އަޚްވަންތަކަމާއި، އެއްބައިވަންތަކަމަށް ތިމާ ވާސިލު ކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމް ކަނޑައެޅުމަށް މިއަދުގެ ހުކުރު ޚުޡުބާގައި ގޮވާލައްވައިފިއެވެ.
ކޮންމެ މުސްލިމަކަށްވެސް އެ މުސްލިމެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށް ޚުޡުބާގައި ގޮވާލައްވާފައިވާއިރު، ތިމާގެ ނަފްސަށް ލިބޭ ރަނގަޅު ކަންތައްތައް ތިމާގެ މުސްލިމު އަޚާއަށްވެސް ލިބިދޭން އެދުމަށްވެސް ޚުޡުބާގައި ނަސޭހަތްތެރި ވެފައިވެއެވެ.
"މުސްލިމް އަޚުންނޭވެ! އަޚުވަންތަ ކަމާއި، އެއްބައިވަންތަ ކަމަށް ތިމާ ވާސިލް ކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމް ކަނޑައަޅާ، އެކަން ކުރުމަށް ނެސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ. އަދި އަޚުވަންތަކަމާއި، އެއްބައިވަންތަކަން ކަނޑައިފާނެ ކޮންމެ ކަމަކާ ދުރުވެ، އެފަދަ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ނުނިދުމަށްވެސް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމުން."
މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި، މި އުއްމަތަކީ ބައިބައިވުމަށް ފުރުސަތު ދޭ އުއްމަތެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ ޚުޡުބާގައި ވިދާޅުވި ގޮތުގައި މިއުއްމަދުތުގެ މިސާލަކީ ބިނާއެއްގެ މިސާލެވެ. އަދި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމް ކުރުމަކީ މާތްﷲގެ ހަޒުރަތުގައި މުސްލިމުންގެ ދަރަޖަ މަތިވެރިވާ ކަމެކެވެ.
ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ގިޔާމަތްދުވަހު މާތްﷲ ވަޙީ ކުރައްވާނެތެވެ. ތިމަން ރަސްކަލާނގެއަށްޓަކާ އެކަކު އަނެކަކު ދެކެ ލޯބިވި މީހުން ކޮބައިހެއްޔެވެ؟ ތިމަން ރަސްކަނލާގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ މިދުވަހު، އެބައި މީހުންނަށް ތިމަން ރަސްކަލާނގެ ހިޔާވަހިކަން ދެއްވާ ހުށީމެވެ."
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، އިސްލާމް ދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބައާއި މަންފާ އޮތީ އެމީހެއްގެ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ކަމަށާއި، ގެއްލުމާއި ހަލާކުވެސް ހުރީ ހަމަ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ކަމަށެވެ.