Tuesday, 18 June 2024

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކޮށްފި

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކޮށް، ޚިދުމަތުގައި މިހާރު ތިއްބެވި ހުރިހާމުދައްރިސުންނަށް، ލައިސަންސް ދޭން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން  ނިންމަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި، ޚިދުމަތުގައި މިހާރު ތިއްބެވި ހުރިހާ މުދައްރިސުންނަށް ވެސް ހަތަރު އަހަރުގެ މުދައްރިސް ކަމުގެ ލައިސަންސެއް ލިބޭނެއެވެ.

ހަތަރު އަހަރު ދުވަހަށް މުދައްރިސް ކަމުގެ ލައިސަންސް މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ވެސް ލިބޭނެ ކަމަށާއި މިއަދު ޢަމަލު ކުރަން ފެށި ޤަވައިދުގެ ދަށުން ލައިސަންސް ދޭނީ މީގެ ދެ އަހަރު ފަހުން، ކިޔަވަން ފަށައި، ހަތަރު އަހަރު ކިޔެވުން ނިންމާ މުދައްރިސުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ ވިދާޅުވިއެވެ.

" މި ގެޒެޓް ކުރެވުނު ހިސާބުން މިހާރު ތިއްބެވި ހުރިހާ މުދައްރިސުންނަކީ ލައިސަންސް ލިބިފައިވާ މުދައްރިސުން. ދެން ހުންނާނީ ރަޖިސްޓްރީ ކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް. އިދާރީ ބައިތައް ފުރިހަމަ ކުރުމަށް ތަޢުލީމީ ސެޓްފިކެޓާއި ފޯމުތައް ހުށަހަޅަން ޖެހޭނީ"

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމައި ލައިސަންސް ކާޑް މި ފެށޭ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މުދައްރިސުންނަށް ލައިސަންސް ދުކުރުމުގެ ޤަވައިދު ބުނާ ގޮތުން ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދޫކުރާނީ ތިން ބާވަތެއްގެ ލައިސަންސެކެވެ.

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއ، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި  ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށް ކަމަށް، އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ،

މީގެއިތުރުން، ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއި ތަޢުލީމުގެ ޤާނޫނުގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.

މުދައްރިސުންގެ ލައިސަންސް ތަޢާރަފްކުރުމަކީ ދަރިންނަށް ލިބިދޭ ތަޢުލީމްގެ ފެންވަރު ރަނގަޅުކޮށް، ދާއިރާއަށް ބޭނުންވާ ފަންނީ ގާބިލް މުދައްރިސުން ބިނާކޮށް، ދަރިވަރުންގެ ތަޢުލީމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު