ވާހަކަ: ހަހަރުވެތި ކަމަނާ (ތިންވަނަ ބައި)

ހިނގާދިޔަ ބޮޑު ކާރިސާއަށްފަހު ހިތްހަމަޖެހުމާއި އުފަލުގައި އުޅުނު ރައްޔިތުންގެ މައްޗަށް މޮޅިވެރިކަމުގެ ސާލެއް ލެވިއްޖެއެވެ. ރަށުތެރެ ހިމޭންވެ މީސްތަކުންގެ އަނގައިން ބަސް ހުއްޓިއްޖެއެވެ. މުދިންބެގެ ޢާއިލާ ނިދިން މަހުރޫމުވެފައިވާއިރު ޒުބޭރުވެސް ވަނީ ހަމައެފަދަ ހާލެއްގައެވެ. އޭނާގެ ކަންފަތް ދޮށުގައި ގުގުމަމުން ދަނީ ފޭރޭމީހާގެ ބަސްތަކެވެ. އިރުއިރުކޮޅުން ލޮލުގެ ކުރިމަތީގައި ސިފަވަމުން ދަނީ ހިޔަލަގެ މާޔޫސް ވެފައިވާ މޫނާއި މައުސޫމު ދެލޮލެވެ. އެންމެ ފަހުން ޒުބޭރު ދެއަތަށް ފުރުޅި ފުރުޅިވެސް ނިދޭގޮތެއް ނުވުމުން ބޭރަށް ނިކުމެލިއެވެ. މާހައުލުގައި ގުގުމަމުންދަނީ ވާލަ ކީކީ ލައްވާ އަޑާއި ކޮވެލީގެ ކޮހޮކޮހޮ ލަވާއަޑެވެ. ޒުބޭރުގެ ފިޔަވަޅުތައް މުދިންބެގެއާ ދިމާލަށް މިސްރާބުޖެހީ އެއްވެސް އިޚުތިޔާރަކާ ލައިގެންނެއް ނޫނެވެ. މުދިންބެގޯތި ބޭރު ފެންޑާއިން އުނދޯއްޔެއްގެ ކާލި ކުވާލި އަޑުއިވޭތީ ޒުބޭރު އެދިމާލަށް ބޯދިއްކޮށްލިއެވެ. އޭރު އަންހެން ދަރިފުޅު ބީވެދާނެކަމުގެ ބިރުވެރިކަމުގައި ނިދިން މަހުރޫމުވެފައި އިން މުދިންބެ ޒުބޭރަށް ފެނުނެވެ. މުދިންބެގެ ހާލު ފެނުމުން ޒުބޭރުގެ ހިތަށް އަސަރު ކުރިއެވެ. ހިޔަލަގެ ދިފާޢުގައި ތެދުވުމުގެ ޢަޒުމް ކަނޑައެޅިއެވެ. ޒުބޭރުގޮސް މުދިންބެއާ ދާދިގާތުގައި އިށީނެވެ. އަދި މުދިންބެ ކޮނޑުގައި އަތްޖައްސާލިއެވެ. "އެމީހުން ހިޔަލަ ގެންދިޔަކަ ނުދޭނަން. މަގޭ އެމީހުންނާ ކުރިމަތިލާނަން " މުދިންބެ ޒުބޭރާ ދިމާލަށް ބަލައިލިއެވެ. "މިއަދު ހިޔަލަ ސަލާމަތްވީ ޒުބޭރުގެ ކުޅަދާނަކަމުން. ނޫންނަމަ މަގޭ ހިޔަލަ ޖަހައިގަތީސް" މުދިންބެ ގެ ބަސްކޮޅު ނިންމާލީ ޒުބޭރަށް ޝުކުރު އަދާކުރުމަށްފަހުއެވެ. ޒުބޭރުގެ ކިބައިން ނިދަންދިއުމަށް ތަކުރާރުކޮށް މުދިންބެ އެދެންފެށީ އޭނާގެ މާޔޫސްކަން ޒުބޭރަށް ހާމަކުރަން ބޭނުން ނުވާތީއެވެ. އެގެއިން ނުކުންނަން ހިނގައިގަތް ޒުބޭރުގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މެދުއޮޅިއަށް ފައިލައިގެން ދޮރުކަނީގައި މޫނު ޖައްސާލައިގެން ހުރި ހިޔަލަ ފެނުމުންނެވެ. މިފުރަ ދަންވަރުގައި ހިޔަލަގެ ދެލޯ ނިދިން މަހުރޫމުވެފައިވަނިކޮށް ޒުބޭރުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން ނިކުމެވުނީއެވެ. ޒުބޭރު އޭނާ ސަލާމަތް ކޮށްދިނީތީ ހިތުގައި އުފެދުނު ޝުކުރުގެ ބަސްތައް ބޭރުކުރަން ބޭނުންވިއެވެ. އަބަދުވެސް ތިޔަގޮތަށް ހިމާޔަތްކޮށްދޭނަންހޭ އަހަން ބޭނުންވިއެވެ. ޒުބޭރަށް ފެނުނީ ހިޔަލަގެ އެރީތި ދެލޯ ދުޅަވެ އެއުޖާލާ މޫނުގެ ކުލަ އެއްކޮށް ބަދަލުވެފައިވާ ތަނެވެ. މިއީ ޒުބޭރަށް ކެތްކުރެވޭވަރުގެ މަންޒަރަކަށް ނުވިއެވެ. އޭނާގެ ހިތް މޭގެތެރޭގައި ނޯވެވިގެން ތެޅިފޮޅިގަތެވެ. ހިޔަލަގެނެސް އޭނާގެ ދެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލަން ޒުބޭރުގެ ހިތް އެދެމުން ދިޔައެވެ. އެންމެފަހުން ޒުބޭރުގެ މޫނު އަނބުރާލީ ޚުދު ޒުބޭރުގެ ދެލޮލުންވެސް ކަރުނަ ނިރާލުމުންނެވެ.

ޖެހިގެން އައި ދުވަހު ޒުބޭރު ރަށުގެ ހުރިހާ ފިރިހެނުންނާ ބައްދަލު ކުރިއެވެ. އަދި ކަނޑު ފޭރޭމީހުންގެ އުނދަގުލުން ސަލާމަތް ވެވޭނީ އެމީހުންނާ ކުރިމަތި ލައިގެން ކަމަށް ރަށުގެ މީހުންނަށް ވިސްނައި ދިނެވެ. އެހެންކަމުން ކުރަން ހުރިކަންތައްތަކުގެ މަޝްވަރާކޮށް އިރުޝާދު ދިނެވެ. ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ތާއީދާއެކު މިއަދުން މިއަދަށް ތައްޔާރީތައް ވާންފަށައިފިއެވެ. އެމީހުންވެސް ބޭނުންވަނީ ފޭރޭމީހުންގެ އުނދަގުލުން ސަލާމަތްވާށެވެ. ރަށުގެ ޒުވާނުންގެ ގުރޫޕެއް ޒުބޭރާއެކު މަސައްކަތުގައި އިސްވެ ހަރަކާތް ތެރިވުމަށް ހަމަޖެއްސިއެވެ. ރަށުން ގިނަ ޢަދަދެއްގެ ރުއްކަނޑާ ތޮށިދެމިއެވެ. އަދި ބައެއް ރުއްތައް ފަޅާ ވަކަރު ހެދިއެވެ. ދިއްގާ ވަކަ ކަނޑާ ވަކަތަކުން މަހިނަގާ ސަރަކައިގައި ލައިގެން ވާ އެނބުރިއެވެ. ރަށުގެ އިރުދެކުނު ކަނާދިމާލު ހޭޅިފަށް ސާފުކޮށް ބޮޑު ހަރުގެއެއް ހެދިއެވެ. ކިތަންމެ ހެސަ ގޮތަކަށް ފެނުނު ނަމަވެސް މިހަރުގޭގެ އެއްވެސް މުޑިއެއް ހުރީ ވަޅުލާފައެއް ނޫނެވެ. އެއީ ހަމަނަމެކެވެ. މިމުޑިތަކުގެ މަތީގައި ފިސާރި ބަރު ބިޔަ ފުރާޅެއް ބާއްވާފައި ވެއެވެ. މި ފުރާޅު ވަނީ ރުއްރުކަށް ވާހިފާ ލަނބުރާން ޖަހާފައެވެ. ފުރާޅުގައި ޖަހަން ތޮށަލި ވިޔުމުގައި ރަށުގެ އަންހެންވެރިންވެސް ފިސާރި ފޯރިޔާއެކު މަސައްކަތް ކުރިއެވެ. މިމަސައްކަތް ނިންމާލެވުމުން ޒުބޭރަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދުރުން ބަލާއިރު ހީވަނީ ގިނަބަޔަކު ދިރިއުޅޭ ބޮޑު ޢިމާރާތެއް ހެންނެވެ. އަދި މިކަމަށް ޚާއްސަކޮށްގެން މަޑި ހިފައިގެން ހަންނަގާ ބެރު އެޅިއެވެ.

މިހުރިހާ ކަމެއް ގައިވެސް ޒުބޭރާ އެކު ރަށުގެ ހުރިހާ ފިރިހެނުންވެސް ބައިވެރިވަނީ އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. މުދިންބެގެ ހިޔަލަ ދުޝްމިނުންގެ އަތްދަށަށް ދިއުމަކީ އެރަށުގެ އެއްވެސް ރައްޔިތަކު ރުހޭ ކަމެއްނޫނެވެ. މުދިންބެއަށް ކުރާ ޤަދަރު އެކަންޏެއް ނޫނެވެ. އެމީހުން ދެކޭގޮތުގައި މިރީތި ފަތްމިނިކަމަނާއަކީ އެރަށަށް ލިބިފައިވާ ފަޚުރެކެވެ. ޚާއްސަކޮށް ޒުބޭރު ފޫގަޅައިގެން ހުރީ ހިޔަލައަކީ އޭނާގެ މިލްކަކަށް ނުވިޔަސް މުދިންބެގެ އަތުން ހިޔަލަ ބީވެގެން ދިޔަޔަ ނުދިނުމަށެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ފޭރޭމީހުންގެ އަތްދަށަށް ހިޔަލަ ދިޔަޔަ ނުދިނުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެއެވެ. އޭނާގެ ހިތުގެ އެދުންތައް އޭނާވަނީ އެހެން މީހުންނަށް ސިއްރުކޮށްފައެވެ. ހިޔަލަގެ ޙަޔާތުގެ ބައިވެރިއަކަށް މުދިންބެ އިޚުތިޔާރު ކުރާ ޒުވާނަކަށް އޭނާ ވޭތޯ އަބަދުވެސް ދުޢާކުރެއެވެ.

ފޭރޭމީހުން ހިޔަލަ ޖަހައިގަންނަން އުޅުނު ބިރުވެރި ހާދިސާއަށްފަހު ހިޔަލަވަނީ އަނގައިން ބަސް ހުއްޓިފައެވެ. އެރީތި މޫނުގެ އުޖާލާކަން ވަނީ ގެއްލިފައެވެ. އެހެންކަމުން ހިޔަލަގެ އެހެން ރައްޓެހިން ފަދައިން ހިޔަލަގެ ހިތް ހަމަޖައްސައިދެވޭތޯ ޒުބޭރުވެސް ކުދިލުނބޯ ބިދެގެން ގެންގޮސްދީ ހަދައެވެ. ނަމަވެސް ހިޔަލަގެ އިސްޖެހިފައިވާ މޫނުފެނުމުން ޒުބޭރުގެ ހިތް އިތުރަށް ކުދިކުދިވުން ނޫންކަމެއް ނުވެއެވެ. ބައެއް ފަހަރު މަގޭ މަރާފައި ނޫނީ ހިޔަލައެއް ނުގެންދެވޭނެއޭ ބުނަން ޒުބޭރު ބޭނުންވެއެވެ. ނަމަވެސް އޭނާގެ ބަސްނޮމޮށޭ ލޯބި އެކަމަށް ހުރަސް އަޅައެވެ. ހިޔަލައަށްޓަކައި ޒުބޭރުވާ ޤުރުބާނީ ހިޔަލަވެސް ޤަބޫލުކުރެއެވެ. އަބަދުވެސް ހިތާހިތުން ޒުބޭރުގެ މަސައްކަތް ކާމިޔާބުވުން އެދި ދުޢާކުރެއެވެ.

ދެލިބެ ހުރާގެ ދިގު ރުކުގެ ކުރީގައި އިނދެގެން ދުވާލު ދެއިރު ރާބޭލުމުގެ އިތުރުން މިއަދު ދެލިބެ އަދާކުރަމުންދާ އަނެއް މަސްއޫލިއްޔަތަކީ މުޅި އަތޮޅާއި ސަރަހައްދުބެލުމެވެ. ދުޝްމިނުންގެ ހަމަލާ އައިސްފިނަމަ ރަށުގެ ރައްޔިތުންގެ ޤަދަރާއި ލޯބި ލިބިފައިވާ މުދިންބެގެ އެރީތި ދަރިފުޅު ހިޔަލަ ޖަހައި ގެންފާނެ ކަމުގެ ހިތާމަ ކުޑަހިނދު ކޮޅަކަށްވެސް ދެލިބެގެ ހިތަކުން ނުފިލައެވެ. އެހެންކަމުން މިއަދުވެސް ދެލިބެ ރުކުކުރީގައި އިނދެގެން މުޅިސަރަހައްދަށް ނަޒަރު ހިންގަމުން އެދަނީ ފޭރޭމީހުންގެ އުޅަނދު އަތުވެދާނެކަމުގެ ބިރުގައެވެ. މިގޮތަށް ބަލަމުން ދަނިކޮށް ދެލިބެގެ ނަޒަރު ގޮސް ހުއްޓުނީ މާފަރު ކޮޅުން ހަނިކަނޑުތެރެއިން ވަދެގެން ރިޔާތަށް ފޮޅުވާލާފައި އަންނަ ނަވަށެވެ. ދެލިބެ ތެލިތެޅި އޮތް ހިތަކާއެކީ ގޮސް މުދިންބެއާ އަރާ ހަމަވެވުމާއެކު ރޮވިއްޖެއެވެ. އެތައް ދުވަހެއްގައި މުދިންބެގެ ޚިދުމަތުގައި އުޅެ ބަފާ ކުލުނުޖެހިފައިވާ ދެލިބެ ރޮއިގެންފައި މިވާހަކަ ކިޔައިދިނެވެ. އަނެއްކާވެސް ރަށުތެރެ ހަލަބޮލިވެ މުދިންބެ ގޭދޮށުގައި މިނި ހެޔޮވެއްޖެއެވެ. ޒުވާން އަންހެން ކުދިން އެކުދިންގެ އެކުވެރިޔާގެ ގައިގައި އޮޅުލަ އޮޅުލާފައި ރޯއިރު މައިން ތިބީ ހިޔަލަ މަންމަގެ ހިތްހަމަޖައްސައިދޭށެވެ. ހިޔަލައެކޭ ހިލައިން ހަދާފައިވާ ބުދެކޭ އެއްވަރެވެ. މިއީ އޭނާގެ އެންމެ ފަހުދުވަސް ކަމަށް ޤަބޫލުކޮށްގެން އިނީއެވެ. ޒުބޭރު ރަށުގެ ހުރިހާ ފިރިހެނުންނަށް ހިއްވަރުދީގެން އަޅާފައިވާ ހަރުގެއާ ދިމާލަށް ދިޔައެވެ. މުޑިތަކަށް ވާހިފާފައިވާ ކޮންމެ ރުކަކަށް ޒުވާނުން އައްޔަން ކުރިއެވެ. ރަށުގެ ހަރުމީހުންގެ ގެތެރެއިން ބަޔަކު ފޭރޭ މީހުންނަށް މަރުހަބާ ކިޔަން ހަމަޖައްސާ އަންހެން ވެރިންނަށް ކާތަކެތި ތައްޔާރު ކުރަން އެންގިއެވެ. އިސްމީހަކީ ކަތީބެވެ. ބެރުވެރިން ތިބީ ތައްޔާރުމަތީގައެވެ.

ފޭރޭނާމީހުންގެ ނާ ޅޮހީ ބޭރުއެރުމާއެކު ބާރަނާމައްޗަށް މަޑުކޮށް ރިޔާތައް ދޫކޮށްލިއެވެ.  އޭރު ރަށުގެ ފިރިހެންވެރިންގެތެރެއިން އިސްތިޤުބާލަށް ނިކުމެތިބިމީހުން ހުދު ދިދަ ހޫރާ އަމާންކަން އިއުލާނުކުރިއެވެ. އެއާއެކު ނަވުން ބޭލި ބޮއްކުރައެއްގައި  ކަނޑިއުރައިން ދަމައިގަނިގެންތިބި ދިހަވަރަކަށް ފިރިހެނުން ފޭބިއެވެ. މިމީހުންނަށް އަދަބު އަދާކޮށް ރަށުގެ މީހުން މަރުޙަބާކިޔެވެ. އެމީހުންނާ ވާހަކަ ދެއްކީ ޒުބޭރެވެ. "ތިޔަބޭކަލުންނަށް މިރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަ! ބޭނުންވަނީ ބޮޑުންނާ ބައްދަލު ކުރާށާއި މިހަރުގޭގައި ތައްޔާރު ކޮށްފައިވާ ޖާފަތުގައި ތިޔަބޭކަލުންގެ ބޮޑުންނާއި ނަވުގެ އެންމެން ބައިވެރިކުރަން!" ނަމަވެސް ފޭރޭމީހުންގެ ކިބައިގައިވާ ގޮތްދޫ ނުކުރުމުގެ ސިފަ އިސްކުރިއެވެ. "ބޮޑުން އެއްގަމަށް ފައިބާނީ އަންހެން ސާހިބާ މިތަނަށް ގެނައުމުން! ނޫނީ ހަނގުރާމަ ކޮށްގެން ތިޔަބައިމީހުން ބަލިކޮށް އެސާހިބާ ގެންދާނަން!" ޒުބޭރަށް ގޮއް މުއްކަވާ ދަތްކުނޑި ވިކާލެވެނެވެ. އޭނާގެ ލޭހޫނުވެ ދެލޮލުން އާވިއަރަންފެށިއެވެ. ނަމަވެސް ދުޝްމިނުންގެ ކުރިމަތީގައި މިކަން ފާޅުނުކޮށް އެތެރެހައްޓަށް ހިންދާލުމަށްފަހު ބުނެލިއެވެ. "މިރަށުގެމީހުން ތިބީ ސުލްހަވެރިކަމާއެކު އަންހެން ސާހިބާ ހަވާލުކުރަން" މިހެންބުނުމަށްފަހު ޒުބޭރު ދެލިބެ  ގޮވައިގެން ދުރަށް ގޮސް އެތައް އިރުޝާދެއްދީ ހިއްވަރު ދިނުމަށްފަހު ހިޔަލަ ޢީދު ހައްދައިގެން ގެނައުމަށް އެންގިއެވެ.

 

(ނުނިމޭ، މިވާހަކައިގެ ހަތަރުވަނަ ބައި އަންނަ ހުކުރުދުވަހު ޝާއިޢުކުރެވޭނެ.)

ދެވަނަ ބައި ވިދާޅުވުމަށް: https://fiyaonline.com/59206

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު