މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް، ގަލޮޅު ރަސްމީ ދަނޑުގައި ރޭ ބާއްވާފައިވާއިރު ތަފާތު ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި، ހެވިކަމުގެ ހަރަކާތްތަކާއި، ޝަރަފްގެ ހިނގާލުން އަދި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލެއްވިއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގަލޮޅު ދަނޑަށްވަޑައިގެންނެވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިޤުބާލުކުރެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ދެކަނބަލުންނެވެ.
ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ވަނީ، ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ކުރިއަށްދިޔަ ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރިނީސް އައްޓަށް އަރާވަޑައިގެން ހުއްޓިވަޑައިގަތުމާއެކު ޤައުމީ ދިފާޢީ ބާރުން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރިޔާސީ ކުރުނީސް ކުރުމާއެކު ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާމް ވަނީ ކުޅެފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގައި ޖުމްލަ 9 ހުށަހެޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މި ހަރަކާތްތައް ފެށުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓު މާޗުން ކަން ފާހަގަކޮށްލެވެއެވެ.
މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، އަމީނިއްޔާ ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ކަލާފާނު ސްކޫލް، ޢިމާދުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، މުޙިއްޔުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިސްކަންދަރު ސްކޫލް، އަދި ހުޅުމާލޭގެ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލުން، މި ހިނގާލުމުގައި ވަނީ ބައިވެރިވެފައެވެ. އެވަގުތު އެމް.އެން.ޑީ.އެފްއާއި ސްކޫލްތަކުން އެއްކޮށްލެވިފައިވާ ބޭންޑުގެ ހުށަހެޅުންތައް ކުރިއަށް ދިޔައެވެ.
މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުށަހަޅައިދީފައިވަނީ ހުޅުމާލޭ ސްކޫލްތަކުގެ ޖޫނިއަރ ކެޓެގަރީގެ ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމެކެވެ. ކާމިލްދީދީ ޕްރީސްކޫލް، މުހައްމަދު ޤާސިމް ޕްރީސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ރެހެންދި ސްކޫލުގެ ދަރިވަރުން ބައިވެރިވެގެން ހުށަހަޅައިދިން، މި އައިޓަމުގައި ދައްކުވައިދީފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ މަންޒަރާއި، އެ މިނިވަންކަން ހޯދުމަށް ދުޝްމަނުން ބަލިކޮށް ނަޞްރު ހޯދާ މަންޒަރާއި މިނިވަން މާޙައުލެއްގައި އުފަލާ ޖޯޝުގައި ކާމިޔާބީ ފާހަގަކުރާ މަންޒަރުތައް ފެނިގެން ގޮސްފައިވެއެވެ.
އެއަށްފަހު މާލެއަތޮޅު ކާށިދޫގެ ފަރާތުން ހުށަހަޅައިދިން ހަރުބީގެ އައިޓަމެއް ފެނިގެން ދިޔައެވެ. ކާށިދޫގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ސަޤާފީ ކުޅިވަރެއްގެގޮތުގައި ޚާއްސަ ކުރެވިފައިވާ މި ކުޅިވަރަށް ދީފައިވާ ޚާއްސަ ނަމަކީ ދިގުމަގު ހަރުބީ ޖެހުމެވެ. އިހުޒަމާނުގެ ފަންނުވެރީން ދަސްކޮށްދިން ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް މިހާރުވެސް ކާށިދޫގައި ކުރިއަށްދާކަމަށްވެއެވެ.
މިނިވަންކަމުން ރާއްޖެދުށް ތަރައްޤީއާއި ޒަމާނީ ބަދަލުތައް ދައްކުވައިދީފައިވާ ސްކޫލް ދަރިވަރުންގެ އައިޓަމް ސްކޫލް ދަރިވަރުންގެ އައިޓަމްތަކުގެ ތެރެއިން، އިހުގައި ދިވެހީން އުޅެމުން އައި ސާދާ ދިރިއުޅުމާއި އެއްބައިވަންތަކަން ގެއްލުނަނުދީ އަލުން ދިރުވާ އާލާކުރުމަށް މިއަދުގެ ޒުވާން ޖީލުވެސް އެދިއެދި ތިބިކަން ރަމްޒުކޮށްދީފައިވެއެވެ. މި އައިޓަމްތަކުގައި ހުޅުމާލޭގެ 3 ސްކޫލެއްކަމަށްވާ ހުރަވީ ސްކޫލާއި، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ
މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ލަނގިރިޖެހުމުގެ ޚާއްސަ ސަޤާފީ ހަރަކާތެއްވެސް މި ކުޅިވަރުތަކުގެ ތެރޭގައި ހުށަހަޅާފައިވާއިރު، އެކުވެރި ގުޅުމުގެ ލަނގިރީގައި ކުރުދަނޑިއާއި، ދިގުދަނޑިނެށުން، މާބޮނޑިއާއި މާފައްޗާއި، ތާރައިގެ ތަފާތު ނެށުންތައް ހިމެނެއެވެ.
ސްކޫލް ކުދިންގެ އައިޓަމްތައް ގެނެސްދީފައިވަނީ އެކި އަވަށްތަކުގެ ސްކޫލްތައް 3 ގްރޫޕަކަށް ބަހާލައިގެން ހުށަހަޅާފައިވާއިރު، ހުޅުމާލޭގެ ޖޫނިއަރ ގްރޫޕާއި ސީނިއަރ ގްރޫޕުގެ ހުށަހެޅުންތަކަށްފަހު، ހެންވޭރު ގްރޫޕުގެ ހުށަހެޅުން ފެނިގެން ގޮސްފައިވެއެވެ މީގެ ތެރޭގައި ދަރުމަވަންތަ ސްކޫލާއި، ޢިމާދުއްދީން ސްކޫލާއި، ޢިއްޒުދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ކަލާފާނުގެ ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ހިމެނެއެވެ. މި ގްރޫޕުގެ ފަރާތުން ވަނީ ޙުއްބުލްވަޠަނުގެ ޖޯޝާއި ފޯރިން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކޮށް ވަޠަނީ ރޫޙު އާލާކޮށްދޭ ހިތްގައިމު މިއުޒިކާއި ފޯރިގަދަ ލަވައާއި ފަރި ހަރަކާތްތައް ގެނެސްދީފައެވެ.
މި ރަސްމިއްޔާތުގައި ހއ. ވަށަފަރުންވެސް ޚާއްސަ ސަޤާފީ ކުޅިވަރުތައް ހިމެނޭ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައިވާއިރު، ސްކޫލް ދަރިވަރުންގެ ފަހު ހުށަހެޅުމެއްގެ ގޮތުގައި ފެނިގެންދިޔައީ މާފަންނު ގްރޫޕުގައި ހިމެނޭ ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް އަދި މުހުޔިއްދީން ސްކޫލުގެ ދަރިވަރުންގެ ހުށަހެޅުމެވެ. ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ޤައުމީ ތަރިކަތަކަށް ދިވެހީންގެ ހިތްތަކުގައިވާ އިޙްތިރާމާއި، ޤާއުމާއި ދީނަށްޓަކާ ޚިދުމަތްކުރުމަށް އަދުގެ ޒުވާނުން ތައްޔާރަށް ތިބިކަން މި ޙަރަކާތުން ގެނެސްދިނެެވެ.
އެންމެފަހު އައިޓަމެއްގެގޮތުގައި، ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ ހުށަހެޅުމެއް ގެނެސްދިނެވެ. ޤައުމީ ދިފާޢީ ބާރުން ހުށަހަޅައިދިން އައިޓަމްގެ ނަމަކީ "ކަޅުތުއްކަލާ" ކަމަށްވާއިރު، މި ހަރަކާތް ޙާއްސަކޮށްފައިވާ ކަޅުތުއްކަލާއަކީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެެއް ކަމާއި، ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިމާދުއްދީން އެއްވަނަ ސިރީ ކުލަ ސުންދަރަ ކައްތިރި ބަވަނަ މަހާރަދުންކަން ތަމްސީލުކޮށްދިނެވެ.
މި ހަރަކާތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރުގެ އެކި ޔުނިފޯމްތަކާއި، ވަޞީލަތްތައް ދައްކާލުމުގެ އިތުރުން، މިއުޒިކަލް ޑިސްޕްލޭއެއް ގޮތަށް ގެނެސްދިން މި އައިޓަމްގެ ތެރެއިން ހަވާގެ ހިތްގައިމު މަންޒަރުތަކެއް ދައްކާލިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރާއްޖޭގައި ތިއްބާވާ ބޭރު ޤައުމުތަކުގެ އިއްޒަތްތެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ ޢަދަދެއްގެ އާއްމުންވެސް މި ކުޅިވަރުތައް ބަލާލުމަށް ގަލޮޅު ދަނޑަށް ގޮސްފައިވެއެވެ.
މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.