ސައުދީ އަންހެނަކު، އޭނާގެ ލޯބިވެރިޔާ ޖަލުގައި ހުއްޓައި ކައިވެނިކުރަން ނިންމައިފިއެވެ.
އެފިރިހެން މިހާ ޖަލަށް ލާފައިވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހަތަރު އަހަރުގެ މުއްދަތަށެވެ. އެފިރިހެން މީހާ ބުނާގޮތުން އެ އަންހެނާ އޭނާ ޖަލުގައި ހުއްޓައި ކައިވެނިކުރަން އެދުނު ކަމީ އޭނާ ވަރަށް އުފާކުރާ ކަމެވެ.
ޖަލަށްލިޔަސް އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ޙާލެއްގައި ނަމަވެސް އެއީ އޭނާ އަބަދަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ. އެ ލޯބީގެ ގުޅުން ހިނދުކޮޅަކަށްވެސް ކެނޑި ނުދާނޭ ފަދަ ނިންމުމެކެވެ.
ސޯޝަލް މީޑިޔާގައި މިވާހަކަ ދަނީ ވަަރަށް ބާރަށް ފެތުރެމުންނެވެ، ސައުދީގެ މީޑިޔާތައް ބުނާ ގޮތުން، އެ ދެމީހުންގެ ކައިވެނި އޮތީ ބަހާ ސިޓީގައި ހުންނަ ޖަލުގައެވެ. ކައިވެނިކުރުމުގެ ރަސްމީ ބައި ހަމަޖެއްސީ ސައުދީގެ ރެލިޖަސް އެފެއާޒް އޮތޯރިޓީއިންނެވެ. އެ ކައިވެނީގެ ވަލީމާއަށް ދެ ފަރާތުގެ އާއިލާގެ މެންބަރުން ބައިވެރިވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދިނެވެ.
ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދެ ފަރާތް ބައްދަލުކޮށް ހެދުމުގެ ފުުރުޞަތު ރެލިޖަސް އޮތޯރިޓީން ދިނެވެ.
ކައިވެނީގެ ރަނެއްގެ ގޮތުގައި ކިޔާފައިވަނީ 40،000 ސައުދީ ރިޔާލައެވެ. މިކަން ވެގެންދިޔައީ ގިނަ ބަޔަކަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. ނަމަވެސް، އެ ކައިވެނީގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.