12 ފެބުރުވަރީ 2025

އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ފުވައްމުލަކުގައި ހަމަނުޖެހުންތަކެއް ހިނގައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

ރޭ ހިނގި ހަމަނުޖެހުމެއްގައި ހަތަރު ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ފަށަައިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނީ ފިރިހެން ތިން ފުލުހަކަށާއި އަންހެން ފުލުހަކަށް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

އެ ސަރަހައްދަށް އެއްވެ ތިބި މީހުން ރައީސް ޞާލިހްގެ އިސްތިއުފާއަށް ގޮވަމުން ދިޔައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤަގައްޔޫމް ދޫކޮށްލަންވެސް ގޮވާލާފައިވާއިރު، މި ސަރުކާރުން ފުވައްމުލައް ސިޓީއަށް ވީ ވައުދުތައް ފުއްދަންވެސް ވަނީ ގޮވާލާފައެވެ.

މަސްލަހަތު ގޯސްވީ އެމްޑީޕީގެ ޖަލްސާ އޮތް ތަނާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭއެއްގައި ތިބި އިދިކޮޅު މީހުންގެ ތެރެއިން އެކަކު ފުލުހުން ހިފެހެއްޓުމުން ކަމަށް ޚަބަރު ލިބެއެވެ. ފުލުހުން އެ މީހާ ހިފެހެއްޓީ ކޮން ސަބަބަކާ ހުރެކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެސްއޯ ފުލުހުންނާ ދިމާއަށް އާންމުންގެ ބަޔަކު ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުންދާއިރު،  ވެއްޓިފައިވާ އާންމުންގެ މީހަކު ނަގައިގެން ފުލުުހުން ގެންދާ މަންޒަރު ވެސް އެއް ވީޑިއޯއަކުން ފެނެއެވެ.

ރޭ ފުވައްމުލަކުގެ ބަޔަކު ފުލުހުންނާ ކުރިމަތިލުމުން އެ މީހުން ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ވަނީ ބޭނުންކޮށްފައެވެ.

ރައީސް ޞާލިޙް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން ވެސް އިދިކޮޅުން އިހުތިޖާޖު ކުރިއެވެ. އެ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައިވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށާއި ރައީސް ޞާލިހުގެ އިސްތިއުފާ އަށް ގޮވާ މީހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާކުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފު ފިނޑި އަމަލެއް ކަމަށް ސިފަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު