ސައުދީއަރަބިއްޔާގެ ރައްޔިތެއްކަމުގައިވާ ތުރުކީ ޚާލިދު، އޭނާގެ މަންމަ ގެއްލިގެން އުޅޭތާ 32 އަހަރު ފަހުން، އޭނާއަށް އޭނާގެ މަންމަ ފެނިއްޖެއެވެ.
ޚާލިދުގެ ބައްޕަ، އެއްގޮތަކަށްވެސް އޭނާގެ މަންމައާ ބެހޭ އެއްވެސް މަޢުލޫމާތު ދީފައެއް ނުވެއެވެ.
އޭނާގެ މައިންބަފައިންގެ ކައިވެނި ރޫޅިފައިވަނީ، ޚާލިދުގެ ޢުމުރުން 4 އަހަރުގައެވެ. އޭގެ ފަހުން އޭނާގެ މަންމަ ދުވަހަކުސް އޭނާއަށް ފެނިފައިނުވާއިރު، މަންމަގެ ލޯބި ލިބުމުގެ ފުރުޞަތު މުޅީން ވަނީ ގެއްލިފައެވެ.
ޚާލިދުގެ މަންމައަކީ މިސްރު މީހެކެވެ. އޭނާގެ ވަރިކުރުމުން އޭނާ ދިރިއުޅެމުން ދިޔައީ މިސްރުގެ ގާހިރާގައެވެ. އެހެންނަމަވެސް، ޚާލިދުގެ ބައްޕަ ދިރިއުޅެމުން ދިޔައީ ސައުދީގައެވެ.
ޚާލިދު ބަލާބޮޑުކުރީ އޭނާގެ މާމަގެ ބެލުމުގެ ދަށުން، އޭނާގެ ބައްޕަ އޭނާއަށް ޚަރަދުތައް ކޮށްގެންނެވެ.
ޚާލިދުގެ ބައްޕަ، ޚާލިދަށް އޭނާގެ މަންމަގެ މަޢުލޫމާތު އޮޅުންފިލުވައި ނުދެނީސް ބައްޕަވެސް މަރުވީއެވެ. 16 އަހަރު ވަންދެއް ޚާލިދު ދިރިއުޅެމުން ދިޔައީ ޚާލިދުގެ މާމަގެ ކައިރީގައެވެ. އޭނާގެ އުމުރުން ސޯޅަ އަހަރު ވީތަނާ އޭނާގެ މާމަވެސް މަރުވެއްޖެއެވެ. ދެން ޚާލިދު ބެލެހެއްޓީ އޭނާގެ ތިމާގެ އަންހެނެކެވެ.
ޚާލިދުގެ ޢުމުރުން 28 އަހަރުގައި ކައިވެނިކުރިއެވެ. އޭނާގެ ޒުވާން ޢުމުރުގައި އޭނާގެ މަންމަ ފެނޭތޯ އެތަކެއް މަސައްކަތެއް ކުރިއެވެ. މަންމައަކީ މިޞްރު މީހެއް ކަން އެނގިގެން، ރިޔާޟުގައި ހުންނަ މިޞްރުގެ އެމްބަސީއަށްވެސް ދިޔައެވެ. އޭނާގެ މަންމަގެ މަޢުލޫމާތު އެތަނުންވެސް ލިބޭ ގޮތެއް ނުވިއެވެ.
ދެން އޭނާ ދިޔައީ މިޞްރަށެވެ. މިޞްރަށް ގޮސް ގާހިރާގައި ހުންނަ ސައުދީ އެމްބަސީއަށް ދިޔައެވެ. އެތަނަށް ގޮސް ކުރި މަސައްކަތުން އޭނާއަށް އުއްމީދު އާލާވިއެވެ.
ގާހިރާގައި ހުންނަ ސައުދީ އެމްބަސީން އޭނާއަށް އެކަމުގައި ވަރަށް އެހީވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން އޭނާގެ ޢުމުރުން 32 އަހަރުގައި އޭނާގެ މަންމަ ފެންނަ ގޮތް ވިއެވެ. އެމްބަސީގެ ފުރިހަމަ އެހީތެރިކަން ލިބިގެންނެވެ. ސައުދީ އެމްބެސެޑަރ އުސާމާ ނަޤްލީގެ އެހީތެރިކަން ލިބިގެން ގޮސްފައިވަނީ އިންތިހާއަށް ކަން ޚާލިދު ފާހަގަކުރިއެވެ.