ޖަމުޢިއްޔާތައް އުވާލަން ނިންމިކަން އެނގިވަޑައިނުގަންވާކަމަށް، ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަމްޢިއްޔާތައް އުވާލަން އުޅޭކަންވެސް ފެނިވަޑައިގަތީ ނޫސްތަކުން ކަމަށާއި، އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާރގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަމަށެވެ.
މިނިސްޓަރ މަޚްލޫފް އިތުރަށް ވިދާޅުވީ، އުވާލަން ނިންމި ޖަމްޢިއްޔާތަކުގެ ލިސްޓްގައި، ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ހިމެނޭ ކަމަށާއި، މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ ލިބިވަޑައިގަންނަވާފައި ކަމަށެވެ.
"މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ."
މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އަޅުގަނޑަށްވެސް ފެނުނީ ނޫސްތަކުން.
އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް…— Ahmed Mahloof (@AhmedMahloof) July 27, 2023
އެމަނިކުފާނު މިހެން ވިދާޅުވިއިރު، ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމްޢިއްޔާތަކަށް ފުރުސަތެއް ދީ، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ އެ ޖަމްޢިއްޔާތައް އުވާލަން ނިންމައި އެމްޕަވަމަންޓް މިނިސްޓްރީން ވަނީ އިޢުލާނެއް އާންމުކޮށްފައެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށާއި އުވާލަން ނިންމާފައިވާ ޖަމްޢިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އުވާލުން ހުއްޓުވުމަށް އެދޭ ޖަމިއްޔާއަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ޖަމިއްޔާ އުވާލުން ހުއްޓުވުމަށް އެދޭނަމަ 24 ސެޕްޓެމްބަރުގެ 14:00 އާއި ހަމައަށް އެކަން ލިޔުމުން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ފުރުސަތުދީފައިވާއިރު، މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، 25 ސެޕްޓެމްބަރުން ފެށިގެން ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދޭ ޖަމިއްޔާތަކެއް ނަމަވެސް ބައެއް ޖަމިއްޔާތަކުން ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަ ނާޅާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ގުޅުން ހުރި ޚަބަރު:
ޤާނޫނަށް ތަބާ ނުވާ 1989 ޖަމްޢިއްޔާއެއް، އިސްލާޙް ނުކުރާނަމަ އުވާލަނީ
ކިޔުންތެރިންގެ ޚިޔާލުތައް:
އެކި ޕާރޓީ ލައިގެން ކޮލިޝަން ހެދީމާ ތިޔަހެންވެސް ވާނެއެވެ.