އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފިއެވެ.
ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކު ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ފުއާދު ބައިވެރި ނުވާ ކޮމިޝަންގެ ޖަލްސާއެއްގައެވެ. އެޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.
މިބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ހަބީބް ފިޔަވައި ދެން ތިއްބެވި ތިން މެމްބަރުން ވަނީ ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ތާއީދުކޮށްފައިޥާއިރު، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ ގޮތް އުސޫލުގައި ބަޔާންކޮށްފައެއް ނޯވެއެވެ.
އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މިހާރު އޮތް ގޮތުން، ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.
ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށްފައި މިވަނީ ކޮމިޝަންގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. މިކަން ފެށިގެން އައިސްފައިވަނީ، ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަން މަސައްކަތް ކުރި ދަ ޑިމޮކްރެޓްސް އަށް ހުއްދަދޭން އުޅުނު ކަންތައްތަކުގެ ތެރޭގައެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތް އިރު މިއީ އިލެކްޝަންސް ކޮމިޝަންގެ މޭންޑޭޓްގެ ތެރެއިން މިވަގުތައް އެންމެ މުހިއްމު ނިންމުން ކަމަށް ނުދެކޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.