ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެމްޕެއިން ޓީމެއް ތ. އަތޮޅަށް ދަތުރުކުރައްވަމުން އެބަގެންދަވައެވެ.
މިދަތުރުގެ ތެރޭގައި ކަމަދޫ، ވަންދޫ، ހިރިލަންދޫ، އޮމަދޫ، ކިނބިދޫ، ތިމަރަފުށި، ވޭމަންޑޫ، ގުރައިދޫ، ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި، ވިލުފުށި އަދި ބުރުނީ އަށް ވަޑަތުމަށް ވަނީ ހަމަޖެހިފައެވެ.
ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރުން، އަދި ޖޭޕީގެ ސުޕެޝަލް އެޑްވައިޒަރ ރިޔާޒު ރަޝީދު އިސްކޮށް ހުންނަވައި ފައްޓަވާފައިވާ މި ދަތުރުގައި، ކެމްޕޭން ކުރުމާއެކު އެކިކަންކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުގެ ތެރެއިން އެރަށްރަށުގައި ހިނގަމުންދާ ކެމްޕޭނުގެ ކަންކަން ބައްލަވައި އަދި ރަށްރަށުގެ އިސްރަށްވެހިންނާއި ޒުވާނުންނާއެކު އެކި ބައްދަލުވުންތައް ބާއްވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
އަންނަ ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު، ޖޭޕީންވަނީ ކެމްޕެއިން ޙަރަކާތްތައް ވަރުގަދަކޮށް، މާލެއާއި އަތޮޅު ތެރޭގައި ކެމްޕޭން ދަތުރުތައް ފަށާފަައެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމާއި، އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމާއި، އެމްއާރްއެމްގެ ފަރާތުން ފާރިސް މައުމޫނުގެ އިތުރުން، އިތުރުން ޑިމޮކްރެޓްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އަދި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވާ އުމަރު ނަސީރެވެ.