މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް، ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް، ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިރޭ ހަވާ އަރުވާނީ 22:00 އާއި 22:30 އާއި ދެމެދުގެ ވަގުތެއްގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މިހަރަކާތް ކުރިއަށްދާނީ 8 މިނެޓެއްހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހުޅުމާލޭގައި މިރޭ ހަވާ އަރުވާއިރު، އެސަރަހައްދުގައި މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން ކާނިވާ ފެށުމަށް ވެސް ވަނީ ނިންމާފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުމާލޭގައި އޮންނާނެއެވެ.
މިއީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ކުރިއަށް ގެންދާ މި ކަނިވާ އިންތިޒާމްކުރަނީ ހޯމް މިނިސްޓްރީއާއި އެޗްޑީސީންނެެވެ.
ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭގޮތަށް، ކުޅިވަރުގެ ގިނަ ހަރަކާތްތަކާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "މިނިވަން އުފާ ކާނިވަލް" ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކަމަށް ހޯމް މިނިސްޓްރީ ވިދާޅުވެއެވެ.
ކާނިވާ ހުޅުވުން އޮންނާނީ މިރޭ 08:30 ގައި އޮންނައިރު، މިރޭ ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ޝޯވ ހިމެނެއެވެ.

އަދި ރެޑްބުލްއާއި ގުޅިގެން ބާއްވާ ޕެރަ މޮޓޯގެ ހަރަކާތްތަކާއި، ހަވާ އެރުމުގެ ހަރަކާތްވެސް މިރޭ އޮންނާނެއެވެ.މި ކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހޮޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާރކް، ލެއިޒަރ ޕާރކެއްވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.
ކާނިވަލުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާއިރު،  މާދަމާގެ ހަވީރާއި ރޭގަނޑުވެސް ފުޅަނދުތައް ދައްކާލުން ކުރިއަށްދާނެއެވެ.
މިރޭ ހުޅުވާ "މިނިވަން އުފާ ކާނިވާ" އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *