ޑީއާރުޕީގެ ދަރަނީގެ މައްސަލައިގައި އެމްޓީސީސީ އިން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ދަރަނީގެ މައްސަލައިގައި އެމްޓީސީސީން މައުމޫންގެ މައްޗަށް ދައުވާ އުފުލީ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވާތީ ކަމަށް ބަޔާންކުރަމުންނެވެ.
އެހެންނަމަވެސް، އެ މައްސަލައިގައި މިމަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓުން ނިންމީ ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އެ ހުކުމް އެމްޓީސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން މިމަހުގެ ނުވައެއްގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އެމްޓީސީސީން މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވަނީ، މިމަހުގެ 10 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށް ވުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ހައިކޯޓުން ފާހަގަކުރައްވައެވެ.
ޑީއާރްޕީ އިން އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.1 މިލިއަން ރުފިޔާއަށް އަރައެވެ.
މި ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން އިންކާރު ކުރައްވައި ވިދާޅުވެފައިވަނީ ދަރަނި ސާބިތުވެ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ޤާނޫން ވުޖޫދުވުމުގެ ކުރިން ކަމަށާއި އެހެންވެ އެ ޤާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.
ހަމައެހެންމެ، ދަރަނި އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ވިދާޅުވެފައިވާއިރު، ދަރަނި އުފެދުނު ކަމަށް ބުނާ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަންގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.