30 އެޕްރީލް 2025

ފަލަސްޠީނުގެ ދުލުން: ސިލްވާން ބުނެދިން ވާހަކަ

ސިލްވާންއަކީ އިރުމަތީ ޖޫރުއްސަލަމްގައި އުޅެމުންދިޔަ ކުއްޖެކެެވެ.

ފަލަސްޠީނުގައި، ތަޙައްމަލުކުރި ކަންކަމާ ގުޅޭގޮތުން، ސިލްވާން ބުނެދިން ވާހަކަ ޙިއްސާކޮށްލަމެވެ.

" ގަޑިން ފަތިހު 4 ޖެހިއިރު އިވުނީ ވަރަށް ބާރަށް ދޮރުގައި ޓަކި ޖަހާ އަޑެވެ. އެއްގޮތަކަށްވެސް އެމީހުން އެ އަންނަނީ އަހަރެމެން ހައްޔަރުކުރަން ކަމެއް ނޭނގެއެވެ. އެހެންނަމަވެސް، ހީކުރެވިފައި އޮތީ ދިރިއުޅެމުންދިޔަ ގެ ސުންނާފަތިކޮށްލަން އައީ ކަމަށެވެ. އެހެނީ، ދިރިއުޅެމުންދިޔަ ގެ ސުންނާފަތިކޮށްލާނެ ކަމުގެ އޯޑަރެއް ކުރިން ވަނީ ލިބިފައެވެ.

އަހަރެންގެ ބައްޕަ ވަރަށް ބާރަށް ބުންޏެވެ. "ތީ ކޮންބައެއް؟"

އެމީހުން ޖަވާބުގައި ބުންޏެވެ. " މިއައީ 'ހަމަދާ' ހައްޔަރުކުރަން"

ދޮރު ނުހުޅުވައި ބައްޕަ ޖަވާބުގައި ބުނީ، މިގޭގައި ހަމަދާ ކިޔާ މީހަކު ނޫޅޭ ކަމަށެވެ. ނަމަވެސް، ދޮރު ހުޅުވުމަށް އެމީހުން ބުންޏެވެ. އަދި ހަމަދާއަކީ ބައްޕަގެ ދަރިއެއް ކަމަށްވެސް އެމީހުން ބުންޏެވެ. ދޮރު ނުހުޅުވައިފިިނަަމަ ކަރުނަ ގޭސް ޖަހާނެ ކަމުގެ އިންޒާރުވެސް އެމީހުން ދިނެވެ.

އަހަރެންގެ ބައްޕަ ފަހަރަކު ނަމެއް ފަހަރަކު ނަމެއް ކިޔަމުން ދިޔައެވެ. މިގޭގައި ހަމަދާ ކިޔާ މީހަކު ނެތް ކަމަށް ބައްޕަ ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެމީހުން އަޑުހަރުކޮށް އެންގީ، ނަންތައް ކިޔުން ހުއްޓާލައި، ދޮރު ހުޅުވުމަށެވެ.

އެމީހުން ބުނަމުން ދިޔައީ އަހަރެން އެމީހުންނާ ދިމާއަށް އޮއްގާ އުކި ކަމަށެވެ.

ބޭރުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ހައެއްކަ ޖިޕް ބޭރުގައި މަޑުކޮށްގެން އޮތް ކަމެވެ. އެހެންނަމަވެސް، އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ސަތޭކައެއްހާ މީހުން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ޤަބޫލުކުރެވުނެވެ. އޭގެ ތެރޭގައި ފުލުސް އޮފިސަރުންނާއި ސްޕެޝަލް ފޯސްގެ މީހުން ހިމެނޭނެއެވެ.

އެމީހުން ދޮރުވައްޓާލައި އެތެރެއަށް ވަނެވެ. އަހަރެން އެނދުގައި އޮއްވާ ކޫއްތާ ދަމާފައި ނެރުނެވެ. އަހަރެންގެ ހެދުން ބަަދަލުކުރާކަށް، އަދި ފައިވާނަށް އަރާލަންވެސް ފުރުޞަތެއް ނުދިނެވެ. އަހަރެން ދަމާފައި ނެރުނު އިރު ހުރީ ހުސްފަޔާ އަދި ނިދާ ހެދުން ލައިގެންނެވެ.

އަހަރެންގެ އެއްބަނޑު އެއްބަފާ ހަ ކުދިން ހައްޔަރުކުރިއެވެ. އެމީހުން އަހަރެމެންގެ މަންމައާއި ބައްޕަ، އަހަރެމެންނާއެކު އައުމަށް ފުރުޞަތެއް ނުދިނެވެ.

ގެންދިޔަ ގޮތަށް އަހަރެން ގެންދިޔައީ، ރޫމް ނަންބަރު 4 އަށެވެ. އަހަރެންގެ ކޮއްކޮމެން ގެންދިޔަ ތަނެއް ނޭނގެއެވެ. އަހަރެން އެމީހުންނަށް ދިމާއަށް އޮށްގާ އުކާކަމަށް ތުހުމަތު ކުރިއެވެ. އަހަރެން އެކަމަށް އެބަހެއް ނުވަމެވެ. އަހަރެންގެ ކޯތާފަތް މަތީގައި އެމީހުން ވަރަށް ބާރަށް ޖެހިއެވެ. އެމީހުން ތަކުރާރުކޮށް އެ ސުވާލު ކުރަމުން ދިޔައެވެ. އެކަމަކު އަހަރެން އެކަމަށް އެއްބަހެއް ނުވަމެވެ.

އެންމެފަހުން، ސިނގިރޭޓް ބޮައިފައި އަހަރެންގެ ލޮލަށް އެމީހުން ދުން ބުރުވަން ފެށިއެވެ. އަހަރެންގެ ކޮނޑުގައި ވަރަށް ބާރަށް ހިފާފައި ގެންގޮސް، ފާރު ބުޑަށް ޖެހިއެވެ. އެވަގުތު އަހަރެންގެ ނޭފަތުން ލޭ އަންނަން ފެށިއެވެ.

އަހަރެންގެ ނޭފަތް ފެހެލުމަށް ޓިޝޫކޮޅެއް ދޭން ބުނުމުން ޓިޝޫ ކޮޅެއްވެސް ނުދިނެވެ. ފަހުން އެހެން މީހަކު އައިސް ޓިޝޫކޮޅެއް ދިނެެވެ.

ދެން އެމީހާ އެންގީ ސަޖިދަ ޖަހާށެވެ. އަހަރެން ސަޖިދަ ޖަހާނީ ހެއްދެވި ފަރާތަށް އެކަނި ކަމުގައި، އެ ވަގުތު ބުނީމެވެ. އެހިނދު އޭނާ ވަރަށް ބާރަށް އަހަރެން ވާއަތު ފަލަމަސްގަނޑުގައި ޖެހިއެވެ.

ދެން އަހަރެން އެތާ ބޭންދިއެވެ. އެމީހުން ޕާނެއް ޓޯސްޓް ކުރަން ފެށިއެވެ. އަދި ބަނޑުހައި ވަންޏާ ޗީޒްއާއެކު ޕާންކޮޅެއް ކާން ބުންޏެވެ. އެވަގުތު ހޫނުކޮށްފައިވާ ޗީޒް އަހަރެންގެ އަތްދަނޑި މައްޗަށް ހުކަމުން ދިޔައެވެ. އެވަގުތުވެސް ބުނަމުން ދިޔައީ އެމީހުންނާ ދިމާއަށް ގާ އުކާކަމަށް އެއްބަސްވުމަށެވެ.

އެހެންނަމަވެސް، އަހަރެންނަށް އެޅި ވޭނާ ކެކުޅުމުގެ ސަބަބުން އަހަރެން ގެއަށް ދާން ބޭނުންވިއެވެ. އެހެނީ، އަހަރެން އެކަމަށް އެެއްބަސްވެެއްޖެނަމަ ގެއަށް ފޮނުވާލަފާނެ ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ.

ދެން ކުރި ސުވާލަކީ، އެއް ގާ ބުރިތޯ ނޫނީ އެއަށްވުރެ ގިނައިންތޯ؟ އަހަރެން ޖަވާބުގައި ބުނީ، އެއްލީ އެންމެ ގާ ބުރިއެއް ކަމަށެވެ.

ދެނ،ް އަހަރެންނާއެކު އެހެން މީހަކު ގާއުކުމުގައި ބައިވެރިވިތޯ އަހަން ފަށައިިފިއެވެ. އަހަރެން ބުނީ، އެކަން ކުރީ އަހަރެން އެކަނި ކަމަށެވެ. އެންމެފަހުން، އަހަރެންގެ ފިންގަރޕްރިންޓް ނަގައި ބަޔާނުގައި ސޮއިކުރުވިއެވެ. އަހަރެންނަށް އެ ބަޔާނުގައި ލިޔެފައި އޮތީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. އެންމެފަހުން އަހަރެން ގެއަށް ފޮނުވާލިއެވެ. އެއިރު ދެންތިބި ކުދިން އުޅޭ ޙާލެއް އަހަންނަކަށް ނޭނގެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު