ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން، އެމްއެންޔޫއެސްޔޫގެ ކުރީގެ ރައީސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ސާޖަންޓު ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ.ޅޮހި ޙާޞިލުކުރައްވައިފިއެވެ.
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.
ޢަބްދުﷲ ޝަހުނީޒަކީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު ޖަމިއްޔާ ޖަމާޢަތްތަކާއި ކްލަބް އެސޯސިއޭޝަންތަކުގެ އިތުރުން އެކިއެކި މުއައްސަސާތަކުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިލޭ ސާބަހަށް މަސައްކަތްކުރުމަށް މީހުންނަށް ހިތްވަރުދީ ތަމްރީނުދެމުން އަންނަ ފަރާތެކެވެ. މިގޮތުން ރަށުފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ތަފާތު ގިނަ މަސައްކަތްތައް ޝަހުނީޒް ވަނީ ކުރައްވާފައެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އެކިއެކި މިނިސްޓްރީތަކާ ގުޅިގެން ޝަހުނީޒް ކުރައްވާފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. މީގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓްރީ ހިމެނެއެވެ. ހަމަ މިއާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކިއެކި މަސައްކަތްތަކުގައި ވެސް ޝަހުނީޒް ވަނީ ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހަމަ އެހެންމެ، ޤައުމީ ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގައި 2014 އިން ފެށިގެން ޝަހުނީޒު އަންނަނީ ހިލޭ ސާބަހަށް ދަރިވަރުން ތަމްރީނުކޮށްދީ، ހިލޭ ސާބަހަށް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، އެކިއެކި ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. މިގޮތުން ޝަހުނީޒު ވަނީ 2021 ވަނަ އަހަރު ދަރިވަރުންގެ ޔޫނިއަންގެ ރައީސްކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ބައިނަލް އަޤްވާމީ އެކިއެކި ޖަމިއްޔާތަކާ ގުޅިގެން ޝަހުނީޒު ކުރައްވާފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާއެކު ކޮށްފައިވާ މުހިއްމު މަސައްކަތްތަކަކީ ހިލޭ ސާބަހަށް ކޮށްދެއްވާފައިވާ މަސައްކަތްތަކެވެ. މީގެ އިތުރުން ޝަހުނީޒު ވަނީ އެމެރިކަން ސެންޓަރާ ގުޅިގެންވެސް ތަފާތު ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައެވެ. ހަމަމިއާއެކު، ސްޓަރސް ސްޕޯޓްސް ކްލަބަށާއި، އެމް.އެން.ޔޫ ސްޓާފް ކްލަބަށާއި، ރެޑްބުލް މޯލްޑިވްސްގެ އިތުރުން ކެރަމް އެސޯސިއޭޝަންގެ އެކިއެކި މަސައްކަތްތައް ޝަހުނީޒު ހިލޭ ސާބަހަށް ކޮށްދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ، ކޮވިޑް – 19ގެ ދުވަސްވަރު، އެކިއެކި މުއައްސަސާތަކާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ޝަހުނީޒު ކުރައްވާފައިވަނީ އަގުހުރި މަސައްކަތްތަކެކެވެ. މިގޮތުން ކޮވިޑް ފެސިލިޓީއަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ނަރުހުން ހަމަޖެއްސުމުގައި ޝަހުނީޒު ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މި ނަރުހުންގެ ދަތުރުފަތުރުގެ އިންތިޒާމު ފަދަ ކަންކަން ހަމަޖައްސާފައިވަނީ ޝަހުނީޒް އިސްވެ ހުންނަވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިފަދަ އެކިއެކި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝަހުނީޒަށް ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ޒުވާނުންގެ ޤައުމީ އިނާމުވެސް ލިބިފައެވެ. 2014 އިން ފެށިގެން ޝަހުނީޒު އަންނަނީ މެދު ކެނޑުމެއްނެތި މި ދެންނެވި މަސައްކަތްތަކުގައި މަސައްކަތް ކުރައްވަމުންނެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.