މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ހުޅުވަން ނިންމި ކާނިވާ، މިހާރު މާލޭގައި ހަލުވިކަމާއެެކު ފެތުރެމުންދާ ރޯގާއާ ހެދި ފަސްކުރުމަށް ފަހު މިރޭ އަނެއްކާ ހުޅުވަން ނިންމައިފި އެވެ.
"މިނިވަން އުފާ" ކާނިވާ ހުޅުވުން އިއްޔެ ފަސްކުރަން ނިންމީ، މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ދެއްވުމުންނެވެ.
މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުންދާތާ ހަފްތާއެއްހާ ދުވަސް ވެފައި ވިޔަސް މިނިވަން ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ފުޅަނދުބުރަށް ފަހު ހޮސްޕިޓަލްތަކަށް ކުޑަކުދިން ގެންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމް ފުރުނެވެ.
އެހެންވެ ސަރުކާރުން ނިންމީ ކާނިވާ ބޭއްވުން ފަސް ކުރުމަށެވެ. މިއަދު ވަނީ ފުޅަނދު ދެއްކުމުގެ ޙަރަކާތްވެސް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންގޮސްފައެވެ،
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވުމުން މިއީ ކިހިނެއް ފެތުރޭ ރޯގާއެއްގޯ ބެލުމަށް ވަނީ ޓެސްޓުތައް ކޮށްފަ އެވެ. އެޗްޕީއޭ އިން މިއަދު ބުނީ މިއީ ހަލުވިކަމާ އެކު ފެތުރޭ ނޯރޯވައިރަސް އިން ޖެހޭ ރޯގާއެއް ކަމަށެވެ.
ގުޅުންހުރި ޚަބަރު: https://fiyaonline.com/59910