މިނިވަން އުފާ ކާނިވާ ހުޅުވުން، ފޮޓޯ: ރައީސް

"މިނިވަން އުފާ" ކާނިވާ ހުޅުވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ހުޅުއްވައި ދެއްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

ކާނިވާ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ހުޅުމާލެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވުމުން އެދެކަނބަލުންނަށް އިސްތިޤުބާލްކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުންނެވެ.

މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.

މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ. މިގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާގެ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިޔަށް ގެންދާ މިކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި އުރީދޫގެ އިތުރުން އެސްޓީއޯއާ ސްޓެލްކޯއާ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ. މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ބޭއްވި ޙަރަކާތްތަކުގެ ތެރޭގައި ޑްރޯން ޝޯވ އަދި ހަވާއެރުވުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރާއިރު މިއަހަރަކީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު