ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ.
ރާއްޖޭގެ މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް، ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމާ ބެހޭ ގޮތުން، ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އޭނާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިނިސްޓަރ ހަޔާޝީ އާއި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި، މި ދަތުރުފުޅުގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
އަދި، އެމްއެންޑީއެފް އަށް ބޭނުންވާ ފަޔަރ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތެއް އޮންނާނެއެވެ. އެ ރަސްމިއްޔާތުގައި ޖަޕާންގެ ފޮރިން މިނިސްޓަރ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހަމައެހެންމެ މިނިސްޓަރު ހަޔާޝީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތްކުރި ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމެންޓަށް ޒިޔާރަތް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.