ވަރުގަދަ ރޯގާއެއް ފެތުރެމުންދާތީ މާލޭގެ ހޮސްޕިޓަލްތައް ބާރު ބޮޑުވަމުން ދާތީއާއެކު، އެކަމުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ރެއިން ފެށިގެން ކުއްލިއަކަށް ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ގައި ވަނީ އިތުރުވާން ފަށާފައެވެ.
ބަލިފެތުރެނީ ރޭގެ ފުޅަނދުބުރު ތެރޭގައި، ބަޔަކު ބެހި އެއްޗެއްގެ ސަބަބުން ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރުނު ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވިދާޅުވީ، ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށާއި، ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރެއްވުމަށްފަހު ބޭނުންކުރުން މުހިއްމު ކަމަށެވެ. އަދި ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ މިދުވަސްވަރު ރައްކާތެރި ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ޙާއްސަ ޑރ. އަހުމަދު ފައިސަލް ވަނީ އަތް ދޮވެގެން ނޫނީ ނުކެއުމަށާއި އަވަސްއަވަހަށް އަތް ދޮވެލަން އާދަކުރަން ހަނދާންކޮށްދީފައެވެ. މީގެ އިތުރުން އަވަސްއަވަހަށް ދިޔާއެއްޗެހިދީ ހަށިގަނޑުން ފެންމަދުވިޔަ ނުދީވޭތޯ ބެލުމަށް ފައިސަލްވަނީ ނަސޭހަތްތެރިވެފައެވެ.
މައުލޫމާތު ލިބޭ ގޮތުން އޭޑީކޭއާއި އައިޖީއެމްއެޗްގެ އިތުރުން ސެނެހިޔާއަށްވެސް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދުމަށް ދަމުންނެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންކަމަށްވެސް މައުލޫމާތު ލިބެއެވެ.