އަލްމަރްހޫމް އަޙްމަދު ޝާހިދު ހަލީމްއަކީ ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރ އަދި ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
"އަޅުގަނޑަށް އެންމެ ފުރަތަމަ އެމަނިކުފާނު ގެ ހުނަރު ފެނުނީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ޔޫސޭ ޑްރާމާއެއްގެ ބޭންކް މެނޭޖަރެއްގެ ރޯލް އަދާކުރައްވަނިކޮށް."
ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލުކަމެއް ލިބިގެންދިޔަ ދިޔަ ޓީވީ ޝޯ، "ބަހަބަރު"ގެ އެއް ތަރި، މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް ނިޔާވުމާ ގުޅިގެން ތައުޒިޔާ ދަންނަވަމުން ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަރްހޫމުގެ ފާފަފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވައި މިދަތި ދަނޑިވަޅުގައި އެ މަރްހޫމުގެ އާއިލާއަށާއި ގާތްތިމާގެ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
Marhoomge furaanafulhah suvarugeyge dhaaimee niumaih minvaru kohdhevvumashaai, dhirithibeennah keihtheri kan minvaru koh dhevvun edhi dhua kuran. Gina baegge hih thakah ufãverikan genesdhevvi beyfulheh. https://t.co/GTwvPUYczN
— Mohamed Ghassan Maumoon (@mgmaumoon) July 23, 2023
ދިވެހި ސަރުކާރަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށާއި ދިވެހި މުޖުތަމަޢަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފޮހެވިގެންނުދާނެއެވެ. ޝާހިދަކީ ޓީވީ ޑްރާމާތަކާއި ސްޓޭޖް ތަމްސީލު ކުޅުމުގައި ވެސް ހުނަރުވެރިއެކެވެ.
1980ގެ އަހަރުތަކުގައި ވެރިރަށް މާލޭގައި ބޭއްވި އަވަށު ޑްރާމާ ޝޯތަކުގައި ޝާހިދު ވަނީ މުހިންމު ބައިތަކެއް އަދާކޮށްފައެވެ. އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔައީ "ބަހަބަރު" ގެ ތެރެއިންނެވެ.
ޝާހިދު ވަނީ، ދިވެހި އަދަބިއްޔާތަށްވެސް ވަރަށް ގިނަ ހިދުމަތްތައް ކޮށްދީފައެވެ. މުނިފޫހިފުލުވުމުގެ ރޮނގުން އޭނާ އަށް ސަރުކާރުން ވަނީ އާންމު ހިދުމަތުގެ އިނާމް ވެސް ދީފައެވެ.
އުމުރުން 72 އަހަރުގައި އޭނާ ނިޔާވެފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާކުރަމުން ގެންދާތާ މަހެއްހާ ދުވަސް ފަހުންނެވެ. ޝާހިދު ނިޔާވީ ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ބާއްވާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ނިޔާވިއިރު ޝާހިދުގެ އަށް ކުދިން ދުނިޔޭގައި އެބަތިއްބެވެ.