އެމްޑީޕީއާ އެކުގައި އެމްއާރްއެމްއިން ކޯލިޝަން ނުހަދަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިހް ވަނީ އެމްއާރްއެމްއަށް ވެސް ދައުވަތު ދެއްވާފައެވެ. 

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެ ޕާޓީއަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް އެ ޕާޓީގެ އެކްސްކޯ އިން ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ ބަޔާނުގައި ވަނީ ރައީސް ޞާލިހް، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސް ރަށްވެހިންނާއެކު އެކި ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި، ނުރަސްމީކޮށް ލިޔެކިޔުމުގެ ޒަރިއްޔާ އިން ވެސް މަޝްވަރާ ކުރެވި އެމްއާރުއެމް އިން ތާއީދު ކުރާ ސިޔާސަތު ހާމަކުރެއްވި ކަމަށެވެ.

އެމްޑީޕީގެ އިސްވެރިންނާ އެކު މެއި 1 ގައި އެމްއާރުއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ހުށަހެޅި ކަންތައްތައް އެމްއާރުއެމްގެ އެސްކޯގައި މަޝްވަރާ ކުރި އިރު، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ. އެހެންވެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ނުކުރަން ކަމަށެވެ.

"ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދައުވަތަށް އެމްޑީޕީގެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށާއި އެމްޑީޕީގެ އިސްވެރިންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްޑީޕީއާ އެކުގައި ކޯލިޝަން ނަހަދައި ލަސްވަމުންދާތީ، އެމްއާރްއެމް ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި މެންބަރުންތަކެއް މީގެ ކުރީން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

މި ބަޔާން ނެރުއްވާފައިވާއިރު، އެމްއާރްއެމްއިން ކެންޑިޑޭޓަކު ނެރުމަށް މިހާރު ވަނީ ރިޔާސީ ޕްރައިމަރީއަށްވެސް ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު