ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފިއެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާރ މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާތީ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް އިއްޔެ ހުށަހެޅުއްވިއެވެ.

ރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުންނާއި އިންތިހާބީ ޝަރުތެއް އުނިވެފައިވާތީ ޕީޕީއެމްގެ ސެނެޓްގެ ބައެއް މެންބަރުންނާއި ބައެއް އާންމު މެމްބަރުން ވެސް ޤަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމުގެ ދޮރު ވަނީ ބަންދުވެފައިވުމުން، ޕީޕީއެމް ކޯލިޝަންގެ އެހެން ކެންޑިޑޭޓެއް ދައްކަން ޖެހޭ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު ހުޅުވިގެންދާ އިރު، އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. ނަމަވެސް ޕީޕީއެމުން ބުނެފައި ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

 

ގުޅުންހުރި:

އިންތިޚާބީ ޙައްޤު ކަށަވަރުކުރުމަށް، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *