ރައީސް ޞާލިހަށް ދިމާވެފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދަތުރު ކަމަށް ވިދާޅުވެ، މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނައިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މިދިޔަ ފަސް އަހަރު އަމަލު ކުރެއްވި ގޮތްތަކުގެ ސަބަބުން އެމްޑީޕީ ބައިބައިވެ ނިކަމެތިވެ، ހީނަރުވެފައި ކަމަށް ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަޝީދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއާއެކު އައްޑޫއަށް މިރޭ ވަޑައިގެން ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން، ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މި އިންތިހާބާއި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
"2018 ވަނަ އަހަރުގެ އިންތިހާބަށް އަޅުގަނޑުމެން ދިޔައިރުގައި ހެޔޮ ހާލުގައި ސަލާމަތުން ޖަލުން ވީއްލި، އެއްވެސް ކެންޑިޑޭޓަކު ނެތް، އެހެންވީމަ ޕާޓީތަކުން ނިންމީ ހުރިހާ ޕާޓީތަކަށް އެއްބަސް ވެވޭ އެއް ކެންޑިޑޭޓެއް ނުކުމެ ހުރިހާ ޕާޓީތަކުގެ ފަރާތުން ވާދަކޮށް ދިވެހިންނަށް ހެޔޮ ގޮތްތައް ހޯދާ ދިނުމުގައި އަނެއްކާ އިތުރަށް މަސައްކަތް ކުރުމަށް".
ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނަށް ފެންނަ ތަނުގައި ދެވަނަ ބުރަކަށް މި އިންތިހާބު ފުރޮޅިގެން ދާނެ ކަމަށާއި، އަދި އެ ދެވަނަ ބުރުގައި އިލްޔާސް ލަބީބް ހިމެނޭނެ ކަމީ އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ގަދަ ހިތްވަރާއި މަސައްކަތުން، ދުރު ވިސްނުމުން މިކަން ކާމިޔާބު ކުރެވޭނެ، އަދި އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީއަށް ލިބެން ހުރި ވޯޓު މަދު، އަޅުގަނޑު ވަކި އަދަދެއް ދަންނަވަން މިހާރު އުނދަގޫވެއްޖެ، ކުރީގައި ހީކުރީ ލަދު ނުގަންނަ އަދަދެއްގެ ވޯޓު އެބޭފުޅުން ހޯއްދަވާނެ ކަމަށް. އެހެން ނަމަވެސް މިހާރު އެތަނެއް ނުފެނޭ.".
ނަޝީދު ވިދާޅުވީ، ވެރިކަމުގައި ބޭފުޅުން ތިއްބަވާއިރު، ދެން އެބޭފުޅުންނާއި ގުޅޭގޮތުން ބޭރަށް ދައްކާ ދެއްކުމާއި، އަމަލުތައް ބަހައްޓާ ގޮތްތައް ތަފާތުވާ ކަަމަށެވެ. އަދި އެކަން ތަފާތު ވެގެން ދަނީ މީސް މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ގޮތާއި، ގިނަ މީހުން އާއްމު ގޮތެއްގައި ވެރިންނާއި ގުޅޭގޮތުން ނުރުހުންވާ ބާވަތުގެ ވާހަކަތައް ނުވަތަ ކަންކަން ކުރުމަށް ނޭދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވުމުން އެބާވަތުގެ ވާހަކަތައް ގިނަ މީހުން ނުދައްކާ ކަމަށް ނަޝީދު ވިދާޅުވިއެެވެ.
އައްޑޫއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅަކީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާޢީދު ހޯއްދެވުމަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅެކެެވެ.