ދަރިފުޅުގެ "ހޯމް ވޯރކް"އިން ބައްޕައެއްގެ ވިސްނުން ބަދަލުކޮށްލި ޙާދިސާ

އެ ބައްޕަ އަބަދުވެސް ހުންނަނީ ހާސްކަމުގައެވެ. ރުޅިގަދަވެ ނުތަނަވަސް ކަމުގައެވެ. ގޭތެރޭގެ ހުރިހާ ޚަރަދު ބަރަދެއް ބަލަހައްޓަންޖެހި، އަތުން ފައިސާ ޚަރަދުވާތީ، ރުޅިގަދަ ވަނީއެވެ. ޢާއިލާގެ ކަންކަމުގެ ޒިންމާ ނަގަންޖެހި، އައުލާދުގެ ބައެއް މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ ލިބޭ މަދު ލާރިކޮޅުން ފަރުނުޖެހިދާނެ ކަމަށް ހީކޮށް، ނުތަނަވަސް ވަނީއެވެ.

މިކަންކަމާ ވިސްނަން ހަދައިގެން، ކުއްލި ކުއްލިއަށް ރުޅިގަދަވުމާއި، ހާސްވުން އިންތިހާއަށް އިތުރުވެއްޖެއެވެ. އަންހެނުންނާއި ދަރިން ދެކެވެސް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ކިރިޔާވެސް ކަމެެއް ދިމާވާއިރަށް އެ ބައްޕަ ހުންނަނީ ފަޅައިގެންދާ ވަރު ވެފައެވެ. އެއްޗެހިކިޔާ ހަޅޭއްލަވަނީއެވެ.

މިހެން އުޅުމުގެ ތެރޭގައި ހަގު ދަރިފުޅުގެ ހޯމް ވޯރކް ހަދަން، ދަރިފުޅު، ބައްޕަގެ އެހީތެރިކަމަށް އެދުނެވެ. ދަރިފުޅު އެކަމަށް އާދޭސްކުރުމުން ބައްޕަ މާ ގަދައަށްވެސް ރުޅިއައިސްފިއެވެ. ހަޅޭއްލަވައިގަނެ، އަތުކުރިއަަށްލައި ދަރިފުޅު ހޫރަައިލިއެވެ.

މި ހާދިސާއަށްފަހު، އެ ބައްޕައަަށް އާދަޔާ ޚިލާފު އިޙްސާސެއް ކުރެވެން ފަށައިފިއެވެ. އެ ބައްޕަ މައިތިރިވެއްޖެއެވެ. ހިއްލައިގަތް ދާގަނޑު އޮބެން ފަށައިފިއެވެ.

ދަރިފުޅުވެސް ވީ ދެރައިން ރޮމުން ރޮމުން ގޮސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ވީ ދެރައިން ދަރިފުޅަށް ކުރި އަސަރުން، ދަރިފުޅަށް އެނދު ހުރަހަށް އޮވެ ނިދިއްޖެއެވެ. ބައްޕަގެ ރުޅިގަނޑު މައިތިރިވެ، ދަރިފުޅު ކޮބައިތޯ ބަލައިލަން ދަރިފުޅުގެ ކޮޓަރިއަށް ވަނެވެ.

ދަރިފުޅަށް ނިދިފައި އޮތްއިރު، އޭނާގެ އަތުގައި ހަދާފައި އޮތް ހޯމް ވޯރކް އޮތެވެ. ދަރިފުޅު ހޯމްވޯރކަށް ހަދާފައި އޮތީ ކޯޗެއްތޯ ބަލާލަން ބައްޕަ ބޭނުންވިއެވެ.

ހޯމް ވޯރކަކަށް ދީފައި އޮތީ، "ކުރިން ގަޔާ ނުވާ އެކަމަކު ފަހުން، ވިސްނުން ބަދަލުވެ، ރަނގަޅު ކަންކަމުގެ ގޮތުގައި ފާހަގަވާ ކަންކަން" މި ސުރުޚީގެ ދަށުން ދަރިފުޅު ޕެރެގްރާފެއް ލިޔަން މަސައްކަތްކޮށްފައި އޮތެވެ.

ދަރިފުޅު ލިޔެފައިވަނީ:

"ފައިނަލް އިމްތިޙާނު ހަދަން އެހާ ބޭނުމެއް ނުވެއެވެ. އެކަމަކު ސްކޫލް ބަންދުވާތީ ފަހުން އެ އިމްތިޙާނު ހަދަން ބޭނުންވިއެވެ. އެކަމަށް ޝުކުރުވެރި ވީމެވެ."

"ބަލިވީމަ ބޭސް ކާކަށް ފުރަތަމަ ބޭނުމެއް ނުވިއެވެ. އެހެނީ ބޭސް ހިއްޗެވެ. އެކަމަކު ބަލި ރަނގަޅުވަނީ ބޭސް ކެއިމުންކަމަށްވާތީ، ފަހުން ބޭސް ކާ ހިތްވިއެވެ. އެކަމަށް ޝުކުރުވެރިވަމެެވެ."

"ގަޑި ސޯނާ ވާތީ އުނދަގޫވެއެވެ. އެކަމަކު ފަހުން އެ ކަން މައްސަލައަކަށް ނުވިއެވެ. އެހެނީ ފަތިހު ހޭލައި ރަނގަޅު މަސައްކަތްތަކެއް ކުރެވެނީ، ސޯނާގެ އަޑުއިވިގެން ފަތިހު ހޭލެވޭތީއެވެ. އެކަަމަށް ޝުކުރުވެރިވަމެވެ."

"އަހަރެންގެ ބައްޕަ ހަޅޭއްލަަވައި އަޑުގަދަކޮށް ހަދާތީ ކުރިން ބިރުގަނެއެވެ. އެކަމާ ވަރަށް ދެރަވެއެވެ. އެކަމަކު އެބައްޕަ އަހަރެންނަށްް ކުޅޭ އެއްޗިއްސާއި މީރު ކާއެއްޗެހި ގެނެސްދީ، ހިނގާލަން ގެންދާތީ އުފާވެއެވެ. ބައްޕަ އަޑުގަދަ ކުރިއަސް ފަހުން ރަނގަޅުވެއެވެ. އެކަމަށް ޝުކުރުވެރިވަމެެވެ. އަހަރެންނަށް ރަނގަޅު ބައްޕައެއް ލިބިފައިވާތީއެވެ."

ދަރިފުޅުގެ ހޯމް ވޯރކް ކިޔުމަށްފަހު، އެ ބައްޕައަށް ފުން އިޙްސާސްތަކެއް ކުރެވިއްޖެއެވެ. މިހާރު ދަރިންނާއި އަންހެނުންނާ ދޭތެރޭ އަމަލުކުރެވެނީ ރަނގަޅަށް ނޫންކަން، އެ ބައްޕަގެ ހިތަށް ޤަބޫލުކުރެވިއްޖެއެވެ. އަނެއްވާ ވިސްނާލިއެވެ. އަނެއްކާވެސް ވިސްނާލިއެވެ. ހިތަށް އެއްޗެއް ވިސްނިއްޖެއެވެ.

އެ ބައްޕަ އިށީނދެ ހަމަޖެހިލައިފިއެވެ. ބައްޕައަށް ހަމަވިސްނުން ވިސްނެން ފަށައިފިއެވެ.

"އާނ، އަހަރެން ގޭތެެރޭގެ ހުރިހާ ކަމެއްގެ ޚަރަދު ބަލަހައްޓަން. އެކަމުގެ ސަބަބުން ގޭތެރޭގެ ކަންކަން ބެލެހެއްޓޭ. އަމިއްލަ ގެއެއް ލިބިގެންވާ ކަން އިޙްސާސްކުރެވޭ. އަމިއްލަ އާއިލާއެއް ވާކަން އިޙްސާސް ކުރެވޭ. އާނ! ދެން ކީއްވެ ރުޅިގަދަވާންވީ! އަހަރެންނަށް ލިބިގެން މިވަނީ މަތިވެރި ނިޢުމަތެއް. ގެއެއް ގެދޮރެއް ނެތް، ޢާއިލާއެއް އައުލާދެއް ނެތް އަތައް ބަޔަކު އެބައުޅޭ! ޚަރަދު ބަރަދު ނުބެލެއްޓޭ އެތައް ބަޔަކު އެބައުޅޭ! އަހަރެންނަށް އެ ހުރިހާ ކަމެއް އެބަ ބެލެހެއްޓޭ. އަތްމަތި ދަތިނުވެ، އަހަރެންނަަށް ކަންކަން ކުރެވޭ. ދެން ކީއްވެ ނުތަނަވަސް ވާންވީ؟"

އެ ބައްޕަ އެކަން ކަމާ ޝުކުރުވެރިވިއެވެ. އޭނާގެ މުޅި ޙަޔާތް ބަދަލުކޮށްލަން ޢަޒުމް ކަނޑައެޅިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު