މި ގައުމުގައި މިނިވަންކަމެއް އެބަ އޮތްތޯ ވިދާޅުވެ، ޤައުމުގެ މި އަނދިރި ހާލަތު ބަދަލު ކުރެވޭނެ ހުންނެވީ އެންމެ ބޭފުޅެއްކަމަށާއި، އެއީ ރައީސް ޔާމީން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"މި ގައުމުގައި މިނިވަންކަމެއް އެބަ އޮތްތޯ؟ ގައުމުގެ މި އަނދިރި ހާލަތު ބަދަލު ކުރެވޭނެ ހުންނެވީ އެންމެ ބޭފުޅެއް. އެއީ ރައީސް ޔާމީން." ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ވައްކަން ކުރުން މަގާމުގެ ޝަރުތަކަށްވެ ޝަރަފުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަސް ބައްދަލުކުރި އިރު ދިވެހީގެ މަސްކަނޑު ވިއްކާލާފައިވާ ކަމަށެވެ. ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައިން ދާއިމަށް ބަނޑަހަ ޖަހާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ގައުމު އެކީ ދަރުވާލައިފި. ރައްޔިތުން ހުރިހާ ސްކީމަކަށް ދަރުވާލައި ނިކަމެތިކޮށްފި. ލިބޭ މުސާރަ ދެ ދުވަސްތެރޭ ހުސްވާ ވަރަށް ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ހަރަދުތައް ބޮޑުކޮށްފި. ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާން ޖީލުގެ ބޮޑު އާބާދީގެ މަގުގެެއްލުވާލައި ގޮތް ހުސްކޮށްލައިފި. ވައްކަން ކުރުން މަގާމުގެ ޝަރުތަކަށްވެ ޝަރަފުވެރިވެއްޖެ." ޝިޔާމް ވިދާޅުވިއެވެ.
ގައްދާރުން ގައުމީ ބަތަލުންނަށް މިއަދު ވެފައިވާ ކަމަށާއި، އަދުލުގެ ނިޒާމަކީ ސަރުކާރުން މޮޑޭ ސިޔާސީ ފުއްގަނޑަކަށް ވެއްޖެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި ގައުމު ހާލަތު ބަދަލުކުރެއްވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އެކަން މި ސަރުކާރަށް އެނގޭތީ އެމަނިކުފާނު ހުރަގެއަށްލާ މިއަދު ގައިދުކޮށްފައިވާ ކަމަށާއި، ޤައުމު މިނިވަންވާނީ ޔާމީން މިނިވަންވެގެން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.