކެވެ. އަދި 2013 އިން ފެށިގެން ރައީސް ޔާމީންގެ އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ "އައި ހޭވަން" ޕްރޮޖެކްޓްގެ ވިލަރެސް ކުރައްވާ ޒުވާން ވިޔަފާރިވެރިންނަށް ހުޅުވާލެވުނު ގެޓް ސެޓް ލޯން ފަދަ ކަންކަމުގެ އެންމެ އިސް އެއް މޭސްތިރިއަކަށް ހުންނެވީ ފާރިސް އެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް އީ ޒެޑް) ބިލް ވުޖޫދު ކުރުމުގައި އުސްތާޒް ނަޝީދާއިއެކު ކުރެއްވި މަސައްކަތް ފާހަަގަ ކޮށްލެވެއެވެ. ނަމަވެސް ފާރިސް އެ މަޤާމު ދޫކުރައްވާ 2015ގައި މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމުން މި މަސައްކަތްތަކުގެ މިސްރާބު ގެެއްލިގެން ދިޔައީ ކަމަށް ބެލެވެއެވެ. ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑީގައި އިންނަވާ ފާރިސް ގެ އިސްނެންގެވުމުގައި ޑިޒާސްޓާ މެނޭޖްމަންޓް ބިލް ފަދަ ޤާނޫންތައް ފުރިހަމަ ކުރެއްވުމުގައި އިސް ރޯލެއް އަދާ ކުރައްވާ ޤައުމީ ތަރައްޤީ އާ ބެހޭ ކޮމިޓީގައިވެސް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކުރެއްވިއެވެ. އަދި ޙައްޤަށް ބަސް ވިދާޅުވުމުގައި އަމިއްލަ ފުޅު ބޮޑުބޭބޭފުޅާއި ދެކޮޅަށް ވެސް ޤައުމުގެ ހައްޤުގައި ތެދުވެވަޑައިގެންނެވިއެވެ. މިގޮތުން ބިޑަކާ ނުލާ ރިޒޯރޓް ހަދަން ރަށްތައް ދޫ ކުރުމުގެ ބިލާއި، އެއްވެއުޅުމުގެ މިނިވަންކަން ހަނި ކުރި ބިލާއި، އަބުރުގެ ބިލް އަދި ސިވިލް ސާރވިސް ޤާނޫނަށް އިސްލާހު ގެނަސް ޕަރމަނަންޓް ސެކެޓްރީންނަކީ ސިޔާސީ މީހުންގެ ރުހުން އޮންނަ ފަރާތްތަކަށް ވާން ޖެހޭ ގޮތަށް ފާސް ކުރި ބިލް ފަދަ ބޮޑެތި ބިލްތަކުގައި ސަރުކާރާއި ސީދާ ދެކޮޅަށް ވޯޓްދެއްވާ، ވިޕްލައިނާއި ދެކޮޅަށް ގިނިކަންޔާ ތެދުވެ ވަޑައިގެން، މުޅި މަޖިލީހުގައިވެސް ގިނިކަންޔާ ޤަޢުމުގެ ޙައްޤުގައި ސާބިތުވެހުންނެވިއެވެ. އަދި ރައީސް ޔާމީންގެ އަތްޕުޅުގައި އެއިރު އޮތް "ޕޮލިޓިކަލް ޑޮމިނަންސް" ފުނޑުފުނޑު ކޮށްލެއްވީ 43 މެންބަރުންގެ ސޮޔާއިއެކު ނުކުންނަވާ މަޖިލިސް މެޖޯރިޓީ އެއިރުގެ ސަރުކާރަށް ގެއްލުވާލައި 12 މެންބަރުންނާއި އެކު އެ ހަރަކާތް ދަމަހައްޓަވައިގެންނެވެ. އެހާލަތުގައި "ޖޮއިންޓް އޮޕޮޒިޝަން ކެނޑިޑޭޓް"ގެ މަޝްވަރާ ލީޑް ކުރައްވާ މިސަރުކާރު އިންތިޚާބުކުރުމުގައި އެންމެ ނަގާކިޔުއްވި އެއް މޭސްތިރިއަކީ ފާރިސް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.
މިކަންކަމަށް ބަލާލާއިރު ފާރިސް އަކީ "ވިޝަނަރީ" ބޭފުޅެކެވެ. ޓެކްނޮލޮޖީ އާއި ރައްޓެހި ފާރިސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު "ވަން އައިލް" ގެ ނަމުގައި "ޑިސެންޓްރަލައިޒްޑް އޮޓޮނޯމަސް އޮރގަނައިޒޭޝަން" (ލާމަރުކަޒީ މިނިވަން ޖަމާޢަތެއް) ގެ ސިފައިގައި ޓެކްނޮލޮޖީއާއި އެކު ރައްޔިތުންގެ ޖަމާޢަތަކުން ޑިމޮކްރަސީ ފައްކާ ކުރެވޭނޭ ހިޔާލުތައް މިނިވަންކަމާއިއެކު ހުށައަޅައި އެހިޔާލުތައް ބާރުވެރިކުރެވޭނޭ ނިޒާމެއް ވެސް ޤާއިމް ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.
ފާރިސްއާއިމެދު ރައްޔިތުން ސުވާލު އުފައްދަނީ 2018 ގެ އިންތިޙާބަށް ފަހު "ސައިލެންޓް ވެ ވަޑައިގަތުމުންނެވެ. ނަމަވެސް މިއީ ޙިކުމަތްތެރި ސިޔާސީ އުކުޅެއް ކަމުގައިވުން ވެސް އެކަށީގެންވެއެވެ. އެގޮތުން ފާރިސް ފާހަގަ ކުރެވިގެންދިޔައީ ސަރުކާރު ހިންގެވުމަށް ޖާގަދެއްވާ، ނޭދެވޭ ކަންކަން އިސްލާހު ކުރެއްވުމަށް ސިޓީފުޅުން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާ، ޤައުމުގެ މަސްލަހަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ޚައްސާސް މައްސަލަތަކުގައި ބަޔާން ނެރުއްވާ، ބަސް ވިދާޅުވުމުގައި ދެމިހުންނެވި ބޭފުޅެކެވެ.
- މޯލްޑިވްސް ނެޝަނަލް ޕާޓީ
އެމްއެންޕީ ގެ ރިޔާސީ ޓިކެޓް އޮތީ އެ ޕާޓީގެ ރައީސް ކާނަލް (ރ) މުޙައްމަދު ނާޒިމްއަށް އަރުވާފައެވެ. ނާޒިމް އަކީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާ ކާރެކެވެ. މިލިޓަރީ ދާއިރާއިން ތަޢުލީމް ހާސިލް ކުރައްވައިގެން ހުންނެވި މިލިޓަރީ ފަހުލަވާނެކެވެ. ދިވެހި ޤައުމުގެ މިނިވަންކަމުގެ ހިއްސާއެއް އޮތް ނަސްރުގެ ދުވަހު ހިތްވަރާއިއެކު މަސައްކަތްތަކެއް ކުރެއްވި ޤައުމީ ވާޖިބު އަދާ ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނޭ ބޭފުޅެއްކަން ސާބިތު ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސިފައިންގެ ވަޒީފާގައި ކާނަލް ރޭންކާއި ހަމައަށް މަސައްކަތް ކުރައްވާ އަދި ޑިފެންސް މިނިސްޓަރކަން ކުރައްވާ މާލެއަށް މި ފަހުގެ ތާރީހުގައި ދިމާވި އެންމެ ބޮޑު އެއް ކާރިޘާ، ފެނުގެ ކާރިޘާގައި ޑިސާސްޓަރ ރިކަވަރީ ލީޑް ކުރެއްވި ވަޒީރެވެ. ރިއަލް އެސްޓޭޓް ވިޔަފާރީގައި ވަރުގަދަ ނަމެކެވެ. 2018 ގެ އިނތިޚާބު ކުރިޔަށް ދިޔައިރު ޖަލުގައި ހުންނެވި ނަމަވެސް، ސަރުކާރު ބަދަލުވުމުން މުޅިން މިނިވަންވެ މިއަދު ހުންނެވީ ދަނގެތީ ދާއިރާގެ މެންބަރުގެ ގޮތުގައެވެ. ރިޔާސީ އިންތިޚާބަށް އެންމެ ކުރިން މަސައްކަތް ފެއްޓެވި އެއް ބޭފުޅަކީވެސް ނާޒިމްއެވެ.
ނަމަވެސް، އެމަނިކުފާނުގެ އެންމެ ބޮޑު ގޮންޖެހުމަކީ ފެބްރުއަރީ 7 ގައި ސިފައިންނަށް ކޮމާންޑް ދެއްވި ކަމުގެ ތުހުމަތާއި އެކު ބާޣީއެއްގެ ޓެގު އެޅިފައި އޮތް އޮތުމެވެ. އަދި މިކަމުގެ ސަބަބުން ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރުހުން ނާޒިމްއަށް ލިބުމަކީ ދުރުކަމެއް ކަމުގައި ބެލެވެއެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މައްސަލައިގައި ސިފްކޯއަށް ނުފޫޒު ފޯރުވާ ކޮރަޕްޝަން ހިންގެވި ކަމުގެ ތުހުމަތަކީވެސް މަދުން ނަމަވެސް ރައްޔިތުންގެ މެދުގައި ދެކެވޭ ވާހަކައެކެވެ. އޭގެ އިތުރުން ނާޒިމްއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި މަޖިލީހަށް އިންތިޙާބު ވެވަޑައިގެން ޖޭޕީ އަދި ޤާސިމް އަށް "ދޯކާ" ދެއްވާ އެ ޕާޓީގެ ފައިސާއާއި ވަސީލަތްތައް ބޭނުން ކޮށްގެން އައު ޕާޓީއެއް އުފެއްދެވި ބޭފުޅެއްގެ ގޮތުގައި ޖޭޕީއަށް މީގެ ކުރިން ސިފަ ކުރެވިފައިވާ ފަރާތެކެވެ.
- ދަ ޑިމޮކްރެޓްސް
އެންމެ ހަގު ޕާޓީ ކަމުގައިވާ ޑިމޮކްރެޓްސްގެ ތެރޭގައި ރިޔާސީ ކެނޑިޑޭޓެއްގެ ބަހުސް އޮތް ކަމުގައި ވިޔަސް ފެންނަ ފެނުމުގައި އެ ޕާޓީ ބޭނުންވަނީ ކޮންމެ ހާލެއްގައި ނަމަވެސް "ރައީސް އިބޫ ނޫން ގޮތެއް" ކަމެވެ. ބޮޑެތި ހުރިހާ ޕާޓީ އަކާއި އެކު މަޝްވަރާ މޭޒުގައި ވަގުތުތަކެއް ހޭދަކޮށްފިއެވެ. ފެންނަ ފެނުމަށް އަމާން ބަނދަރެއް ހޯދުމަށް ކުރި މަސައްކަތުގައި އެ ޕާޓީ އެތިބީ މިއަދު "ކޮމަން ކެނޑިޑޭޓް" އަކަށް ފެންބޮވާފައެވެ. ނަމަވެސް މާ ބޮޑު އަލިމަގެއް ނުފެނުމުން އެ ޕާޓީއިން ވަނީ މިވަގުތަށް ކެނޑިޑޭޓެއް ދެއްކުމުގެ މަސައްކަތް ފައްޓާފައެވެ. ކުރިމަތި ލައްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ.
ނަމަވެސް ކޮމަން ކެނޑިޑޭޓެއްގެ މަޝްވަރާގައި މިޕާޓީގެ ކެނޑިޑޭޓަކަށް ވިސްނުންފުޅު ބިނާ ކުރާނަމަ ކުރެވޭނެ ކަމަށް ބެލެވުނު ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު މިވަގުތަށް ފަހަތުގައި ހުންނަވާ ނަމަވެސް މި ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދަކީ އަދިވެސް ގިނަ ހިތްތަކެއްގެ ރައީސްއެވެ. ރައީސް ޔާމީނަށް 2018ގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ރައީސް މައުމޫން އެކަހެރި ކުރެއްވުން ފަދައިން، މިއަދު ރައީސް ސޯލިހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އެ ޕާޓީގެ ފިކުރު ކަފިކަފި ވުމެވެ. ކޮމަން ކެނޑިޑޭޓަކީ ދަ ޑިމޮކްރަޓްސްގެ ކެނޑިޑޭޓް ކަމުގައި ނުވަނީ ނަމަ ފަހަތަށް ޖެހިވަޑައިގަންނަވާނޭ ކަމުގެ އިޝާރާތެއް އިލިޔާސް ލަބީބް ވަނީ ދެއްވާފައެވެ. އެފަދައިން އެ ފުރުޞަތު ލިބި ކޮމަން ކެންޑިޑޭޓަކީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް ވެއްޖެ ނަމަ އޭގެ އެންމެ ބޮޑު ގެއްލުމެއް ވެގެންދާނީ ސަރުކާރަށެވެ. ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ގެ "ގްރާސް ރޫޓް" ގެ ވޯޓް ހޯދުމުގައި މީ ފެއިލްވާނޭ ފޯމިޔުލާއެއް ކަމާމެދު ސުވާލެއް ނެތެވެ.
- އަމިއްލަ ކެންޑިޑޭޓުން
އަމިއްލަ ކެނޑިޑޭޓުންގެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ އުމަރު ނަސީރެވެ. 2007 އިން ފެށިގެން ސިޔާސީ މައިދާނުގައި ފަނޑުނުވާ މި ނަމަށް އިތުރުވި މާ ބޮޑު މަޤުބޫލް ކަމެއް މިހާތަނަށް ނެތް ނަމަވެސް، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އުމަރަކީ "ގޭމް ޕްލެޔަރ" އެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ޕާކު ކޮށްލާފައި އޮތް އޮތުމެވެ. ރިޔާސީ ކެނޑިޑޭޓެއް ސާފުނުވާ ޙާލަތުގައި އެ ޕާޓީ އޮތުމުން، އެ ޕާޓީގެ އެންމެ ވަރުގަދަ އެއް ފިކުރު ކަމުގައި ވާ "އިންޑިޔާ މިލިޓަރި އައުޓް" ކެމްޕޭން އެ ޕާޓީއަށް ވުރެ ފުޅާކޮށް މާ ކުރިން ފެށިގެން ހިންގަވާ ބޭފުޅަކީ ވެސް އުމަރު ނަސީރެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި އުމަރަކީ ވެސް ވިޔަފާރި ވެރިއެއްކަމުން ވިޔަފާރީގެ ތަޖުރިބާވެސް އެބަހުއްޓެވެ. ކޮރަޕްޝަނާއި ފަސާދައިގެ އެއްވެސް ކުލަވަރެއް ނެތި ސިޔާސީ މައިދާނުގައި ހަމައެކަނި ހުންނެވި ލީޑަރަކީ ވެސް އުމަރު ނަސީރެވެ. ރައްޔިތުންގެ ނަޒަރުގައި އުމަރަކީ ގޮތުގައި ހުންނަވާ ގަޓު ހުރި ލީޑަރެކެވެ. އިސްލާމީ ޝަރީޢަތުގައި ގަދަކޮށް ހިފަހައްޓަވާނޭ ކަމުގެ ޔާޤީންކަން ދެއްވާ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރައްވާނެ މަސައްކަތުގެ އިތުބާރު އުމަރު ދެއްވަނީ ވަރަށް ސާބިތުކަންމަތީއެވެ. މިގޮތުން ހޯމް މިނިސްޓަރަކަށް ހުންނަވާ އެންމެ ވަރުގަދަ ގޭންގްތައް ހުއްޓެވުމަށް ކުއްވެރިންގެ ފައިގައި ޓެގު އަޅުވާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުއްތާ ސްކޮޑެއް ޤާއިމް ކުރުމަކީ އުމަރުގެ ކާމިޔާބީތަކެއް ކަމުގައި ދެންނެވިދާނެއެވެ.
ނަމަވެސް އުމަރުގެ އެންމެ ބޮޑު ބަލިފަޔަކީ ކުރިމަތި ލެއްވި 2008 ވަނަ އަހަރު ބާތިލް ވޯޓުގެ އަދަދާ ދާދި ހަމަހަމަ އަދަދެއް ލިބިވަޑައިގެން "ބާތިލް ވޯޓް" ގެ ލަޤަބާ އެކު އިންތިޚާބުވުމުގެ ފުރުޞަތު ދަށް ކެނޑިޑޭޓެއް ގޮތުގައި ރައްޔިތުން ދެކޭ ދެކުމެވެ. ނަމަވެސް މި އިންތިޚާބުގައި އުމަރުގެ މަޤުބޫލުކަން ކުޑަކަމަށް ދެންނެވުމަކީ ކުށަކަށް ވެދާނެއެވެ.
އަމިއްލަ ކެނޑިޑޭޓުންގެ ލިސްޓުގައި ދެން ތިއްބެވި ބޭފުޅުންނަކީ މި ފުރުޞަތު އޮތް ބޭފުޅުން ކަމުގައި އަޅުގަނޑަށް ނުފެންނާތީ އެ ތަފްސީލަށް ނުގޮސް ބަހުސް ކުރުކޮށްލާނަމެވެ.
ކޮމަން ކެނޑިޑޭޓް؟
އަޅުގަނޑު މި ހިއްސާކޮށްލި ކަންކަމަށް ރިޢާޔަތް ކުރާއިރު ކޮމަން ކެނޑިޑޭޓަކަށް ފުރުޞަތު އޮތް ކެނޑިޑޭޓުންގެ ތެރޭގައި އެކަމަށް އެންމެ ޤާބިލް އެންމެ ފުރުޞަތު ބޮޑު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ އަޙްމަދު ފާރިސް މައުމޫނެވެ. ފާރިސްގެ އިޚްލާސްތެރިކަމުގެ ސިފައާއި، ތަޢުލީމީ ޤާބިލްކަމާއި، ދުރަށް ވިސްނަވާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ލީޑަރޝިޕްގެ ސަބަބުން ރާއްޖެ މައިގަނޑުކޮށް ބެހިފައިވާ ދެ ފިކުރުގެ ބޭފުޅުންނަށްވެސް ފާރިސް އަކީ އިއްތިފާޤުވެ ބުރަވެވޭ ކެނޑިޑޭޓެކެވެ. އެ ބޭފުޅާގެ އިހުލާސްތެރިކަމާއިމެދު އެއްވެސް ލީޑަރަކު ސުވާލު އުފައްދާފަ ނުވާތީއެވެ. އަދި މިއިން ކޮންމެ ލީޑަރަކު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެތައް އިނގިއްޔެއް ދިއްކޮށްފައިވާ އިރު އެފަދަ އިނގިއްޔެއް ދިއްކޮށްފައި ނުވާ ހަމައެކަނި ލީޑަރަކީ ވެސް ފާރިސް އެވެ. މީގެއިތުރުން ހުރިހާ ލީޑަރުން އެދޭ ފަދަ ބަދަލެއް ކަށަވަރު ކޮށްދެއްވާ ހުރިހާ ލީޑަރުންނަށްވެސް އެއް މިންގަނޑަކުން އިތުބާރު ކުރެވޭވެސް ހުރީ ފާރިސް އެކަނި ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފާރިސްގެ ޤާބިލް ކަމާއިމެދު ސުވާލު އުފައްދާ ފަރާތެއްވެސް ނެތެވެ. އަދި މިވަގުތު މިލިސްޓުގައި ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް އަށް އެންމެ ފުޅާ ދާއިރާއެއްގައި "ޓެޕް" ކުރެވޭނޭ ކެންޑިޑޭޓަކީ ފާރިސްއެވެ. އަދި މި ފޯމިޔުލާ އަށް ގޮއްސި ކަމުގައި ވަނީނަމަ ދުވަހަކުވެސް ފަރުދީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ކޯލިޝަން އަކަށް އެއްބަސް ވެފައިނުވާ އުމަރު ނަސީރުވެސް ފާރިސްއަށް އިތުބާރު ކުރުމުކީ ވުން ގާތް ކަމެކެވެ. އެހެން ކަމަށްވާނަމަ މި ކޯލިޝަން ވާނީ އުފެދިގެން އަންނާނޭ އެންމެ ވަރުގަދަ ކޯލިޝަންއަށެވެ.
މިއަދުގެ މާޙައުލަށް ބަލާލާއިރު، ދިވެހިން ބޭނުންވަނީ ވިޝަނަރީ ލީޑަރެކެވެ، ޤައުމު މާދަން އޮންނަންވީ ގޮތް ބުނެދޭނެ ލީޑަރެކެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާނޭ ލީޑަރެކެވެ. ދީނީ އެއްބައިވަންތަކަން ދަމަހައްޓާ އިޖުތިމާޢީ ފޭރާން އައު ކުރާނޭ ލީޑަރެކެވެ. ބޭރު ދުނިޔޭގައި ދިވެހި ޤަޢުމުގެ ޝަޚުސިއްޔަތު އަލުން ނަގާ ކޮޅަށް ޖަހާނޭ ލީޑަރެކެވެ. ފަރިތަކަމާއިއެކު ދިވެހިބަހާއި އިނގިރޭސި ބަހުން ބަސްތައް އަމުނާނޭ ތަޢުލީމީ ލީޑަރެކެވެ. ޒުވާނުންނާއި ގުޅުން ބަދަހި ޒުވާނުން "އަނޑަރސްޓޭންޑް" ވާ ލީޑަރެކެވެ. ޒުވާން ޖީލު ބޭނުންވާފަދައިން ޓެކްނޮލޮޖީގެ އިންޤިލާބު ގެނަސްދޭނޭ "ފޮރެކްސް" އަދި އޮންލައިން އިމްޕޯރޓް އެކްސްޕޯޓްގައި ދިވެހި ޒުވާނުން ފައިހަމަ ކޮށްދޭނޭ ލީޑަރެކެވެ. ބޭންކްތައް ރިފޯރމްކޮށް މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ޖާގަ ތަނަވަސް ކޮށްދޭނޭ ލީޑަރެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ބޭނމީ ފާރިސް
މިހާ ފުރިހަމަ އާރޓިކަލް އެއް ސިޔާސީ ކަމެއްގަ އަދި ބަލާ ނުލެވޭ!