ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ އެސްޓީއޯގެ ފިހާރަ، މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.
މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސްމާޓް ފިހާރަ ކަން ފާހަގަކުރެވެއެވެ.
ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ކުރިމަތީގައި ކުރިން އެސްޓީއޯ މާޓް ހިންގަމުން އައި ތަނުގައި އަޕްގްރޭޑް ކުރި "އެސްޓީއޯ ސްމާޓް ސްޓޯ" ހުޅުއްވައިދެއްވީ، މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ނާއިބު ރައީސް ފައިސަލް ނަސީމެވެ. އެ އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި އެސްޓީއޯގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ފިހާރައިގައި އެއްވެސް ކޭޝިއަރެއް ނުހުންނަ އިރު އެ ތަނުގައި ހުންނަ ޚާއްސަ ކެމެރާތަކުން ހުރިހާ ކަމެއް މޮނީޓާ ކުރަން އިންތިޒާމްކުރެވިފައިވާއިރު، އެ ފިހާރައަށް ވަނުމުގެ ކުރިން ކިއުއާރުކޯޑެއް ސްކޭންކޮށްލުމުން އެ ފިހާރައިގެ ހާއްސަ އެޕް އެޅި، ވަގުތުން ރަޖިސްޓްރީކޮށްލެވޭނެއެވެ. އަދި އެއަށްފަހު، ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
އެގޮތުން އެ ތަނުން އެއްޗެއް ނަގައި ކެޔަސް އަދި ފިހާރައިން ނުކުންނަ އިރު ހިފައިގެންދާ އެއްޗަށް ކާޑުން ކެނޑޭނެކަމަށާއި، އެގޮތަށް ކެނޑެނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާ އެއް ބޭނުންކޮށްގެން ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސްއާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެ ފިހާރައިގައި ދިވެހިން އާންމުކޮށް ގަނެއުޅޭ ވަރަށް ގިނަ ބާވަތުގެ ތަކެތި ލިބޭނެއެވެ. އެ ފިހާރަ ހުޅުވާފައި ހުންނާނީ އާންމު ގަޑިތަކުގައެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި، ނާއިބު ރައީސް ފައިސަލް ވިދާޅުވީ އެ ފިހާރައަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި ފަހަކަށް އައިސް ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ހަމަ އެެހެންމެ ރާއްޖެއަށް ވެސް އެފަދަ ބަދަލުތަކުން ފައިދާ ލިބޭ ކަމަށް ވިދާޅުވިއެވެ.