ރާއްޖޭގައި ދިރިއުޅޭ މޫނުބުރުގާ އަޅާ މުދައްރިސުންގެ ޙައްޤުތަކެއް ނިގުޅައިގެންފައިވާކަމަށް ބުނެ، އެ ކަނބަލުންގެ ހައްގުގައި އިހުތިޖާޖު ކޮށްފިއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި މިއަދު ބޭއްވި މި އިހުތިޖާޖުގައ،ި މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭ ގޮތަށް ބަޔާންކޮށްފައިވާތީ، "އައި ސްޓޭންޑް ވިތު ނިގާބް" ގެ ނަމުގައި އާންމުންގެ ބަޔަކު އިހްތިޖާޖު ކޮށްފައިވެއެވެ.
މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި، ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެ މާނަ ދޭހަވާ ގޮތަށް ގާނޫނުގައި އޮތް މާއްދާ އުވާލައި، ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތައުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމަށް އިހުތިޖާޖުގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ މި އުސޫލުގައި ބަޔާންކޮށްފައި ވާގޮތުން، އެ އުސޫލުގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.
އަދި ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީވެސް އުސޫލުގެ ބޭނުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސް ކަމަށްވާއިރު، މި އަސާސްތަކުގެ ތެރެއިން ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމަށް ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ޓީޗަރާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށ،ް ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. އަދި އޭގެ (ޅ) ގައި ވާގޮތުން އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ
މޫނުބުރުގާ އަޅައިގެން ތިބި ނަމަވެސް ވަޒީފާ އަދާކުރެވޭނެ ކަމަށް ރައީސް ޞާލިހް ވަނީ 2018 ވަނަ އަހަރުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައެވެ.