ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ޙަސަން އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކާގައި ގައެވެ.
ޢުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.
ފާތިމަތު ޙަސަން އަވަހާރަވިއިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ފާތިމަތު ޙަސަންއަކީ ކުރީގެ ރައީސް މައުމޫންގެ ދޮންމަންމާފުޅުވެސް މެއެވެ.
ފާތިމަތު ޙަސަންއަކީ ނ.ވެލިދޫއަށް އުފަން ބޭފުޅެކެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އިދިކޮޅު މެންބަރުންނާއި، އެހެނިހެން ސިޔާސީ ފަރާތްތަކުން އަންނަނީ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.މަންމާފުޅު އަވަހާރަވީއިރު، ރައީސް ޔާމީން ހުންނެވީ ޖަލުގައެވެ.ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު