Saturday, 13 April 2024

ސުޒެއިން އަނެއްކާވެސް ޤައުމީ ޓީމުގެ ކޯޗަކަށް

ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން އަންނަ މަހު ހަމަވުމުން، ޓީމުގެ ކޯޗުކަން މިހާރުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒެއިންއާ ހަވާލުކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ ޤައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މީގެ ކުރިން ސުޒެއިން ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވަގުތީ ގޮތުން ހަރަކާތްތެރިވެފައެވެ. އެއީ އޭރުގެ ޤައުމީ ކޯޗު މާޓިން ކޫޕްމަން މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

އުމުރުފުރާތަކުގެ ޤައުމީ ޓީމުތަކުގެ ކޯޗިން ޓީމު ދެމި އޮންނާނެ ކަމަށާއި، އެކަމަކު އަންނަ މަހުގެ ނިޔަލަށް ސީނިއާ ޓީމުގެ ކޯޗު މޮރިއޭރޯގެ އެއްބަސްވުން ހަމަވުމުން، އެ މަޤާމާ ދެން ހަވާލުވާނީ މިހާރުގެ އެސިސްޓަންޓް ކޯޗު ސުޒެއިން ކަމަށާއި އަދި ރާއްޖެއިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް އޮކްޓޯބަރު މަހު ނުކުންނާނީ ސުޒެއިނުގެ އިރުޝާދުގެ ދަށުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، މޮރިއޭރޯގެ އެއްބަސްވުން ހަމަވުމުން އެ މަޤަމަށް އައު ކޯޗެއް ހަމަ ނުޖައްސައި، ސުޒެއިނާއެކު ކޮލިފިކޭޝަން މެޗުތަކަށް ނުކުންނަން ނިންމީ، ޤައުމީ ޓީމު ދެނެގަތުމަށް އައު ކޯޗަކަށް ގިނަ ދުވަސް ނަގާނެތީ ކަމަށާއި، އެކަމަކު ސުޒެއިނަކީ މިހާރުވެސް ޤައުމީ ޓީމާއެކު މަސައްކަތްކުރާ ކޯޗެއް ކަމުން، އޭނާއަށް އިތުބާރު އެބައޮތް ކަމަށެވެ.

މޮރިއޯރޭގެ އެއްބަސްވުން ހަމަވާއިރު، ޤައުމީ ޓީމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *