30 އެޕްރީލް 2025

އިސްތިއުފާއެއް ނުދޭނަން، ރައްޔިތުން ތިބީ އަޅުގަނޑާއެކު: ފުއާދު

ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގަވަނީސް އިތުބާރު ނެތް ކަމަށް ފާސްކުރީ ޕްރެޝަރު ކުރަން ކަމަށާއި އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ރައްޔިތުން ތިބ ފުއާދުއާ އެކުގައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފުއާދު ބައެއް މީޑިއާތަކަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުގެ ތިން މެމްބަރަކު ވޯޓު ދެއްވައިގެން ފާސްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީ ކުރުމުގެ ތެރޭގައި ފުއާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ފުއާދާ މެދު ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެ މެންބަރުން ވަނީ ފުއާދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅައި ފާސްކޮށްފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި މެމްބަރުންގެ ޖަލްސާއެއްގެ އެހެނިހެން ކަންކަމުގެ ތެރޭގައި ހިމަނައިގެން ފާސްކުރީ އެއްވެސް ތާކުންތާކު ޖެހޭ މައްސަލައެއް ނޫނެވެ. އެ ޖަލްސާ ބޭއްވިއިރު އެެޖެންޑާގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުން ހިމަނާފައި ނެތް ކަމަށާއި ފަހު ވަގުތު އެކަން ހިމެނީ އެހެނިހެން ކަންކަމުގެ ތެރޭގައި ކަަމަށް ފުއާދު ވިދާޅުވިއެވެ.

މި ދައުރުގެ ކުރިން ވެސް އީސީގެ މެމްބަރުކަމުގައި ހުންނެވި ފުއާދު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނޯންނާނެ ކަމަށެވެ. އޭނާއާ މެދު މެމްބަރުން ހިތްހަމަނުޖެހިގެން އުޅެނީ ބައެއް ކަންކަން ދިގުދަންމަން ބޭނުންވިޔަސް އެ ފުރުސަތު ނުދެއްވާތީ ކަމަށް ވިދާޅުވިއެވެ.

"ޕްރެޝާ ކުރިޔަސް ދުލެއް ނުދޭނަން. ގައުމަށް މާ މުހިންމު މި ވަގުތު މި މަގާމުގައި އަޅުގަނޑު ހުރުން. ކިތަންމެ އުނދަގޫ ކުރިޔަށް އިސްތިއުފާ ނުދޭނަން،"

ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި މަޖިލީހުން އޭނާ ވަކި ކޮށްފިނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށާއި އޭގެ ކުރިން މަސައްކަތްތައް އެއްގޮތަކަށް ވެސް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ދެ މަހަށް ވުރެ ކުޑަ ތަންވެފައި ވަނިކޮށް އީސީގެ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހެމުން އަންނާތީ ސިޔާސީ ޕާޓީތަކާއި ކަންބޮޑުވުން ވެސް އޮވެ އެވެ.

އެކަމާ ގުޅޭ ގޮތުން ފުއާދު ވިދާޅުވީ އީސީގެ ތެރޭގައި ހިނގާ ކަމަކުން އިންތިހާބާ ގުޅޭ އެއްވެސް ކަމަކަށް އަސަރެއް ނުކުރާނެ އެވެ. މިހާރު ވެސް ހުރިހާ މަސައްކަތްތައް ކުރިޔަށް ދަނީ ޝެޑިއުލްއާ އެއްގޮތަކަށް ކަމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"އެއްވެސް ޖާގައެއް ނެތް އެއްވެސް ކަމެއް ބޭއިންސާފުން ގެންދާކަށް. އިންސާފުވެރިކަމާއެކީ ކުރިޔަށް ދާނެ. އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ހުރިހާ ކަމެއް ޝެޑިއުލްއާ އެއްގޮތަށް ދަނީ. އެކަމަށް ހުރަސް އެޅުނަ ނުދޭނަން،" ފުއާދު ވިދާޅުވި އެވެ.

ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކު ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ފުއާދު ބައިވެރި ނުވާ ކޮމިޝަންގެ ޖަލްސާއެއްގައެވެ. އެޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.

މިބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ހަބީބް ފިޔަވައި ދެން ތިއްބެވި ތިން މެމްބަރުން ވަނީ ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ތާއީދުކޮށްފައިޥާއިރު، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ ގޮތް އުސޫލުގައި ބަޔާންކޮށްފައެއް ނޯވެއެވެ.

އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އީސީގެ މެންބަރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

މިހާރު އޮތް ގޮތުން، ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށްފައި މިވަނީ ކޮމިޝަންގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. މިކަން ފެށިގެން އައިސްފައިވަނީ، ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަން މަސައްކަތް ކުރި ދަ ޑިމޮކްރެޓްސް އަށް ހުއްދަދޭން އުޅުނު ކަންތައްތަކުގެ ތެރޭގައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތް އިރު މިއީ އިލެކްޝަންސް ކޮމިޝަންގެ މޭންޑޭޓްގެ ތެރެއިން މިވަގުތައް އެންމެ މުހިއްމު ނިންމުން ކަމަށް ނުދެކޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު