Saturday, 13 April 2024
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި, ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ވަޒީފާ ފެއްޓެވީ މީގެ 50 އަހަރު ކުރިން، ރާއްޖޭގައި ހުރި ހަމައެކަނި ހޮސްޕިޓަލްގައި: އަނީސާ

އިހުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވި ދަތިތަކުގެ ވާހަކަ އަމިއްލަފުޅު ތަޖުރިބާ، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން, ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު ޙިއްސާކުރައްވައިފިއެވެ. އަނީސާ ވިދާޅުވީ، އެކަމަނާ ފުރަތަމަ ވަޒީފާ ފެއްޓެވީ މީގެ 50 އަހަރު ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ހޮސްޕިޓަލްގައި ކަމަށެވެ. އެއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ މިހެންވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަނީސާ ވިދާޅުވީ އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ދައުލަތުގެ ވަޒީފާއެއް އަދާކުރުމުގައި މީހެއްގެ އުމުރުގެ 35 ނުވަތަ 40 އަހަރު ހޭދަކުރުމަކީ ވަރަށް ބޮޑު ޤައުމީ ޚިދުމަތެއް ކަމަށާއި އެއީ ގުރުބާނީއެއް ކަމަށެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިހާތަނަށް ހާސިލުކުރެއްވި ބޭފުޅުން ޚިދުމަތަށް ނުކުމެވަޑައިގެންނެވިއިރު ޤައުމުގެ ހާލަތު އޮތް ގޮތަށް ބަލާލުމުން ޚިދުމަތުގެ އަގުބޮޑުވާކަމަށް އަނީސާ ވިދާޅުވިއެވެ.

"އެ ބޭފުޅުން ވަޒީފާ އަދާކުރެއްވީ ޖާގައިގެ ގޮތުން ވަރަށް ދަތި، ވަސީލަތްތައް އަމުދުން ނެތް ވެއްޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ،"

އަނީސާ ވިދާޅުވިއެވެ.

އަނީސާގެ ތަޖުރިބާ ޙިއްސާކުރައްވަމުން އިތުރަސށް ވިދާޅުވީ، އެއް ދުވަހެއްގެ ހަވީރު ދެ މީހަކަށް އެއްފަހަރާ އޮކްސިޖަން ދޭން ޖެހުނުއިރު ހޮސްޕިޓަލުގައި ހުރީ އެންމެ ސިލިންޑަރެއް ކަމަށެވެ. އެ ފުޅި ހުރީ ފުއްޕާމޭގެ ބައްޔެއްގައި އެޑްމިޓްކޮށްފައި އޮތް 60 އަހަރުން މަތީގެ މީހަކަށް ގުޅައިފައި ކަމަށް ވިދާޅުވިއެވެ.

"އެހެން އޮއްވާ ހޮސްޕިޓަލުގައި އެ ވަގުތު އުފަންވީ ކުއްޖަކު އޮކްސިޖަން މަދުވެގެން މުޅިން ނޫ ވެފައި އޮތުމުން އޭނާއަށް އޮކްސިޖަން ދޭން މަޖުބޫރުވެއްޖެ. އެއަށްވުރެ ކްރޯނިކް ބައްޔެއްގައި އޮތް އުމުރުން ދުވަސްވީ މީހާއަށްވުރެ މެޑިކަލް ގޮތުން އޮކްސިޖަންގެ ބޭނުން ބޮޑީ ތުއްތު ކުއްޖާއަށް ކަމަށް ވާތީ އޮކްސިޖަން ފުޅި ނައްޓައިލައިގެން ކުޑަ ކުއްޖާއަށް ގުޅަން ޖެހުނު،" އަނީސާ އޭނާގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.

"އޮކްސިޖަން ނައްޓައިލިތާ މާ ގިނައިރުތަކެއް ނުވެ އެ ދުވަސްވީ މީހާ ނިޔާވި. ﷲގެ އިރާދަފުޅުން ކުޑަކުއްޖާ ސަލާމަތް ކުރެވުނު،"

އަނީސާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ސިޓީތަކާއި ބޮޑެތި ރިޕޯޓްތައް ވެސް ލިޔުނީ އަތުން ކަމަށާއި ކޮޕީ ހަދަން ޖެހޭނީ ދެ ގަނޑު ދޭތެރެއަށް ކާބަން ކަރުދާސް ލައްވައިގެން ކަމަށެވެ

"މިއީ ވެރިރަށް މާލޭގެ ހާލަތު ދެން ހިތްޕުޅަށް ގެންނަވާ އަތޮޅުތެރޭގެ ހާލަތު. ގިނަ ފަހަރަށް އިށީންނާނެ ގޮނޑިއެއް ނުހުންނާނެ، ކިތަންމެ ހޫނު ގަދަޔަސް ފިނިކޮށްލާނެ ފަންކާއެއް ނުހުންނާނެ،"

އަނީސާ ވިދާޅުވިއެވެ.

މި ހާލަތު ބަދަލުކޮށް ހޮސްޕިޓަލުތަކުގައި އޮކްސިޖަން ގާއިމުކޮށް އޮކްސިޖަން ކޮޓަރިތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވީ އެކި ދައުރުތަކުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނާއި ހީވާގި މުވައްޒަފުންކަމަށާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގައި ބަލަނީ ހަމައެކަނި ޚިދުމަތްކުރެއްވި މުއްދަތަށް ނޫން ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި އިޚްލާސްތެރިކަމާއި އަޚްލާގީ މިންގަނޑުތަކަށް ވެސް ބަލައިގެން ކަމަށް އަނީސް ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފަށައިފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު ވަނީ ދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި ވެސް ސަރުކާރުން ވަނީ 148 ބޭފުޅަކަށް އިނާމު ދީފައެވެ.

އެގޮތުން، މިހާތަނަށް ޖުމްލަ 457 ބޭފުޅަކަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *