ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އަބަދު ވެސް ވަފާތެރިވާނެ ކަމަށް މާލޭގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު، ރޭ މީޑިއާތަކަށް ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނަކީ މިއަދަކު ނޫނީ އިއްޔެއަކު ރައީސް ޔާމީނަށް ސަޕޯޓް ކުރާ މީހެއް ނޫން ކަމަށާއި ރައީސް ޔާމީނަށް ތާއީދު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
ރައީސް ޔާމީނަށް އެމަނިކުފާނުގެ ތާއީދު އޮތުމުގައި އެއްވެސް "ކޮންޑިޝަނެއް" ނޯންނާނެ ކަމަށާއި އޮންނަނީ "އަން ޑިވައިޑެޑް ލޯޔަލްޓީ" އެއް ކަމަށް މުއިއްޒު ވަނީ އެ މެސެޖުގައި ވިދާޅުވެފައެވެ.
"އަޅުގަނޑުގެ މި ލޯޔަލްޓީ އާއި މެދު ސުވާލު ކުރާ ފަރާތްތަކަށް އެބޭފުޅުން އަމިއްލައަށް ޖަވާބު ދެއްވީމަ ރަނގަޅު ވާނެ" މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން ވެސް ރައީސް ޔާމީން ފެނިވަޑައިގަތީ ވަރަށް ކަމުދާ، ކެރޭ ޝަހްސިއްޔަތެއްގެ ގޮތުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން ވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓް ވަޒީރުންނާއި އިސްވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތެއްގެ ގޮތުގަ އޭރުގަ ޔާމީން އަޅުގަނޑަށް ފާހަގަ ވެގެން ދިޔައީ." މުއިއްޒު ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އަދާލަތު ޕާޓީއާއި ޕީޕީއެމްއާއި ކޯލިޝަން ހެދުމަށް ވެސް ރައީސް ޔާމީނާއި އެޕާޓީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ހަނދާތައްވެސް މުއިއްޒުގެ މެސެޖުގައި ހާމަކުރެއްވިއެވެ.
އެމަނިކުފާނު ދައްކަވަނީ ތެދު ވާހަކައެއް ކަމަށާއި ރައީސް ޔާމީނަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަކީ އެއީ ރަނުގެ ފުރުސަތެއް ކަމަށާއި އަބަދު ވެސް އެކަން ހަނދާނުގައި ހުންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އޭނާ ރޭ ވިދާޅުވި ވާހަކަތަކަކީ، ޔާމީނަށް ތާއީދުކުރައްވާ ކުރެއްވުމަކީ ހަގީގަތެއްކަން ސާބިތުކޮށްދެއްވުމަށް ދެެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
"މިހުރިހާ ވާހަކައެއް މި ދަންނަވަނީ އަޅުގަނޑުގެ ތާއީދު، އަޅުގަނޑު ރައީސަށް ސަޕޯޓްކުރާ ކުރުން، އެއީ ހަގީތަތްކަން، ސާބިތު ހިފޭ ހެކިތަކާ އެކީގައި ދެންނެވުމުގެ ގޮތުން، އެލިގޭޝަންސް ތަކަށް [ތުހުމަތުތަކަށް] އެއްވެސް ގޮތަކަށް ޖަވާބު ނުދީ އަބަދު ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅުކަމަކަށް ނުވާތީ،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލުހުކުމް އެގޮތުގައި އޮތުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވިދާނެ ކަމަކަށް ނުބެލެވޭތީ، އެމަނިކުފާނުގެ ބަދަލުގައި ކެންޑިޑޭޓަކު ނެރެން ޖެހޭ ފަދަ ހާލަތެއް އުފެދުމާއެކު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު މަސައްކަތް ކުރައްވާ ވާހަކައެވެ.
އެ މަނިކުފާނު މިހެން ވިދާޅުވިއިރު، ރިޔާސީ ކެންޑިޑޭޓްގެ މައްސަލަގައި ޕީޕީއެމް ވަނީ ކަފިކަފިވެ، ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އެހެންނަމަވެސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ މައްސަލަ އޮތަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ.
އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. އަދި ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.
ޕީޕީއެމުން ބުނަނީ ރައީސް ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންވިޔަސް ސުޕްރީމް ކޯޓާ ހިސާބުން އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ. ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ވަކީލުން ސުޕްރީމް ކޯޓަށް އާދީއްތަދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.