ޖުމްހޫރީ މައިދާނުގައި އިހްތިޖާޖް ކުރައްވަނިކޮށް ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގެ ފަސް ބޭފުޅަކު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
އިދިކޮޅު ޕީޕީއެމް ކޮލިޝަންގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގެން އެތަނުގައި އިށީންނަވައި އިޖުތިޖާޖް ކުރައްވާފައިވާއިރު، އެބޭފުޅުން އަޑުއުފުއްލަވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ނުހިނގާ މައްސަލައިގައެވެ.
އެ ބޭފުޅުން އެ ތަނުގައި ތިއްބަވަނިކޮށް އެސްއޯ ފުލުހުން ގޮސް، އެބޭފުޅުން ހައްޔަރުކޮށް، ފަހުން އެބޭފުޅުން ދޫކޮށްލީ ބަޔާން ނެގުމަށްޓަކައި ފުލުސް އޮފީހަށް ހާޒިރުވުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.
ޕީޕީއެމުން ވަނީ އެ ފަސް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިތައް ދީފައެވެ. މިއަދު ހާޟިރު ކުރާ ބޭފުޅުންގެ ތެރޭގައި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)، ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިމެނެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.
ޔާމީންގެ އިންތިހާބީ ޙައްޤުތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުކޮށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިޔަސް އެ މައްސަލަ ބަލައި ނުގަންނަން ވެސް އެ ކޯޓުން ވަނީ ނިންމައިފައެވެ.