16 ފެބުރުވަރީ 2025

3000 ވޯޓު ލިބިގެން ރިޔާސީ އިންތިހާބު ކުރާނެ ކަމަށް ބުނުމަކީ ހެއްވާ ކަމެއް: މަވޯޓާ ޝަރީފް

ޕްރައިމަރީއެއްގައި 3000 ވޯޓު ލިބިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް އެފަދައިން ވިދާޅުވީ، އިއްޔެ ޑިމޮކްރެޓްސްއިން ބޭއްވި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޯވާ ޕްރައިމަރީގައި އިލްޔާސް ލަބީބްއަށް 3،041 ވޯޓު ލިބުމާއި ގުޅިގެން އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ކުރެއްވި ޓުވިޓެއްގައި ޝަރީފް ވިދާޅުވީ، އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ޕްރައިމަރީއަކުން 3000 ވޯޓު ލިބިގެން ކާމިޔާބު ކުރެވުނު ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުން، އެ ޕާޓީގެ ރިޔާސީ ޓިކެޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ކަށަވަރު ކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ، އިލްޔާސް އެކަންޏެވެ. އެހެންވެ، އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެމަތިން ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހަވީރު 2:00 ގައި ފަށައި، ވޯޓުލުން މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމަށް ވޯޓުލުން ކުރިއަށް ގެންގޮސް، އިލްޔާސް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ 3،041 ވޯޓާއި އެކުގައެވެ.
މިއަދު ބޭއްވި އިންތިހާބުގައި 3،208 މީހަކު ވަނީ ވޯޓު ލައިފައެވެ. އިލްޔާސް ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅަން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދިންއިރު، ނުވަ ވޯޓު ވަނީ ބާތިލް ވެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު