Saturday, 25 May 2024

ޚަލާސް ވެއްޖޭ ޙަޔާތް – އެޕިސޯޑް 3

މުސައްލަމަތީގައި ނިދިފައި އޮތް ދަލޭކައަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. ރޭގައި ވެހުނު ވާރެއަށްފަހު ޖައްވަށް ވެރިވެފައިވާ ތެތްފިނި ކަމުގެ އަސަރު ގޭތެރޭގައި ދައުރުވަމުން ދިޔައެވެ. ގޭގައި ހަރުކޮށްފައި ހުރި ކުޑަދޮރުތައް ހާމަޔަށް ހުޅުވާފައި ހުރުމުން، ޖެހެމުން ދިޔަ ވައިރޯޅީގެ ފިނިކަން އިންތިހާއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެން ފަށާފާނެހެންނެވެ.

ދަލޭކައަށް ހޭލެވުމާއެކު ނަޒަރު ހިންގާލީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. އޭރު ގަނޑިން ފަތިހު 5:30 ވަނީއެވެ. ދަލޭކަ އަވަސްއަވަހަށް ގޮސް ވުޞޫކޮށްލައިގެން އައިސް، ފާތުމައަށާއި އާދަނަށް ވެސް ފަތިސް ނަމާދަށް ގޮވިއެވެ.

ދަލޭކަ ފަތިސް ނަމާދުކޮށް ނިންމުމަށްފަހު، ބޮލުގައި އަޅާފައި އޮތް ނަމާދު ދޮޅި ބޮލުން ނަގައި ފަތްޖަހައިލިއެވެ. އަދި ނަމާދު ދޮޅި މުސައްލަތެރޭގައި ބާއްވާލިއެވެ. އެއާއެކު، ދަލޭކައަށް އިވުނީ މީހަކު އައިސް ގޭދޮރުގައި ޓަކިޖެހި އަޑެވެ. ދަލޭކައަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އޭނަގެ ބޮލުގައި އެވަގުތުވެސް ދައުރުވަމުންދިޔައީ ސައްތާރުގެ ހިޔާލުތަކެވެ. ދަލޭކަ ހުރީ ސައްތާރު ގެއަށް އަންނާނޭ ކަމަށް އުންމީދުކޮށް، ސައްތާރު ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި، ކެތްމަދުވެފައެވެ.

މީހަކު އައިސް ގޭ ދޮރުގައި ޓަކިޖަހަމުންދިޔަ އަޑުއިވުމުން ދަލޭކަ ހީކުރީ އެއީ ސައްތާރު ކަމަށެވެ. ލަމުންދިޔަ ކޮންމެ ނޭވަޔަކާއެކު ދަލޭކަގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. އެހެންކަމުން، ބާރު ބާރަށް ދޮރު ހުޅުވަން ދޮރާއި ދިމާލަށް މިސްރާބު ޖެހިއިރު ދަލޭކަގެ މޫނުމަތި ހުރީ އުފަލުން ފޮޅިފައެވެ. ތުންފަތަށް ވެރިވެފައިވަނީ މޫރިތި ހިނިތުންވުމެކެވެ.

ފުން ނޭވާ އެއް ލުމަށްފަހު ދަލޭކަ ގޮސް ދޮރުހުޅުވާލުމާއެކު ދަލޭކަގެ މޫނު މަތީގެ ކުލަވަރު ބަދަލުވިއެވެ. އުފަލުން ފުރިފައިހުރި މޫނު މަތި އަނެއްކާވެސް މޯޅިވެއްޖެއެވެ. ދޮރުމަތީގައި ހުރީ ބަކުރެވެ. ބަކުރަކީ އަވައްޓެރިއެކެވެ. ސަކަ މިޒާޖެއްގެ ބަކުރަކީ މީހުންނާއި ގުޅޭ، ހިތްހެޔޮ އަވައްޓެރިއެކެވެ. ސައްތާރު އެންމެ ގިނައިން މަހަށްދަނީ ބަކުރާއި އެކީގައެވެ. އެހެންކަމުން ބަކުރު އެދުވަހުވެސް އެދިޔައީ ސައްތާރާއި އެކީގައި މަހަށްދާން، ސައްތާރު ހޯދާށެވެ.

"ދަލޭކާ! ކޮބައި ސައްތާރު. އެހެންޏާއީ ފަތިސް ނަމާދަށް ދާއިރު މިސްކިތުން ފެންނާނެ. މިއަދު ނަމާދަށް ގޮސް އަންނަމުން ސައްތާރު ފެނޭތޯ ވަރަށް ބެލިން. އެކަމަކު ފެންނަ ގޮތެއް ނުވި. އަނެއްކާ އޭނަ ބައްޔެއް ކަމެއް ވީތަ." ބަކުރުވެސް ހުރީ ސައްތާރު ނުފެނުމުން އެކަމާ ކަންބޮޑު ވެފައި ހުރި ފާޑަކަށެވެ.

އެވަގުތު އާދަނު ހުރީ ދަލޭކައާއި ބަކުރު ދައްކަމުން ދިޔަ ވާހަކަ އަޑު އަހާށެވެ. ކަނާއަތަށް ދޮންވެލި މުށެއް އަޅައިގެން ދަތް އުނގުޅަން ހުރި އާދަނަކީ ދެމީހަކު ވާހަކައެއް ދައްކަންޏާ އެވާހަކައެއްގެ ތެރެއަށް ވަންނަން ބޭނުންވާ މީހެކެވެ. "ސައްތާރު ރޭގަ……."

"ސައްތާރު ރޭގަ މަހުން ލަފައިގެން އައިއިރު ހުރީ ވަރަށް ބޮޑަށް ހުންއައިސް. ކިރިޔާ ކޮއްޅަށް ހުރެވުނުކަން. އެއައި މީހަ ތަންޑާވެގެން ވެއްޓުނު ގޮތަށް އަދިވެސް އެބައޮތް ހިރިނުލެވިފައި." އާދަނުގެ ދުލުން ބަހެއް ބޭރުކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ބަކުރާއި ވާހަކަ ދެއްކީ ދަލޭކައެވެ. ސައްތާރާއި ގުޅުވައިގެން ދަލޭކަ ދޮގުހަދައިގެން ބަކުރު ކައިރީ ވާހަކަ ދެއްކުމުން އާދަނު ހުރީ އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭނގި، ހައިރާންވެ އަންތަރީސް ވެފައެވެ.

"އާން. ތިޔަބުނާހާ ހުންގަދަ ވެފައި އޮތިއްޔަކާ ނުވެއް ދެވޭނެތާ މަހަކަށް. ގިނަގިއިން ބައްޕެން ބޯންދީފައި ހިތިފަތުން ފެންވަރުވާ! އޭރަށް ގައިގައި ވަރުޖެހި ހުންގަނޑު މަޑުވެދާނެ އަވަސް ރަޙުމަތެއްގަ!" ސައްތާރާއި ބެހޭގޮތުން ދަލޭކަ ހެދީ ދޮގެއްކަމެއް ބަކުރަކަށް ނޭނގެއެވެ. ދަލޭކަ ބަސްބުނި ރާގާއި، މޫނު މަތީގައި ވެރިވެފައި ހުރި ކުލަވަރު ބަލާލާފައި ދަލޭކަ އެހެދީ ދޮގު ކަމެއް، ކަމުގެ ދެކޮޅު ނޭނގޭ މީހަކަށް ނޭނގޭނެއެވެ. ދަލޭކަ ބަކުރާއި ވާހަކަދައްކަމުންދިޔަ ރާގާއި، މޫނުމަތީގައި ހިތާމަޔާއި ހާސްކަމުގެ މާބޮޑު އަސަރެއް ފެންނަން ނެތުމުން، ދަލޭކަ ހެދި ދޮގު ބަކުރަށް ގަބޫލު ކުރެވުނީ ތެދެއްގެ ގޮތުގައެވެ.

ދަލޭކަ، ބަކުރު ކައިރީގައި، އެވަރުގެ ބޮޑު ދޮގެއް ހެދީމައި، އެކަމުގެ ސަބަބު ބަލަން ބޭނުންވަފެއި ހުރި އާދަނު ހުރީ، ބަކުރު ގެއިން ނިކުމެގެން ދާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އާދަނުގެ ސިކުނޑީގައި އުފެނު ސުވާލުން އޭނާގެ މުޅި ޖިސްމު ހިސާރުކޮށްލިއެވެ.

ބަކުރުގެ ލޮލުގައި ދަލޭކަ އެޅުވި އަނދުނުގައި ޖެހިފައި ހުރި ބަކުރު، ސައްތާރުގެ ހުންގަނޑު މަޑުކުރަން ކަންތައް ކުރަންވީ ގޮތުގެ ލަފާދިނުމަށްފަހުގައި، ބާރު ހިނގުމެއްގައި ގޮސް ގެއިން ބޭރަށް ނުކުތެވެ. އެއާއެކު، ކައިރި އަށިމަތީގައި ބަހައްޓާފައި ހުރި ލޯވަށިން ފެން ކޯވަރެއް އަޅާލުމަށްފަހު އާދަނު އަނގަ ދޮވެލިއިރު އާދަނުގެ ހަރަކާތްތައް ނުހަނު އަވަހެވެ. ދަލޭކަ ދެލޯ ބޮޑުކޮށްގެން ހުރެ އާދަނުގެ އަވަސް ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ދަލޭކައާއި ބަކުރު ވާހަކަ ދެއްކި އިރު އެމީހުން ދެއްކި ވާހަކަ އަޑުއަހަން އާދަނު އެތަނުގައި ހުރިކަން ދަލޭކައަށް އެނގެއެވެ. ވުމާއެކު، ދަލޭކަ ބަކުރު ކައިރީގައި ހެދި ދޮގާއި ބެހޭގޮތުން އާދަނު ދަލޭކައާއި ސުވާލުކުރާނެކަމާމެދު ދަލޭކައަށް އެއްވެސް ޝައްކެއް ނެތެވެ.

ދަލޭކައަށް ރައްދުވާނޭ ސުވާލަށް ޖަވާބު ދޭން އޭނާ ހުރީ ތައްޔާރަށެވެ. އާދަނު އައިސް ދަލޭކަ ކުރިމަތީގައި ހުއްޓުނު ހިނދު ދަލޭކަ ހިންދިރުވައިލީ އާދަނުގެ މޫނުމައްޗައް ވެރިފައިވާ ކުލަވަރުންނެވެ. އާދަނުގެ ދެލޮލުންވެސް އެނގި ހާމަވަމުންދިޔައީ އޭނަ ހިތުގައި އުފެދިފައިވާ ސުވާލަށް އޭނާ ޖަވާބު ބޭނުންވެފައި ހުރި މިންވަރެވެ.

"ދަލޭކަ ކީއްވެ ބަކުރު ކައިރީގައި އެހާ ބޮޑު ދޮގެއް ތިޔަ ހެދީ. ދަލޭކަ ކީއްވެ ބަކުރު ކައިރީގައި ތިޔަ ބުނީ ސައްތާރު އެބައޮތޭ ގޭގައި ހުން އައިސް ހިރިނުލެވިފައި؟ ބަލަ ސައްތާރު ވީނުވީއެއް ނޭނގިގެނެންނު އަހަރެމެން އެންމެން މި އުޅެނީ. ރެއިންސުރެން. ބަކުރު ކައިރީގައި ކީއްވެ ތެދުތެދަށް ނުބުނީ ސައްތާރުގެ ވީނުވީއެއް ނޭނގިގެންނޭ މި އުޅެނީ."

އާދަނު ކުރި ސުވާލަށް ދަލޭކަ ޓަސްލާފައި ޖަވާބު ދިނެވެ. "ބައްޕައަށް އެނގެ އެންނު ބަކުރުގެ ގޮތް. ބަކުރު ކައިރީގައި، ސައްތާރުވީ ޙަމްދީއާއި އެކީ މަހަށްގޮހޭ ބުނި ނަމަ އޭނަ ކީކޭ ހިތަށް އަރާނީ. ބަކުރުގެ ފުށުން އެވާހަކަ އެހެން މީހަކަށް އެންގިއްޖިއްޔާ ރަށުތެރޭގައި މީސްމީހުން ފާޑުފާޑުގެ ވާހަކަތައް ދައުރުކުރަން ފަށާފާނެ. އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް. އެހެންވީމަ، މަސްލަޙަތައްޓަކައި އަހަރެން ބަކުރު ކައިރީގައި ހަދަހަދައިގެން ވާހަކަދެއްކީ."

ދަލޭކަ ވާހަކަ ދެއްކިއިރު  އާދަނު ހުރީ ދަލޭކަ ދޮގު ހެދުމުން އެކަމާ ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ހެނދުނު އިރުއަރަންވާ އިރަށް ސައްތާރު ގެއަށް ނައިއްސިކަމުގައި ވާނަމަ އެވާހަކަ ކަތީބަށް އަންގާނެ ކަމަށް ދަލޭކައާއި އާދަނާއި ދެމެދު ރޭގައި މަޝްވަރާކުރިއެވެ. ސައްތާރު ގެއްލިގެން އުޅޭ ވާހަކަ ކަތީބަށް އަންގާ ހިސާބުން އެކަންތައް ރަށުގެ އެހެން މީހުންނާވެސް ހިއްސާކުރާނެކަން ޙުދު ދަލޭކައަށް ވެސް އެނގޭނެއެވެ. ވުމާއެކު، ބަކުރު ކައިރީގައި ދޮގު ހެދުމުން ވާނެ ވަގުތީ ފައިދާއެއް މެނުވީ ނުވެއެވެ. އެހެންކަމުން، ހަޤީޤަތް އޮޅުވާލައިގެން ވާހަކަ ދެއްކުމުގެ ބޭނުމަކީވެސް ކޮބައިހެއްޔެވެ؟. މާ ލަސްތަކެއްނުވެ ބަކުރަށް ވެސް ސައްތާރު ގެއްލިގެން އުޅޭކަން އެނގޭނެއެވެ. އޭރަށް ދަލޭކަ ހެދި ދޮގު ފަޅާއަރާނެއެވެ. އަދި ބަކުރުގެ ހިތުގައިވެސް ހަމަ އެ ސުވާލު އުފެދޭނެއެވެ. ހަމަ ޔަޤީނުންވެސް، އޭރުން ބަކުރު އެ ސުވާލު އުފައްދާނެއެވެ. އެއީ އޭނަގެ މިޒާޖަށް ބަލާފައި ޔަޤީންވާ ކަމެކެވެ. އެހުރިހާ ކަމަކާއި މެދު އާދަނަށް ވިސްނެން ފެށިއެވެ.

އެކަމާހުރެ ދަލޭކަވެސް ދެރަވެއްޖެއެވެ. ބަކުރު ކައިރީގައި ދޮގުނުހެދުން ނަމައޭ، ދަލޭކަ ހިތާހިތުން ބުނަމުން ދިޔައެވެ. ވީކަމެއް ވީތާއެވެ. ބަދަލެއް ނުކުރެވޭނެއެވެ. ދެން ބަކުރު ސުވާލެއް އުފައްދައިފިއްޔާ އޭނައަށް ކަންތައް ވީގޮތް ވިސްނާދޭން ދަލޭކަ ނިންމިއެވެ.

—————————————————————————————————————————————————————-

ދަލޭކަ ދިރިއުޅުމުން އަންނަ ރަށަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެކެވެ. ރަށް 4 އަވަށަށް ބަހާލާފައި އޮންނަ އިރު، ދަލޭކަ ދިރިއުޅެމުންދާ ހިއްތަލަ އަވަށަކީ ގިނަ އާއިލާތަކެއް ވަޒަންވެރިވެ އުޅޭ އަވަށެކެވެ.

ދަލޭކަގެ އަވައްޓެރިންގެ ތެރޭގައި ހިމެނޭ ނަފީސާއާއި ނަފީސާގެ މައިންބަފައިން ދިރިއުޅެމުން އަންނަ ގެއަކީ ދަލޭކަ އެންމެ ގިނައިން ގޮސް އުޅޭ ގެއެވެ. ނަފީސާއަކީ ދަލޭކަގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަފީސާގެ މައިންބަފައިން ކަމުގައިވާ ހަލީމައާއި ހަލީމަގެ ފިރިމީހަ އުސްމާނު، ދަލޭކަދެކެ އަމިއްލަ ދަރިއެއްދެކެ ލޯބިވާ ފަދައިން ލޯބިވެއެވެ. ދަލޭކަގެ ދަރި ގާސިމަށްވެސް، އަމިއްލަ އުފަން މާމައާއި ކާފަގެ ފުށުން ލިބޭ ފަދައިން ލޯތްބާއި އޯގާތެރިކަން، ގާސިމަށް އެދެމީހުންގެ ފަރާތުން ލިބެއެވެ. އެހެންކަމުން، ލޭގެ ގުޅުމެއް ނެތަސް، އެ ދެ ޢާއިލާގެ މީހުންގެ މެދުގައި އުފެދިފައި އޮތީ ވަރަށް ޙާއްސަ، އެހާމެ ޒަމާންވީ، ވަރުގަދަ ގުޅުމެކެވެ.

—————————————————————————————————————————————————————–

ހަލީމަ އިނީ ތަޅުންގަނޑު މަތީގައި އުޑަފައިން އިށީންދެއެވެ. ކައިރީގައި ބާއްވާފައި އޮތް ފަތްޖެހިއެނދު މަތީގައި ބާއްވާފައި އޮތް ނަފީސާ ކައިރީގައި އިށީންދެ އިނދެ، އަޑުން އަޑު ނަގާ ރޮމުން ދިޔައީ ނަފީސާގެ ހަގު ދަރިފުޅު އާމިރެވެ. އެހެންނަމަވެސް، ހަލީމަގެ އެއްވެސް ސަމާލު ކަމެއް އެދެމައިންނަކަށް ނެތެވެ. ގަބުވެފައި އިން ހަލީމަގެ މުޅި ހަށިގަނޑަށް ވަނީ ހުއްޓުން އަރާފައެވެ. ދެލޮލުގެ ކަޅި ހުއްޓި އަމާޒުވެފައި ހުރީ ގޭގެ މައިދޮރާ ދިމާލަށެވެ. ހަލީމަގެ އަތުގައި ތެތް ފޮތިކޮޅެއް އޮތެވެ. އެ ފޮތިކޮޅު އޮތީ ލެއިން ތަތްތެޅިފައެވެ. ހަލީމަ އިށީންދެ އިން ތަޅުންގަނޑި މަތީގައި ލޭގެ ކޯރެއް ދެމެމުން ދިޔައެވެ. ބިންމަތީގައި ދެމެމުންދިޔަ ލޭގެކޯރުން ދުވަމުން ދިޔަ ލޭގެ ވަހުން މުޅި ގެ އޮތީ އެއްވަސް ކޮށްލާފައެވެ.

ހަލީމަ މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލި އިރު ނަފީސާ އަދިވެސް އޮތީ ޙަބަރުހުސްވެފައެވެ. ނަފީސާ ކައިރީގައި އިށީންދެ އިން އާމިރު، މަރަށް ފުރާނައަށް، އަޑުން އަޑުނަގާ، އޭރުވެސް ރޮއެހޭރެމުން ދިޔައެވެ. އެ ތުއްތު މައުސޫމު ހަށިގަނޑުން ފުރާނަ ނިކުންނަން އުޅޭ ފަދައެވެ.

ގަބުވެ ހުއްޓުން އަރާފައި އިން ހަލީމައަށް ހިލަމެއްވީ، އުސްމާނު ފެނުމާއެކުއެވެ. އުސްމާނު އެއައީ ގެއިން ބޭރަށް ގޮހެއެވެ. ކޮނޑުމައްޗައް ގޯންޏެއް ފުރާ ދޮންވެލި ހިފައިގެން އައި އުސްމާނު ދިޔައީ ވަރުބަލިވެ މައިނޭވާ ލަމުންނެވެ. އެ ބިޔަ ހަށިގަނޑު ހުރީ ދާހިތްލާ ފޯވެފައެވެ. އުސްމާނު ގެއަށް ވަންނަން އައިސް ދޮރުމައްޗަށް ހުއްޓުމާއެކު ހަލީމަ ފެނުމުން އުސްމާނު ހުއްޓުން އަރާފައި ގެއަށް ނުވަދެ މަޑުކޮށްގެން ހުއްޓެވެ. ހަލީމަ އިން ހާލަތު ފެނި އުސްމާނު ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލަމުން ދިޔައިރު ދެމީހުންގެ މޫނުންވެސް ހާމަވަމުންދިޔައީ ގޮތް ހުސްވެފައިވާ މަންޒަރެވެ.

އުސްމާނު މަޑުން މަޑުން ގެއަށް ވަދުމަށްފަހު އޭނަގެ ކޮޑުމަތީގައި ބާއްވާފައިއޮތް ދޮންވެލި ގޯނި، ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އެއަށްފަހު، އަށިމަތީގައި ބަހައްޓާފައި ހުރި ފެން ކުރާ ތެރެއަސް ލޯވަށި ލުމަށްފަހު ލޯވަށި ފުރާ ފެން އެޅިއެވެ. ކޯވަރަކަށް ފަހު ކޯވަރެއް ބޮމުން ގޮސް، ކުރާ ހުސްވިކަން އުސްމާނަށް އެނގުނީ ތިންވަނަ ފަހަރަށް ފެން ކުރާ ތެރެއަށް ލޯވަށި ލުމުން އެއަށް ފެން ނޭޅުމުންނެވެ. އެހެންކަމުން، އުސްމާނު ހިފައިގެން ހުރި ލޯވަށި އަނބުރާ އަށިމަތީގައި ބެހެއްޓުމަށްފަހު ބަލައިލީ، ޙަބަރުހުސްވެފައި އޮތް ނަފީސާއާއި ދިމާލަށެވެ. އެއަށްފަހު، ތަޅުންގަނޑުމަތީގައި އުޑަފައިން އިށީންދެ އިން ހަލީމައަށް ނަޒަރު ހިންގާލިއެވެ.

"ހަލީމާ.. ހަލީމާ…. ހަލީމާ…. ބަލަ މަގޭ ކަލެޔާއޭ މި ވާހަކަ ދައްކަނީ. މަންޖެ ބީރުވީތަ. ގަބުވެފައި ނީންދެ އަނގައިން ބުނެބަލަ. ކަލޭ މިހާއިރުވީ އިރުވެސް ތިޔަ އިންނަނީ ދޯ ތިޔަހެން. ބަލަ މަގޭ މަންޖެ ކައިރީގައި ކީކޭތަ ބުނެފަ ދިޔައީ. މަގޭ ބުނީ، މަގޭ ވެލިހިފައިގެން އަންނަންވާއިރަށް މިގޭތެރޭގައި ފެންނަން މިއޮތް ލޭގެ ނިޝާންތައް ފޮހެލާށޭ. ކީއްވެ ތިޔަ އިންނަނީ. މީހަކަށް މިކަންތައް އެނގިއްޖެ ކަމުގައި ވަނީނަމަ އަހަރެމެން ކަތިލަންވެސް ފަހެއްނުޖެހޭނެ." އުސްމާނު ހަލީމައާއި ވާހަކަ ދައްކަމުން ދިޔައިރު ހަލީމަ އަދިވެސް އިނީ ހުއްޓުން އަރާފައެވެ. ބަސްހުއްޓިފައެވެ.

އުސްމާނު ދެއްކި ވާހަކައަށް ހަލީމަ ބީރު ކަންފަތެއް ދީގެން އިންފަދައެވެ. އަނގައިން އެއްވެސް ބަހެއް ބޭރުކުރުމުގެ ބަދަލުގައި، އުސްމާނަށް ބަލަން ހަލީމަ އިނުމުން އުސްމާނު ގާތަށް އެވަގުތު ވަރަށް ރުޅިއައެވެ. އެއާއެކު، ހަލީމަ ގާތަށް ގޮސް އުސްމާނުވެސް އިށީނެވެ. އަދި ހަލީމަގެ ދަތްދޮޅީގައި ހިފާ އުސްމާނުގެ މޫނާއި ގާތަށް ހަލީމަގެ މޫނު ގެނެސް ހަތަރުކަޅި ހަމަކުރިއެވެ. "ބަލާބަލަ. ކަލޭ މަށާ ދިމާލަށް ބަލާބަލަ. ވާހަކަ ދައްކަބަލަ. އަނގައިން ބުނެބަލަ. ކީއްވެފަތަ ގަބުވެފަ ތިޔަ އިނީ.. ވާހަކަ ދައްކާ….!

އުސްމާނު ދައްކަމުންދިޔަ ވާހަކައަށް އަދިވެސް ހަލީމަގެ ފަރާތުން އެއްބާރުލުން ލިބޭގޮތް ނުވުމުން އުސްމާނުގެ ރުޅި އިތުރަށް ގަދަވިއެވެ.

"ހަލީމާ…. މަގޭ ރުޅިއަރުވަން ނުހަދާ އިނގޭ. މަގޭ މިހާރުވެސް މިހުރީ ވަރަށް ހާސްވެފައި. ކަލޭ މަގޭ ދައްކާ ވާހަކައަށް ބީރުކަންފަތެއް ދީގެން، މަގޭ ދައްކާ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދީ، މަގޭ ދައްކާ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ، ތިޔަހެން ގަބުވެފައި އިންނަންޏާ މަށަށް އަތުން ފައިން ގޯހެއް ހެދިދާނެ. ކަންތައްތައް ހަމައިން ނެއްޓި ނުދަނީސް މަގޭ މިކުރާ ކަންތަކަށް އެއްބާރުލުންދީ. އެއްބާރުލުން ނުދީފީޔާ، ބޭޒާރުވާނީވެސް، ބަދުނާމުވާނީވެސް، އަގުވެއްޓި ފަލީހަތްވާނީވެސް މަގޭ އެކަންޏެއް ނޫން. ކަލޭވެސް ވާނެ. މީހުންގެ މަލާމާތާއި ފުރައްސާރައާއި ރުޅިވެރިކަމުން ސަލާމަތްވާން ބޭނުންވަންޏާ ކަލޭ ޖެހޭނީ އަހަރެން ބުނާގޮތަށް ހަދަން…" އުސްމާނު ދަލޭކައާއި ވާހަކަ ދައްކަމުން ދިޔައީ ނުހަނު ހަރުކަށި އިބާރާތުންނެވެ.

"ޙަބަރުދާރު. ކަލޭގެ ތިޔަ ހަޑިމުޑުދާރު އަތުން މަގޭ ގައިގައި އަތްނުލާތި. ކަލޭ ތިޔައީ ފިނޑިއެއް. ކަލޭ ތިޔައީ އަނިޔާވެރިއެއް. ކަލޭ މަށާ ދުރަށްދޭ!" ހަލީމަ ރުޅިއައިސް އުސްމާނާއި ދިމާލަށް ހަޅޭއްލަވަގަތެވެ. އަދި ހަލީމަގެ ދަތްދޮޅީގައި ހިފައިގެން އިން އުސްމާނުގެ އަތުގައި ދަތްއެޅުމުން އުސްމާނަށް ވީ ތަދުން އުސްމާނު ދަލޭކަ މޫނުމަތީގައި ޖަހައި ފަހަތައް ކޮއްޕާލުމުން ހަލީމަ އިށީންދެއިން ފަޅި ނޫން އަނެއްފަޅިއަށް އަރިއަޅާލާފައި ބަނޑުވަތަށް ވެއްޓުނެވެ. އެވަގުތު އޭނަގެ ދަތްދޮޅި ބިންމަތީގައި ޖެހި ވަރަށް ބޮޑަށް ޒަޙަމްވިއެވެ. ވީތަދުގެ އިތުރުން އުސްމާނުގެ ހަރުކަށިކަމުން ހަލީމަގެ ހިތަށްވީ ތަދުން ހަލީމައަށް ގިސްޖެހެން ފެށުނެވެ. އިޝާހިތެއްނުވެ، މުޅި މޫނުމަތި ފޯކޮށްލީ ނީރަމުންދިޔަ ކަރުނައިގެ ކޯރުންނެވެ.

ބަންޑުން ވެއްޓިފައި އޮތް ހަލީމަ ތެދުވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އޭނަ ގައިގައި ތެދުވާނެހާ ވަރެއް ނެތެވެ. ހަލީމަ ގިސްޖަހަޖަހާފައި ރޮމުން ދިޔައެވެ. ކުއްލިއަކަށް އުސްމާނު އައިސް ހަލީމަގެ އިސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖެހިއެވެ. އެހިނދު، ހަލީމައަށް ވީ ތަދުން އޭނަ ރޮއެގަތެވެ. "ހެޔޮނުވާނެ އުސްމާނު. ކަލޭ މަށަށް އަނިޔާނުކުރޭ. އަހަރެން ކަލޭ ބުނާ ކޮންމެ ކަމެއްވެސް، ކަލޭ ބުނާ ގޮތަކަށް ކޮށްދީފާނަން." ވޭނީ އަޑަކުން ހަލީމަގެ ދުލުން ބޭރުކުރީ ވަރަށް ހިތްވަރުންނެވެ.

"އަހަރެން ހަލީމައަށް އަނިޔާކުރާކަށް ބޭނުމެއް ނޫން. މިވީހާ ތަނަށްވެސް އަހަރެން ކިހާ ރަނގަޅަށް މި އުޅުނީ. ގޮތްހުސްވެ ބޯހާސްވީމަ އިންސާނާ ކުރަން ބޭނުން ނުވާ ކަންކަންވެސް ކުރަން މަޖުބޫރުވާނެ. ގިނަ ފަހަރަށް ގަސްދުގައި ނޫނަސް، އިންސާނާ ހަމައިން ނެއްޓި އަތުންފައިން ގޯސްހެދި، ވާނެ އެއްޗެއް ވީމައި ދެން ވިސްނެނީ ކަންތައް ކުރެވުނީ ގޯސްކޮންކަން." އުސްމާނަށް ދެންމެގައި ހަލީމައާއި މެދު ކަންތައް ކުރެވުނީ ވަރަށް ގޯސްކޮންކަން ވިސްނިގެން އަޑު މައިތިރިކޮށްފައި އޯގާތެރިކަމާއެކު ހަލީމައަށް ރައްދު ދިނެވެ. އެއަށްފަހު، ބަނޑުވަތައް ވެއްޓިފައި އޮތް ހަލީމަ ކޮޅައް ނެގިއެވެ.

"އުސްމާނުގެ މައްލައަކީ އެއީ. ރުޅިއައީމަ އަތް އިސްކުރުމުގެ ބަދަލުގައި މަޑުމައިތިރިކަން އިސްކުރުމަކީ މާތް މީހުންގެ ސިފައެއް. އުސްމާނަކީ އޭގެ އިދިކޮޅު. ރުޅި އައީމަ މީހާ ހަމައިން ނެއްޓި، އަތް އިސްކުރަންޏާ ކަންތައްތައް ދުވަހަކުވެސް ހަމަޔަކަށް ނޭޅޭނޭ. އެކަމުން ނިކުންނާނީ ވަރަށް ހިތި ނަތީޖާތަކެއް. މިއަދު އަހަރެމެން ތަޙައްމަލް ކުރަން ޖެހިފައިވި މިވަނީ އެކަމުގެ ހިތި ތަޖުރިބާ.

މި ތަޅުންގަނޑުގައި ދެމެމުން އެދާ ލޭގެ ކޯރު ފޮރުވައި އޮއްބާލަން ހުދުފަސް އެޅިކަމުގައިވިޔަސް، ކަން އޮތްގޮތުގެ ހަޤީޤަތަކީ އެއްވެސް ހާލަތެއްގައި ފޮރުވޭނެ އެއްޗެއްނޫން އުސްމާން…. މިއަދު ފަސްއަޅާފައިވެސް ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރެވިދާނެ… އެކަމަކު އަހަރެމެންނަށް ހަޤީޤަތް ފޮރުވަން މިގޮތަށް މަސައްކަތް ކުރެވޭނީ ކިހާ ދުވަހެއް ވަންދެންތަ؟" ހަލީމަ ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ އަޑު ތުރުތުރު އަޅާވަރުން ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. ދޫ އޮޅޭގޮތްވާން އުޅުމުން ވެސް ހަލީމަގެ ހިތުގައި ފުނިޖެހިފައިވާ އުދާސްތައް ބަންޑުންކޮށްލަން އޭނަ ވަރަށް ހިތްވަރުކުރިއެވެ.

"ރޭގައި ދިމާވި ހާދިސާގެ ހަޤީޤަތް ދުނިޔެއަށް ފާޅުވާ ހިނދު އަހަރެމެން ކުރިމަތިލާން ޖެހޭނެ މުސީބާތްތަކާއި މެދު ވިސްނާފައި އަހަރެން ވަރަށް ހާސްވޭ. ބިރުވެސްގަނޭ. އެހެންނަމަވެސް، ދުނިޔޭގެ ލަދަށްވެސް މިކަން މިގޮތަށް ކުރުން ނޫން ގޮތެއް މިއަދު އަހަރެމެންނަކަށް ނެތް. މަޖުބޫރީ ހާލަތްތައް މެދުވެރިވީމައި ޖެހޭނީ ކެރިގެން އެކަންކަމާ ކުރިމަތިލާން. އެހެންނޫނީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިދާނެ.". މާޔޫސްވެފައި، އިސްދަށަށް ޖަހައިގެން ހުރެ އުސްމާނު ވާހަކަދައްކަމުން ދިޔައިރު، އުސްމާނުގެ ދެލޮލަށް ކަޅި އަމާޒުކޮށްގެން ހުރި ހަލީމަގެ ދޮލުން، އެއްވެސް ހުއްޓުމެއް ނެތި ކަރުނަ ފޫދެމުން ދިޔައެވެ. ހަލީމަގެ މުޅިގައި އޭރު ހުރީ ލެއިން ތަތްތެޅިފައެވެ. ހަލީމަ ގައިގައި އިތުރަށް ކޮޅައް ހުންނާނެހާ ވަރެއް ނެތެވެ. އެހިނދު، ހަލީމަ އަނެއްކާވެސް ތަޅުންގަނޑު މަތީގައި ކަކޫވިއްދާފައި އިށީނެވެ. އަދި މޫނު މަތީގައި އަތް އަޅާ، ވަރަށް ބާރަށް ރޯންފެށިއެވެ. އެވަގުތު، އޭނާގެ ދެއަތުގައި ކޭތިފައި އޮތް ލޭތަށް އޭނަގެ މުޅި މޫނު ތެންމާލިއެވެ. މަންޒަރު ބަލަން ހުރި އުސްމާނު ހަދާނެ ގޮތް ހުސްވެ، ހުއްޓުން އަރާފައި ހުއްޓެވެ. މުޅި ގޭތެރޭގެ ހަމަޖެހުން ވަނީ ގެއްލި ނިމި ގޮސްފައެވެ.

— ނުނިމޭ —

*** ވާހަކައިގެ ކުރިއަށް އޮތް ބައި އަންނަ ހޮނިހިރު ދުވަހު ހިއްސާކޮށްލާނަން. އިންޝާﷲ ***

ކުރީގެ އެޕިސޯޑް ވިދާޅުވުމަށް:

ޚަލާސް ވެއްޖޭ ޙަޔާތް – އެޕިސޯޑް 2

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *