އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ސޮއި ހަމަކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެމްއާރުއެމްއިން ވަނީ "ފިޔައޮންލައިން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މިހާރު ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ، އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނުކުންނާނެ ކަމާ މެދު ސުވާލު އުފެދިފައިވާތީއެވެ.
އެ ގޮންޖެހުން އޮތުމުން، ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންކަން "ފިޔައޮންލައިން"އަށް އެނގިފައިވެއެވެ.
އެހެންކަމުން، ގާނޫނުގައި ބުނާ ސޮއި ހޯދުމުގެ މަސައްކަތް އޭނާ ވަނީ އިއްޔެ ފައްޓަވާފައެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން، ޕާޓީއެއްގެ ރިޔާސީ ޓިކެޓްގައި ވާދަކުރާނަ ސޮއި ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން، ކެންޑީޑަސީ ފޯމާ އެކު 1،500 ސޮއި ހުށަހަޅަން ޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، ދިން ނޯޓިސްގައި ވެސް އެ އަދަދު ހަމަ ނުވެގެން ކަމަށް ބުނެއެވެ. ނަމަވެސް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ކޯޓުގެ އެ އަމުރު މުރާޖައާކުުރުމަށް އީސީން ހުށަހެޅުމުން ވެސް ކޯޓުން ނިންމީ އެމްއާރުއެމްއާ އެއްކޮޅަށެވެ.
އެމްއާރުއެމް އުވާލީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް އެ ޕާޓީން މީގެ ކުރިން ތުހުމަތު ކުރިކަމުގައިވިޔަސް ސަރުކާރުން އެކަން ދޮގުކުރެއެވެ.